ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހައްޔަރުކުރެއްވުމަށް ޞައްޙަ ނޫން ކޯޓް އަމުރެއް ނެރުމުގެ ފަހަތުގައި ހުންނެވީ ކުރީގެ ނައިބު ރައީސް މުޙައްމަދު ޖަމީލު އަޙުމަދު ކަމަށް ބުނެ ފުލުހަކު ހެކިބަސްދީފިއެވެ.
އެމީހާ މިހެން ބުނެފައިވަނީ ސައްހަ ނޫން ކޯޓް އަމުރެއް ނެރުނު މައްސަލާގައި ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒު މުހުސިންއާއި ދެކޮޅަށް ދައުލަތުން ދައުވާކުރާ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައެވެ.
ކާކުކަން ނޭގޭގޮތަށް އަޑުބަދަލުކޮށްގެން ސިއްރުން ހެކިބަސް ދިން މީހާ ބުނެފައިވަނީ ފެބުރުއަރީ މަހުގެ ހަވަނަދުވަހު ޖަމީލް އޭނާއަށް ގުޅުއްވާ މުހުތާޒު މުހުސިންއާއި ބައްދަލަކުރެއްވުމަށް އެދިވަޑައިގެންނެވިކަމަށެވެ. އަދި އޭނާ މުހުތާޒާއި ބައްދަލުކުރައްވަން އެދިވަޑައިގަތީ ރައީސް ޔާމީން ހައްޔަރުކުރެއްވުމަށް ސައްޙަނޫން ކޯޓް އަމުރެއް ނެރުމުގެ ކަންތަކުގައިކަމަށް ޖަމީލު ވިދާޅުވިކަމަށްވެސް އެމީހާ ބުނެފައިވެއެވެ. އަމުރު ނެރެނީ ޚިޔާނާތުގެ މައްސަލާގައި ރައީސް ޔާމީން ހައްޔަރުކުރައްވާ ސަރުކާރު ވައްޓާލުމުގެ ގޮތުންކަމަށްވެސް ހެކިބަސް ދިން މީހާ ބުނެފައިވެއެވެ. އަދި އެރޭ ލޯންޗެއްގައި އޭނާއާއި އިތުރު ދެމީހަކާ މުހުތާޒު މުހުސިނާއި ލޯންޗެއްގައި ނައްޓާލިކަމަށާއި ލޯންޗް ދަނީ މާމިގިއްޔަކަމަށް މުހުތާޒު ވިދާޅުވިކަމަށްވެސް އެމީހާ ބުނެފައިވެއެވެ. އަދި އެ ކަމުގައި އެމްޑީޕީގެ އިސް މެމްބަރެއްކަމަށްވާ އަކުރަމު ކަމާލުއްދީން ބައިވެރިވެފައިވާކަމަށްވެސް ހެކިބަސްދިން މީހާ ބުނެފައިވެއެވެ.
މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި މުހުތާޒާއެކު މާމިގިއްޔަށް ދިޔަ އަނެއް ދެމީހުންވެސް ހެކިބަސް ދީފައިވެއެވެ. އެހެންނަމަވެސް ކޯޓް އަމުރު ނެރުމުގެ ފަހަތުގައި ޖަމީލު ހުންނެވިކަމަށް މި މީހުން ބުނެފައެއްނުވެއެވެ. މި މައްސަލާގެ އަޑުއެހުމެއް މިރެއަށްވެސް ތާވަލްކުރައްވާފައިވެއެވެ. މިރޭގެ އަޑުއެހުމުގައިވެސް އޮންނާނީ ހެކިންގެ ހެކިބަސް ނެގުމެވެ.