ޖަރުމަން ލީގުގައި މިރޭ ރަށުން ބޭރުގައި ވާޑާ ބްރޭމަން 0-5 ގެ ނަތީޖާއަކުން ބަލިކޮށް، ބަޔާން މިއުނިކުން ސައްތައިން ސައްތައިގެ ރިކޯޑު ދަމަހައްޓައިފިއެވެ.
މި ނަތީޖާއާއެކު ބަޔާން އެއްވަނައިގައި އޮތީ މިހާތަނަށް ކުޅުނު ހަތަރު މެޗުން 12 ޕޮއިންޓް ހަމަކޮށްގެންނެވެ. އޭގެ ތިން ޕޮއިންޓް ފަހަތުން ދެވަނައިގައި ފްރެއިބާގް އޮތްއިރު، ތިންވަނައިގައި އޮތް ޔޫނިއަން ބާލިންއަށް ހަތަރު މެޗުން ލިބިފައިވަނީ އަށް ޕޮއިންޓެވެ. މި ވަގުތު ހަތަރުވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމުންޑަށް އެއް މެޗު މަދުން ކުޅެގެން ލިބިފައިވަނީ ހަތް ޕޮއިންޓެވެ.
ބްރޭމަންގެ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ބަޔާނުން ޖެހި ފަސް ލަނޑުގެ ތެރެއިން ދެ ލަނޑު ޖަހައިދިން ފްރާންސްގެ ވިންގް މައިކަލް އޮލީސޭ ވަނީ މެޗު ފެށިގެން 23 ވަނަ މިނެޓުގައި އެ ޓީމުގެ އިނގިރޭސި ފޯވާޑް ހެރީ ކޭން ދިން ބޯޅައަކުން ލީޑު ނަގައިދީފައެވެ. އޭގެފަހުން މެޗުގެ 32 ވަނަ މިނެޓުގައި އޮލީސޭ ދިން ބޯޅައަކުން ޖަމާލް މުސިއާލާ ކާމިޔާބުކުރި ލަނޑާއެކު، ބަޔާނުން ފުރަތަމަ ހާފު ނިންމާލީ 2-0 ގެ ނަތީޖާއަކުން ކުރީގައި އޮވެގެންނެވެ.
މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށިތާ 12 ވަރަކަށް މިނެޓުގެ ތެރޭގައި އޮލީސޭ ދިން ބޯޅައަކުން ކޭން ވަނީ ބަޔާންގެ ތިންވަނަ ލަނޑު ޖަހައިދީފައެވެ. މިއީ މި ފަހަރުގެ ސީޒަނުގެ ހުރިހާ މުބާރާތެއްގައި ކޭން ޖެހި 10 ވަނަ ލަނޑެވެ. އަދި މިއީ ޖަރުމަން ލީގުގައި ކޭން މިހާތަނަށް ކާމިޔާބުކުރި 41 ވަނަ ލަނޑެވެ. އެއާއެކު ކޭން ވަނީ ޖަރުމަން ލީގުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހި އިނގިރޭސި ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ.
މެޗުގެ 60 ވަނަ މިނެޓުގައި އޮލީސޭ ވަނީ މި މެޗުގައި އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މިއީ ބަޔާނަށް އެންމެ ފަހުން ކުޅުނު ތިން މެޗުގައި އޭނާ ޖެހި ފަސްވަނަ ލަނޑެވެ. އޭގެ ފަހުން މެޗުގެ 65 ވަނަ މިނެޓުގައި ބަޔާންގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދިނީ މި ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޖަރުމަނުގެ ވިންގް ސާޖް ގްނާބްރީއެވެ.
މި މޮޅާއެކު ބަޔާންގެ އައު ކޯޗު ވިންސެންޓް ކޮމްޕެނީގެ އިރުޝާދުގެ ދަށުން ކުޅުނު ހަ މެޗުންވެސް އެ ޓީމު ވަނީ މޮޅުވެފައެވެ. އަދި މިދިޔަ ހަފުތާގައި ހޮލްސްޓައިން ކީލްއާ ދެކޮޅަށް ކުޅުނު މެޗު 6-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، އަދި މިދިޔަ އަންގާރަ ދުވަހު ޔުއެފާ ޗެމްޕިއަންސް ލީގުގައި ޑީނަމޯ ޒެގްރެބް އަތުން 9-2 ގެ ނަތީޖާއަކުން މޮޅުވުމާއެކު، ބަޔާނުން ވަނީ ހުރިހާ މުބާރާތެއްގައި އެންމެ ފަހުން ކުޅުނު ތިން މެޗުގައި ޖުމްލަ 20 ލަނޑު ޖަހާފައެވެ.
ލީގުގައި ބަޔާނަށް ދެން އޮތީ އަންނަ ހޮނިހިރު ދުވަހު އަމިއްލަ ދަނޑުގައި އެންމެ ފަހުގެ ޗެމްޕިއަން ބަޔާ ލެވަކޫސަންއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ.