އަންނަ ބުރާސްފަތި ދުވަހު ޔުއެފާ ޔުރޮޕާ ލީގުގައި އިޓަލީގެ އޭއެސް ރޯމާއާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި އެތުލެޓިކް ބިލްބާއޯގެ ހުނަރުވެރި ވިންގް ނިކޯ ވިލިއަމްސްއަށް ކުޅެވިދާނެ ކަމާ މެދު ސުވާލު އުފެދިފައިވާ ކަމަށް އެ ޓީމުގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ބުނެފިއެވެ.
އުމުރުން 22 އަހަރުގެ ވިލިއަމްސްއަށް އަނިޔާވީ ލީގުގައި އެންމެ ފަހުން ރަށުން ބޭރުގައި ލެގަނޭސް އަތުން 2-0 ގެ ނަތީޖާއަކުން ބިލްބާއޯ މޮޅުވި މެޗުގައެވެ. ވިލިއަމްސްގެ ވާތުފައިގެ ކުޑަހުޅަށް ލިބުނު މި އަނިޔާގެ ސަބަބުން ވަނީ އެ މެޗުގެ ދެވަނަ ހާފުގައި ބަދަލުކޮށްފައެވެ.
ބިލްބާއޯގެ ކޯޗު ވަލްވާޑޭ ބުނީ ވިލިއަމްސްއަށް ލިބިފައިވާ އަނިޔާއިން ރަނގަޅުވެ، ޔުރޮޕާ ލީގުގައި އެ ޓީމުގެ ފުރަތަމަ ކުރިމަތިލުމުގައި ކުޅެވޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ. ނަމަވެސް އޭގެ ކުރިން ލީގުގައި އެ ޓީމުން އަމިއްލަ ދަނޑުގައި ސެލްޓަ ވިގޯއާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި އޭނާއަށް ބައިވެރިނުވެވޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.
"ރޯމާއާ ދެކޮޅަށް އޭނާ ފިޓްވާނެ، ބަލަމާ ހިނގާ،" ވަލްވާޑޭ ބުންޏެވެ.
ވަލްވާޑޭ ބުނީ، ވިލިއަމްސް އަކީ ބިލްބާއޯއަށް ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށާއި، އެހެންކަމުން އޭނާގެ އުއްމީދަކީ ވީހާވެސް އަވަހަކަށް ވިލިއަމްސް ޓީމާ ގުޅުން ކަމަށެވެ.
މިދިޔަ ސީޒަނުގައި ބިލްބާއޯއަށް ސްޕެނިޝް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި ވިލިއަމްސް ވަނީ އެންމެ ފަހުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ސްޕެއިން ޓީމުގައި މޮޅު ކުޅުމެއް ދައްކާފައެވެ.