އިޓާލިއަން ލީގުގައި ރޭ ކުޅުނު މެޗުގައި ޔުވެންޓަސް އާއި ނާޕޮލީ ލަނޑެއް ނުޖެހި އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އަރަން ލިބުނު ފުރުސަތު ނަގާލައިފިއެވެ.
މިއީ ޔުވެންޓަސް އިން ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުގެ ތެރެއިން ލަނޑެއް ނުޖެހި އެއްވަރުވި ތިންވަނަ ފަހަރެވެ. އަނެއްކޮޅުން، މި މެޗުން އެއްވަރުވުމާއެކު ނާޕޮލީން ދަމަހައްޓަމުންއައި މޮޅުވުމުގެ ރެކޯޑް ވަނީ ތިން މެޗަށްފަހު ނިމުމަކަށް އައިސްފައެވެ.
މި ނަތީޖާއާއެކު އަދިވެސް އެއްވަނައިގައި އުޅެނީ ޓޮރީނޯ އެވެ. އެ ޓީމަށް މިހާތަނަށް ކުޅުނު ފަސް މެޗުން 11 ޕޮއިންޓް ލިބިފައިވާއިރު، އެއް މެޗު މަދުން ކުޅެގެން 10 ޕޮއިންޓާއެކު ދެވަނައިގައި އޮތީ އުދިނޭޒީ އެވެ. ތިންވަނައިގައި އޮތް ނާޕޮލީ އަށް ފަސް މެޗުން ލިބިފައިވަނީ 10 ޕޮއިންޓެވެ. ޔުވެންޓަސް އޮތީ ފަސް މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު ހަތަރެއްގައެވެ.
އެލިއާންޒް ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގައި ދެ ޓީމަށް ވެސް ގޯލެއް ކާމިޔާބުކުރެވިފައިނުވާއިރު، ފުރަތަމަ ހާފުގައި ނާޕޮލީ އަށް ލަނޑެއްޖަހަން ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި އެ ޓީމުގެ ސްކޮޓްލެންޑް މިޑްފީލްޑަރު، ސްކޮޓް މެކްޓޮމިނޭ ފޮނުވާލި ބޯޅަ ޔުވެންޓަސްގެ ކީޕަރު، މިޝޭލް ޑި ގްރެގޯރިއޯ ވަނީ މަތަކޮށްފައެވެ.
އޭގެފަހުން، މެޗުގެ ފުރަތަމަ ހާފު ނިމެންދަނިކޮށް، ނާޕޮލީގެ މަޓެއޯ ޕޮލިޓާނޯ ހިލޭޖެހުމަކުން ފޮނުވާލި ބޯޅަ ވެސް ޔުވެންޓަސްގެ ކީޕަރު، ގްރެގޯރިއޯ ހުއްޓުވިއެވެ.
ދެވަނަ ހާފުގެ ކުރީކޮޅު، ގޯލާއި ގާތްގަނޑަކަށް 18 ޔާޑު ދުރުން ޕޮލިޓާނޯ ފޮނުވާލި ބޯޅަ ހުރަސްދަނޑިމަތިން ބޭރަށްދިޔައިރު، މި ހާފުގައި ޔުވެންޓަސްގެ ނެދަލެންޑްސް މިޑްފީލްޑަރު، ޓެއުން ކޫޕްމެއިނާސް ފޮނުވާލި ބޯޅަ ވެސް ދިޔައީ ހުރަސްދަނޑިމަތިންނެވެ.
ލީގުގައި ނާޕޮލީ ދެން ކުޅޭ މެޗުގައި އަންނަ އާދީއްތަ ދުވަހު އަމިއްލަ ދަނޑުގައި މޮންޒާއާ ދެކޮޅަށް ނިކުންނައިރު، އޭގެ އެއްދުވަސް ކުރީން ރަށުން ބޭރުގައި ޔުވެންޓަސް ނިކުންނާނީ ޖެނޯއާ އާ ދެކޮޅަށެވެ.