ކުޅިވަރު

"ނޯމަލައިޒޭޝަން ކޮމިޓީގެ މަސައްކަތާ ހަވާލުވީ ގައުމީ ކަމެއްގެ ގޮތުގައި ދެކިގެން"


ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާ އިން އެކުލަވާލި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ނޯމަލައިޒޭޝަން ކޮމިޓީގެ މަސައްކަތާ ހަވާލުވީ ގައުމީ ކަމެއްގެ ގޮތުގައި ދެކިގެން ކަމަށް އެ ކޮމިޓީގެ ޗެއާމަން އަޙްމަދު ޒުހޫރު ވިދާޅުވެއްޖެއެވެ. ޒުހޫރު މިހެން ވިދާޅުވީ ނޯމަލައިޒޭޝަން ކޮމިޓީގެ މަސައްކަތްތަކާ ގުޅޭގޮތުން މިދިޔަ ބުދަ ދުވަހު ގައުމީ ފުޓްބޯޅަ ދަނޑުގެ ވީއައިޕީ ރޫމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިންނެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޒުހޫރު ވިދީޅުވީ ފީފާއިން އެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާން އެދުމުން އިޖާބަދިނީ ކަމަށެވެ. އަދި އެ މަސައްކަތާ ހަވާލުވީ އަމިއްލަ އެއްވެސް ބޭނުމެއް އޮވެގެން ނޫން ކަމަށާއި، އެންމެ ބޮޑު އަމާޒަކީ އެއް އަހަރުގެ ތެރޭގައި އެފްއޭއެމް ހަމަމަގަށް އެޅުވުން ކަމަށެވެ. އަދި އެފްއޭއެމް ސަސްޕެންޑް ވެގެންދިޔުމަކީ ރާއްޖޭގެ ޒުވާނުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ގެއްލުމެއް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

"އެފްއޭއެމް އެފަދަ ހާލަތަކަށް ދިޔަ ނުދިނުމަށް ކުރެވެންހުރި ހުރިހާ ކަމެއް އަޅުގަނޑުމެން ކުރާނަން. ސަރުކާރުންވެސް ކޮމިޓްމެންޓް ދިން އެފްއޭއެމް އެ ހާލަތަށް ދިޔަނުދީ، އެއްބާރުލުން ދެއްވާނެ ކަމަށް." ޒުހޫރު ވިދާޅުވިއެވެ.

ޒުހޫރު ވިދާޅުވީ އެފްއޭއެމްގައި ހުރި މައްސަލަތައް ހައްލުކުރުމަށް ކުޅިވަރާ ބެހޭ ވުޒާރާ އާއި ކޮމިޝަނަރ އޮފް ސްޕޯޓްސް އަދި ކުޅިވަރާ ބެހޭ ގައުމީ މަޖިލީހާއެކު ގާތުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި ހުރިހާ އެންމެން ގުޅިގެން ކުރަމުންދާ މަސައްކަތަކީ ފުޓްބޯޅަ ދިރުވުން ކަމަށާއި، ބޭނުމަކީ ވީ އެންމެ އަވަހަށް ފުޓްބޯޅަ އަލުން ކޮޅަށް ޖެހުން ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.