ލޮނުފެނުން މަސް ފިނިކުރާ ނިޒާމާއެކު އައިސް ހޯދަން ދޯނިތަކުން ކުރާ ހޭދަ ވަރަށް ބޮޑަށް ކުޑަ ވެގެންދާނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެވެ.
ވަޒީރު މިހެން ވިދާޅުވީ މަސް ދޯނިތަކުގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމް ގާއިމްކުރުމަށް ލޯނު ދޫކުރުމުގެ މަޝްރޫއު އަލުން މުރާޖަޢާކޮށް އެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުންނެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވީ ލޯނު ދޫކުރުމުގެ ޕްރޮގްރާމަކީ މީގެ ކުރިންވެސް ކުރިއަށް ގެންދަން މަސައްކަތްކޮށްފައިވާ ޕްރޮގްރާމްއެއްކަމަށާއި، ނަމަވެސް ބައެއް ސަބަބުތަކާއި ހުރެ އެންމެ އެދެވޭ ނަތީޖާއެއް ލިބިފައިނުވާކަމަށެވެ.
ވަޒީރު ވިދާޅުވީ އައިސް ލިބުމުގެ މައްސަލައަކީ މަސްވެރިންނަށް އޮތް ބޮޑު ދައްޗެއްކަމަށެވެ. އަދި އެ ކަމަކީ ވަރަށް ބޮޑު ހޭދައެއް މަސްވެރިން ކުރަން ޖެހޭކަމެއްކަމަށާއި ޒަމާނާއެއްގޮތަށް ދިވެހިރާއްޖޭގައި މަސްވެރި އުޅަނދުތައް ބަދަލުވަމުން ދާއިރު މަސްވެރި އުޅަނދުތަކަށް ބޭނުންވާ އައިސްއަކީ ވަރަށް މުހިންމު އެއްޗެއްކަމަށެވެ.
ވަޒީރު ވިދާޅުވީ މަސް ކިރަން ދާއިރު މަހުގެ ތާޒާކަން ހިފެހެއްޓިފައި ހުންނަނަމަ މަހަށް ރަނގަޅު އަގެއް ލިބޭކަމަށެވެ. އެހެންކަމުން ލޮނު ފެނުން މަސް ފިނިކުރާ ނިޒާމު ޤާއިމްކުރުމުން އެކަމަށްވެސް މަގުފަހިވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
" އާރްއެސްޑަބްލިއު ދޯނީގައި ހަރުކުރެވުނީމައި ވަރަށް ބޮޑުތަނުން ތެލަަށް ކުރާ ހޭދަ އެއީ އައިސް ހޯދަންވިން ދުއްވަން ކުރާ ހޭދައާއެކީގައި އައިސް ގަންނަން ކުރާ ހެދަ މަސްވެރިންނަށް ވަރަށް ބޮޑަށް ސޭވް ކުރެވިގެން ދާނެ" ޝިޔާމް ވިދާޅުވިއެވެ.
މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވީ މި ހުޅުވާލެވެނީ ލައިވްސް އެންޑް ލައިވްލީ ފަންޑުގެ އެހީގައި އާރްއެސްޑަބްލިއު ސިސްޓަމް ގާއިމްކުރުމަށް އެސްއެމްއީ ފައިނޭސް ޑިވްލޮޕްމަންޓާއި ގުޅިގެން ހިނގާ ލޯން ޕްރޮގްރާމެއްކަމަށެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލައްތަކާބެހޭ ވުޒާރާއިން ވިދާޅުވީ މި ލޯން ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ސަރުކާރުގެ މަސްވެރިކަމުގެ ސިޔާސަތުތާކާއި އެއްގޮތަށް މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފައިދާހުރި އިންވެސްޓްމެންޓްގެ ގޮތުގައި ޒަމާނީ ފެންވަރަށް މަސްދޯނިތައް ތަރައްްގީކުރުންކަމަށެވެ.
އެ ވުޒާރާއިން ވިދާޅުވީ މި ޕްރޮގްރާމް އަލުން ފެށީ މަސްވެރިނަށް ލުއި ފަސޭހަތަކެއް ހޯދައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އިތުރު ލުއިފަސޭހަތައް ހިމަނަައިގެން ކަމަށެވެ. އެގޮތުން މި ލޯނުގެ ދަށުން ނަގާ ތަކެތީގެ 35 އިންސައްތަ އަނބުރާ ދައްކާކަށް ނުޖެހުމުގެ އިތުރުން ފައިސާދައްކާއިރު މަހުންމަހަށް ދައްކަން ޖެހޭ އަދަދު ކުޑަވެގެން ދާނެކަމަށް އެ ވުޒާރާއިން ވިދާޅުވެވެ.
މި މަޝްރޫއުގެ ދަށުން 2 މިލިޔަނާއި ހަމައަށް ފައިނޭސް ހަމަޖެހިގެންދިޔުމާއި ލޯނު ދެއްކުމަށް 6 މަސް ދުވަހުގެ ގްރޭސް ޕީރިއަޑްގެ ލިބުމުގެ އިތުރުން 10 އަހަރަށް ބަހާލައިގެން ލޯނު ދެއްކޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ އިސްލާމިކް ޑިވްލޮޕްމަންޓް ބޭންކާއި ލައިވްސް އެންޑް ލައިވްލިހުޑް ފަންޑުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއަށް އެޕްލިކޭޝަން ހުށައެޅުމުގެ ފުރުސަތު މިހާރު ހުޅުވާލެވިފައިވާކަމަށެވެ.