ޚަބަރު

އެކައުންޓިންނާއި ފައިނޭންސް ދާއިރާއިން އެސްއޯއީތަކަށް އައްޔަންކުރާނެ ޑިރެކްޓަރުންގެ ޕޫލެއް


  • ޑިރެކްޓަރުންގެ ޕޫލުގައި 48 މީހަކު ހިމެނޭ

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑަށް އައްޔަން ކުރާ އެކައުންޓްސް އަދި ފައިނޭންސް ދާއިރާގެ ޑިރެކްޓަރުންގެ ޕޫލު އާންމުކޮށްފިއެވެ.

މި ޕޫލް އެކުލަވާލާފައިވަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓޭޒަޝަން ބޯޑުންނެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީސީބީން އެކައުންޓިން އަދި ފައިނޭންސް ދާއިރާއިން ކުންފުނިތަކަށް އައްޔަންކުރާނެ ޑިރެކްޓަރުންގެ ޕޫލެއް އެކުލަވާލުމުގެ މަސައްކަތް ފެށީ މިއަހަރުގެ ޖުލައި މަހުއެވެ. މިއީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑާއި ކުންފުނިތަކުގެ އިންޓަރނަލް އޮޑިޓް ކޮމިޓީތަކުގެ މަސައްކަތް ހަރުދަނާ ކުރުމުގެ ދަށުން ޕީސީބީން ފެށި މަސައްކަތެކެވެ.

ޕީސީބީން އާންމުކޮށްފައިވާ ޑިރެކްޓަރުންގެ ޕޫލުގައި 48 މީހަކު ހިމެނެއެވެ. މި ޕޫލު އެކުލަވާލާފައިވަނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ޤާނޫނުގައިވާ ގޮތުގެ މަތިން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް ޑިރެކްޓަރުން އައްޔަންކުރުމުގައި އަމަލުކުރާ އުސޫލާއި "ކޯޕަރޭޓް ގަވަނަންސް ކޯޑް ފޯރ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް"ގައި ބަޔާންކުރާ މިންގަނޑުތަކުގެ ތެރެއިންނެވެ.

ޕީސީބީން ކުރިން ބުނެފައިވާ ގޮތުގައި އޮޑިޓް ކޮމެޓީގައި ހިމަނަން ޖެހޭ އެކައުންޓްސް ދާއިރާގެ ތަޖުރިބާ ހުރި ޑިރެކްޓަރުންގެ މަޤާމަށާއި މުޅި ކުންފުނީގެ އިންޓަރނަލް ކޮންޓްރޯލްސް އަދި ރިސްކް މެނޭޖްމެންޓް ހަރުދަނާ ކުރުމަށާއި މާލީ ގޮތުން ފުދުންތެރި ކުންފުންޏަކަށް ހެދުމަށް އިރުޝާދު ދެވޭނެ ފަދަ ފަންނީ ފަރާތްތައް ހޯދަންޖެހެއެވެ. މި ބަދަލާއެކު ކުންފުނިތަކުގެ ބޯޑުގައި އެކައުންޓިން އަދި ފިނޭންސް ދާއިރާގެ ތަޖުރިބާ ހުރި އަދި އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް އެކައުންޓެންޓްސް (އައިފެކް) އިން ޤަބޫލުކުރާ ފެންވަރުގެ ފަންނީ ފަރާތްތައް ހިމެނޭކަން ކަށަވަރު ކުރެވިގެންދާނެ ކަމަށް ޕީސީބީން ބުނެއެވެ.

ޕީސީބީން ކުންފުނިތަކަށް ޑިރެކްޓަރުން އައްޔަން ކުރާނީ ނޮން އެގްޒެކެޓިވް ޑިރެކްޓަރުންގެ ގޮތުގައެވެ. ކުންފުނިތަކުގެ ބޯޑަށް ޑިރެކްޓަރުން އައްޔަންކުރާނީ ޑިރެކްޓަރުންގެ ޕޫލްގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ތަޢުލީމާއި ތަޖުރިބާއަށް ބަލައި ޕީސީބީން އެކަމަށް ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން އެކުންފުންޏަކަށް އެންމެ އެކަށީގެންވާ ފަރާތްތައް ކަމަށް ޕީސީބީން ބުނެއެވެ.