ޚަބަރު

ކޮރަޕްޝަންގެ މައްސަލަތަކުގައި ޕީޖީ އޮފީހާއި އޭސީސީން އެއް އަމާޒަކަށް މަސައްކަތް ކުރުން މުހިންމު: ޕީޖީ


  • އޭސީސީގެ އިންވެސްޓިގޭޓަރުންނަށް އިތުރު އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރުކަމަށް ޕީޖީ ވިދާޅުވި

  • ކޮރަޕްޝަންގެ މައްސަލަތަކުގެ ތަހުގީގު އަވަސް ކުރަން ޖެހޭކަން ޕީޖީ ފާހަގަކުރެއްވި

ކޮރަޕްޝަންގެ މައްސަލަތައް ކޯޓު މަރުހަލާއިން ކާމިޔާބު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން، (އޭސީސީ) އާއި ޕްރޮސެކިއުޓަރ ޖެނެރަލް، (ޕީޖީ) އޮފީސް ގުޅިގެން އެއް އަމާޒަކަށް މަސައްކަތް ކުރުން މުހިންމު ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ޖަސްޓިސް (ރިޓަޔަރޑް) އަލްއުސްތާޛް ޢައްބާސް ޝަރީފު ވިދާޅުވެއްޖެއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް މިހެން ވިދާޅުވީ، މަގާމާއި ހަވާލުވެވަޑައިގަތުމަށް ފަހު އޭސީސީގެ ރައީސް އަލްއުސްތާޛް އާދަމް ޝާމިލްއާއެކު ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައެވެ.

އޭސީސީގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި އޭސީސީގެ ރައީސް ވަނީ ޕީޖީގެ މަގާމަށް ޢައްބާސް ޝަރީފް އައްޔަންކުރެއްވުމާ ގުޅިގެން އެމަނިކުފާނަށް މަރުހަބާ ދަންނަވާފައެވެ.

މިބައްދަލުކުރެއްވުމުގައި ޕީޖީ ވިދާޅުވީ ރާއްޖެއިން ކޮރަޕްޝަން ނައްތާލުމަށް އޭސީސީން ކުރަމުންދާ މަސައްކަތުގައި ޕީޖީ އޮފީހުގެ ފުރިހަމަ އެއްބާރުލުމާ އެހީތެރިކަން ލިބޭނެ ކަމަށެވެ. އަދި ކޮރަޕްޝަންގެ މައްސަލަތައް ކޯޓުގައި ކާމިޔާބު ކުރުމަށްޓަކައި ދެ މުއައްސަސާ އެއް އަމާޒަކަށް މަސައްކަތްކުރުމުގެ މުހިންމުކަން ޕްރޮސެކިއުޓަރ ޖެނެރަލް ފާހަގަކުރެއްވިއެވެ. އެގޮތުން ކޮރަޕްޝަން މައްސަލަތަކުގެ ތަޙުޤީޤުތައް އިތުރަށް ހަރުދަނާކޮށް މިހާރަށްވުރެ ވަރުގަދަ ކުރުމަށްޓަކައި އިންވެސްޓިގޭޓަރުންނަށް، ޕްރޮސެކިއުޓަރުންގެ އިތުރު އެހީތެރިކަން ބޭނުންވާނަމަ، އެކަމަށް މަގު ފަހިކޮށްދެއްވާނެކަމަށް ޕީޖީ އައްބާސް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ކޮރަޕްޝަންގެ މައްސަލަތަކުގެ ތަޙުގީގުތައް މިހާރަށްވުރެ އަވަސްކުރެއްވުމަށް ޕްރޮސެކިއުޓަރ ޖެނެރަލް ބާރުއެޅުއްވިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ދެވަނައަށް އެންމެ ގިނަ މައްސަލަ ހުށަހަޅަނީ އެންޓި ކޮރަޕްޝަން ކޮމިޝަނުން ކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަޙުޤީޤުކޮށް ހުށަހެޅި 5 މައްސަލައެއްގައި ދަޢުވާކުރުމަށް އެއޮފީހުން ކޯޓަށް ވަނީ ހުށަހަޅާފައެވެ. އަދި މިއަހަރުގެ މިހާތަނަށް 11 މައްސަލައެއް އޭސީސީން ޕީޖީގެ މަޝްވަރާ ނުވަތަ ޑިއުޓީ ޕްރޮސިކިއުޝަނަށް ހުށަހަޅާފައިވާކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޢައްބާސް ޝަރީފު މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ޖިނާއީ ޢަދުލުގެ ނިޒާމުގައި މަސައްކަތްކުރާ އިދާރާތަކުގެ ވެރިންނާ ގެންދަވަނީ ވަކިވަކިން ބައްދަލުކުރައްވަމުންނެވެ. އެގޮތުން އާދީއްތަ ދުވަހު ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުއާ ބައްދަލުކުރައްވާފައިވެއެވެ. އަދި ބުރާސްފަތި ދުވަހު ދައުލަތުގެ ބަންޑާރަ ނާއިބާވެސްވަނީ ބައްދަލުކުރައްވާފައެވެ.