އާސެނަލާއި ޗެލްސީއަށް މީގެ ކުރިން ކުޅެފައިވާ ފޯވާޑް އޮލިވިއޭ ޖިރޫ މިހާރު ކުޅެމުން އަންނަ އެމެރިކާގެ މޭޖަރ ލީގު ސޮކަރގެ ލޮސް އެންޖެލަސް އެފްސީން ޔޫއެސް އޯޕަން ކަޕް ކާމިޔާބުކޮށްފިއެވެ. ސްޕޯޓިން ކެންސަސް ސިޓީ އަތުން އެލްއޭ އެފްސީ 1-3 ގެ ނަތީޖާއަކުން މޮޅުވިއިރު، ޖިރޫ ވަނީ މެޗުގައި ލަނޑު ޖަހައިފައެވެ.
އުމުރުން 37 އަހަރުގެ ޖިރޫ، އެލްއޭ އެފްސީއަށް ބަދަލުވީ މިދިޔަ ސީޒަނަށްފަހު އިޓަލީގެ އޭސީ މިލާނާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވުމުންނެވެ. އޭނާ ވަނީ ނިމިދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތަށްފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފައެވެ.
ފުރަތަމަ ހާފުގައި ދެ ޓީމަށްވެސް ލަނޑެއްޖެހިފައިނުވާއިރު، ދެވަނަ ހާފުގެ ކުރީކޮޅު ލީޑްނެގީ އެލްއޭ އެފްސީންނެވެ. މެޗުގެ 53 ވަނަ މިނެޓުގައި އެ ޓީމަށް މި ލަނޑުޖަހައިދިނީ ޖިރޫ އެވެ. އޭގެ ހަތް މިނެޓުފަހުން، ކެންސަސް ސިޓީ އަށް އެއްވަރުކޮށްދިނީ އެރިކް ތޮމީ އެވެ.
މި މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު ދެ ޓީމު 1-1 އިން އެއްވަރުވުމުން، ނަތީޖާ ނެރުމަށް ކުޅެވުނު އިތުރުވަގުތުގެ 15 މިނެޓުގެ ފުރަތަމަ ހާފުގެ 12 ވަނަ މިނެޓުގައި އެލްއޭ އެފްސީ އަށް އަލުން ލީޑްނަގައިދިނީ އޮމާރް ކެމްޕޯސް އެވެ.
އަދި އޭގެފަހުން، އިތުރުވަގުތުގެ 109 ވަނަ މިނެޓުގައި އެލްއޭ އެފްސީގެ ތިންވަނަ ލަނޑުޖަހައިދިނީ ކެއީ އަންސޫ ކަމަރާ އެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ޑެނީސް ބުއާންގާ އެވެ.
މިއީ އެލްއޭ އެފްސީ އާއެކު ޖިރޫ މިހާތަނަށް ކުޅުނު ދެވަނަ ފައިނަލެވެ. މީގެކުރީން، މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ލީގްސް ކަޕް ފައިނަލްގައި ކޮލަމްބަސް ކްރޫ އަތުން ވަނީ ބަލިވެފައެވެ.
ޔޫއެސް އޯޕަން ކަޕް ފައިނަލް މެޗަށްފަހު ވާހަކަ ދައްކަމުން ޖިރޫ ބުނީ، އެލްއޭ އެފްސީ އަށް އޭނާ އައީ ޓްރޮފީ ހޯދުމަށް ކަމަށެވެ. އެކަމަކު، އެންމެ ފަހުގެ ލީގްސް ކަޕްގައި އެ ޓީމަށް ކުރިމަތިވީ ނާކާމިޔާބީއާ ގުޅިގެން ހިތާމަކުރާ ކަމަށް ވެސް ޖިރޫ ބުންޏެވެ.
މިދިޔަ ދުވަސްތަކުގައި އުނދަގޫތައް ކުރިމަތިވީނަމަވެސް، ޔޫއެސް އޯޕަން ކަޕްގެ ފައިނަލްގައި ލަނޑުޖަހައި ޓީމު މޮޅުކޮށްދެވުމުން ވަރަށް ބޮޑު އުފަލެއް ލިބިފައިވާ ކަމަށް ވެސް ޖިރޫ ވަނީ ބުނެފައެވެ.
މި ކާމިޔާބީއާއެކު އެލްއޭއެފްސީ އަށް ޑޮމެސްޓިކް ލީގާއި ކަޕް ޑަބަލް ހޯދުމުގެ އުންމީދު އަދިވެސް އެބައޮތެވެ. މިހާތަނަށްއައިއިރު މި ކާމިޔާބީ ހާސިލްކުރެވިފައިވަނީ އެންމެ ތިން ޓީމަކަށެވެ. އެއީ 2005 ވަނަ އަހަރު ލޮސް އެންޖެލަސް ގެލެކްސީ އިން މި ޑަބަލް ހޯދުމުގެ ކުރިން ޗިކާގޯ ފަޔަރ އަދި ޑީސީ ޔުނައިޓެޑް އިންނެވެ.
އެލްއޭ އެފްސީ މިވަގުތު އޮތީ އެމްއެލްއެސްގެ ވެސްޓަން ކޮންފަރެންސްގެ ތާވަލްގެ ހަތަރުވަނައިގައެވެ. އެ ޓީމަށް މިހާތަނަށް ކުޅުނު 29 މެޗުން ލިބިފައިވަނީ 49 ޕޮއިންޓެވެ. އެންމެ ކުރީގައި އުޅޭ އެލްއޭ ގެލެކްސީ އަށް 31 މެޗުން ލިބިފައިވަނީ 58 ޕޮއިންޓެވެ. ކޮންމެ ކޮންފަރެންސްއެއްގެ އެންމެ ގަދަ ނުވަ ޓީމަކަށް ޕްލޭ-އޮފުން ޖާގަ ލިބެއެވެ.