ޚަބަރު

ބޮޑީބޯޑިންއަށް ކޯޗެއްގެ މުހިންމުކަން ބޮޑުވެފައި


ބޮޑީބޯޑިން އަކީ ރާއްޖޭގައި މުސްތަގުބަލު އޮތް ކުޅިވަރެއް ކަމަށާއި، މި ވަގުތު ގައުމީ ޓީމަށް މުހިންމީ ކޯޗެއް ކަމަށް މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) ގެ ޖެނެރަލް ސެކްރެޓަރީ ހަސަން ރަޝީދު (ރަޝް) ވިދާޅުވެއްޖެއެވެ. ރަޝް މިހެން ވިދާޅުވީ ޕީއެސްއެމް އިން ގެނެސްދިން "ކުޅިވަރު ވިންދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.

ރަޝް ވިދާޅުވީ ގައުމީ ބޮޑީބޯޑިން ޓީމުގެ ކޮންމެ އެތުލީޓެއްވެސް ކޮންމެ މަހަކު 30 ގަޑިއިރު ތަމްރީނު ފުރިހަމަކުރަން ޖެހޭ ކަމަށާއި، ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް ތަމްރީނު ހެދުމަށްފަހު، ލޮގް ކުރެވި، މެނޭޖަރާ ހިއްސާކުރެވޭނެ ކަމަށެވެ. އެކަމަކު ރާއްޖޭގައި ބޮޑީބޯޑިންގެ ކޯޗެއް ނެތުމަކީ މި ވަގުތަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުން ކަމަށާއި، އެގޮތުން ސެޓިފައިޑް ކޯޗެއްގެ މުހިންމުކަން ބޮޑީބޯޑިން އަށް ބޭނުންވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"މި ސްޕޯޓްސްގައި އަދިވެސް ކުޑަ އައްޔަ ކިޔާދޭ ލެވެލްގައި މިހުރީ. އެކަމަކު އައްޔައަކީ އަދިވެސް ކޮންޕެޓިޓިވް ލެވެލްގައި ވާދާކުރާ އެތުލީޓެއް. ދެން ކޯޗެއްގެ ކަންތައްތަކުގައި މި އަހަރުވެސް އަޅުގަނޑުމެން މިނިސްޓްރީއާ ވާހަކަދެއްކިން." ރަޝް ވިދާޅުވިއެވެ.

ރަޝް ވިދާޅުވީ މަސައްކަތް ކުރަމުންދަނީ އަންނަ އަހަރަށް ބައިނަލްއަގުވާމީ ފެންވަރުގެ ކޯޗެއް ހޯދުމަށް ކަމަށެވެ. އަދި އެސޯސިއޭޝަނުގެ ވިސްނުމަކީ މުޅި އަހަރަށް ކޯޗެއް ނުހޯދުނު ނަމަވެސް، ސީޒަން ދުވަސް ކޮޅަށް ކޯޗެއް ގެނައުމަށް ކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރުން އެތުލީޓުންގެ ޕާފޯމަންސް ވީޑިއޯ އެނެލައިޒްކޮށް، ރަނގަޅު ފެންވަރުގެ ޖިމެއްގެ އެހީގައި އެތުލީޓުންނަށް ކަސްރަތުތަކެއް ދަސްކޮށްދިނުމަކީވެސް ކުރިއަތް އޮތް ތަނުގައި އެންމެ އިސްކަމެއްދޭނެ ކަމެއް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރަޝް ވަނީ އަންނަ އަހަރަށް އެތުލީޓުންގެ ޚާއްސަ ނިއުޓްރިޝަން ޕެލޭނެއް ހެދުމުގެ މަސައްކަތް އެސޯސިއޭޝަނުން ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. އަދި މިހާތަނަށް ހޯދިފައި އޮތް ކުރިއެރުމަކީ އެތުލީޓުންގެ އަމިއްލަ މަސައްކަތުން ހޯދުނު ކުރިއެރުންކަން ރަޝް ވަނީ ފާހަގަކުރައްވާފައެވެ.