ޖަރުމަން ލީގުގައި އަމިއްލަ ދަނޑުގައި ސެރްހޫ ގިރާސީ ކާމިޔާބުކުރި ދެ ލަނޑާއެކު، ބޮރޫޝިއާ ޑޯޓްމުންޑުން ފަހަތުން އަރައި 4-2 ގެ ނަތީޖާއަކުން ބޯކުމް ބަލިކޮށްފިއެވެ.
މިއީ ލީގުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން އެ ޓީމު މޮޅުވި ދެވަނަ ފަހަރެވެ. އޭގެތެރެއިން އެއް މެޗުން ބަލިވިއިރު، އަނެއް މެޗުން ވީ އެއްވަރެވެ. އެ ޓީމު ބަލިވީ މިދިޔަ ހަފްތާގައި ރަށުން ބޭރުގައި ވީއެފްބީ ސްޓުޓްގާޓް އަތުން 5-1 އިންނެވެ.
ރޭގެ ނަތީޖާއާއެކު ޑޯޓްމުންޑް ވަނީ ދެވަނައަށް ޖެހިލައިފައެވެ. އެއްވަނައިގައި އުޅޭ ބަޔާން މިއުނިކަށް ހަތަރު މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު، އެއްމެޗު އިތުރަށް ކުޅެގެން ޑޯޓްމުންޑަށް ލިބިފައިވަނީ 10 ޕޮއިންޓެވެ. ތިނެއްގައި އޮތް ބަޔާ ލެވަކޫސަން އާއި ހަތަރުވަނައިގައި އޮތް ފްރެއިބާގަށް ހަތަރު މެޗުން ލިބިފައިވަނީ ނުވަ ޕޮއިންޓެވެ.
ޑޯޓްމުންޑްގެ ސިގްނަލް އިޑޫނާ ޕާކްގައި ރޭ ކުޅުނު މެޗު ފެށިގެން 16 ވަނަ މިނެޓުގައި ކުރީން ލީޑްނެގީ ބޯކުމް އެވެ. އެ ޓީމަށް މި ލަނޑުޖަހައިދިނީ މެޓުސް ބެރޯ އެވެ. އޭނާ މި ލަނޑުޖެހީ ފިލިޕް ހޮފްމަން ދިން ބޯޅައަކުންނެވެ. އޭގެ ފަސް މިނެޓުފަހުން، ޑޯޓްމުންޑްގެ ގޯލްކީޕަރު، ގްރެގޯ ކޯބެލް އަށް ހެދުނު ގޯހެއްގެ ފައިދާނަގައި، މައިރޯން ބޯޑޫ ދިން ބޯޅައެއް ހޯދައި ޑާނި ޑެ ވިޓް ވަނީ ބޯކުމަށް އަށް ދެ ލަނޑުގެ ލީޑެއްނަގައިދީފައެވެ.
ފުރަތަމަ ހާފު ނިމުމުގެކުރީން، ޑޯޓްމުންޑަށް މެޗަށް އެނބުރިއަންނަ ކުރި މަސައްކަތުގެ ތެރެއިން އެ ޓީމަށް ފަރަގު ކުޑަކޮށްދިނީ ގިރާސީ އެވެ. ޑޯޓްމުންޑްގެ ޖަރުމަނު މިޑްފީލްޑަރު، ހޫލިއަން ބްރެންޓް ނަގައިދިން ހުރަހަކުން ގިރާސީ މި ލަނޑުޖެހީ ބޮލުންނެވެ. މި ގޯލާއެކު ބޯކުމް އިން ފުރަތަމަ ހާފު ނިންމާލީ 2-1 އިން ކުރީގަ އޮވެގެންނެވެ.
ދެވަނަ ހާފުގެ ކުރީކޮޅު ޑޯޓްމުންޑުން އެއްވަރުކުރީ ލިބުނު ޕެނަލްޓީއަކުންނެވެ. މެޗުގެ 62 ވަނަ މިނެޓުގައި ބޯކުމްގެ ޕެނަލްޓީއޭރިޔާ ތެރެއިން ޑޯޓްމުންޑްގެ ފޯވާޑް، ގިރާސީ އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއަކުން މި ލަނޑުޖަހައިދިނީ އެމްރޭ ޗާން އެވެ.
އޭގެފަހުން، މެޗުގެ 75 ވަނަ މިނެޓުގައި ކައުންޓާއެޓޭކެއްގައި ކަރީމް އަޑެޔޭމީ ދިން ތްރޫ ބޯޅައެއްގެ އެހީގައި ގިރާސީ ވަނީ ޑޯޓްމުންޑަށް ފުރަތަމަ ފަހަރަށް ލީޑްނަގައިދީފައެވެ. އަދި އޭގެފަހުން، މެޗު ނިމެން ނުވަ މިނެޓަށްވެފައިވަނިކޮށް ބޯކުމްގެ ގޯލްކީޕަރު، ޕެޓްރިކް ޑްރޫސް އަށް ހެދުނު ގޯހެއްގެ ފައިދާނަގައި، ދެވަނަ ހާފުގައި ކުޅެން ނިކުތް ފެލިކްސް އެންމޭޗާ ވަނީ ނަތީޖާ 4-2 އަށް ބަދަލުކޮށްލާފައެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ވެސް އަޑެޔޭމީ އެވެ.
މި މެޗުން ބަލިވި ބޯކުމް އޮތީ 18 ޓީމު ހިމެނޭ ލީގުގެ ފުލުން ދެވަނައިގައެވެ. އެ ޓީމަށް މިހާތަނަށް ކުޅުނު ފަސް މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.
ޑޯޓްމުންޑް ދެން އެންމެ އަވަހަށް ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ޔުއެފާ ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހު އަމިއްލަ ދަނޑުގައި ބައްދަލުކުރާނީ ސްކޮޓްލެންޑްގެ ސެލްޓިކްއާ އެވެ. އެއަށްފަހު، ލީގުގައި އަންނަ އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަހު ރަށުން ބޭރުގައި ނިކުންނާނީ ޔޫނިއަން ބާލިންއާ ދެކޮޅަށެވެ.