އިނގިރޭސި ޕްރިމިއަރ ލީގުގައި މިރޭ ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗު 4-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ތާވަލުގެ ތިންވަނައަށް ޗެލްސީ ޖެހިލައިފިއެވެ.
މި މެޗުން މޮޅުވުމާއެކު ޗެލްސީއަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު ހަ މެޗުން 13 ޕޮއިންޓް ލިބިފައެވެ. އެއްވަނައިގައި އޮތް މެންޗެސްޓަރ ސިޓީއަށް ހަ މެޗުން ލިބިފައިވަނީ 14 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ 6 މެޗުން 14 ޕޮއިންޓް ލިބިފަ އެވެ.
ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗުގެ ހަތްވަނަ މިނިޓުގައި ބްރައިޓަންގެ ޖިއޮޖީނިއޯ ރަޓަރ ވަނީ ލަނޑެއް ކާމިޔާބުކޮށް ޗެލްސީއަށް ނުތަނަވަސްކަން ގެނުވާފަ އެވެ. ނަމަވެސް މެޗުގެ 21 ވަނަ މިނިޓުގައި ނިކޮލަސް ޖެކްސަންގެ އެސިސްޓަކުން ކޯލް ޕާމާ ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. އަދި އޭގެ ހަތް މިނިޓު ފަހުން ޗެލްސީއަށް ލިބުނު ޕެނަލްޓީއަކުން ޕާމާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މި މެޗުގައި ޗެލްސީއަށް ފުރަތަމަ ފަހަރަށް ލީޑު ނަގައިދީފަ އެވެ.
މި މެޗުގައި ޗެލްސީން ޖެހި ތިންވަނަ ލަނޑު މެޗުގެ 31 ވަނަ މިނިޓުގައި ކޯލް ޕާމާވަނީ ކާމިޔާބުކޮށް މި މެޗުގައި ހެޓްރިކެއް ހަދާފަ އެވެ. މިއީ ޗެލްސީއަށް ލިބުނު ހިލޭ ޖެހުމަކުން ޕާމާ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
ޗެލްސީން މެޗުގެ ނަތީޖާ 3-1 އަށް ބަދަލުކުރިތާ ގިނައިރުތަކެއް ނުވަނީސް ޗެލްސީގެ ކީޕަރު ރޮބަޓް ސަންޗޭޒް ކުޅުމުގެ ތެރެއަށް އެއްލާލި ބޯޅަ ލިބުމުން ބްރައިޓަންގެ ކާލޮސް ބަލޭބާ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ބްރައިޓަންގެ ދެވަނަ ގޯލު ކާމިޔާބުކޮށްފަ އެވެ. ނަމަވެސް ފުރަތަމަ ހާފްގެ ކުޅުން ނިމުމުގެ ކުރިން ކޯލް ޕާމާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 4-2 އަށް ބަދަލުކޮށްފަ އެވެ. މި ލަނޑަކީ މެދުތެރެއިން ޖޭޑަން ސަންޗޯ ދިން ޕާހަކުން ޕާމާ ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.
ދެވަނަ ހާފްގެ ކުޅުން ފެށުނުތާ ގިނައިރުތަކެއް ނުވަނީސް ޗެލްސީގެ ޑިފެންޑަރ މާކް ކުކުރެލާ ލަނޑެއް ކާމިޔާބުކުރި ނަމަވެސް ރެފްރީ ވަނީ އެއީ ލަނޑެއް ނޫންކަމަށް ނިންމާފަ އެވެ.
މި މެޗުގެ ފަހު ވިހި މިނިޓަށް ޗެލްސީގެ ކޯޗް އެންޒޯ މަރެސްކާ ވަނީ ޕެޑްރޯ ނެޓޯ އާއި މަޑްރުއިކްގެ އިތުރުން ރެނާޓޯ ވެއިގާ ކުޅެން އަރުވާފަ އެވެ. ނަމަވެސް ދެވަނަ ހާފްގައި ޗެލްސީއަށް ވަނީ ލަނޑެއް ކާމިޔާބުކުރެވޭ ގޮތް ނުވެފަ އެވެ.