ޚަބަރު

ވްލާހޮވިޗުގެ ދެ ލަނޑާއެކު ޔުވެންޓަސް އެއްވަނައަށް


އިޓާލިއަން ލީގުގައި ރޭ ރަށުން ބޭރުގައި ކުޅުނު މެޗުގައި ސާބިއާގެ ފޯވާޑް ޑޫސާން ވްލާހޮވިޗް ކާމިޔާބުކުރި ދެ ލަނޑާއެކު 0-3 ގެ ނަތީޖާއަކުން ޖެނޯއާ ބަލިކޮށް، ތާވަލުގެ އެއްވަނައަށް ޔުވެންޓަސް ޖެހިލައިފިއެވެ.

ޔުވެންޓަސް އިން މި ފަހަރުގެ ސީޒަނުގެ ލީގު ފެށީ 3-0 ގެ ނަތީޖާއަކުން ހޯދީ ދެ މޮޅާއެކު އެވެ. ނަމަވެސް، އެ ޓީމު އެންމެ ފަހުން ކުޅުނު ތިން މެޗުން ލަނޑެއްނުޖެހި ވަނީ އެއްވަރުވެފައެވެ.

ޖެނޯއާގެ ދަނޑުގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ގޯލެއް އަމާޒުކޮށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއްނުވެއެވެ. މިއާއެކު، ފުރަތަމަ ހާފު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ.

ޔުވެންޓަސް އިން ލީޑްނެގީ ދެވަނަ ހާފުގެ ކުޅުން ފެށިގެން ތިންވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ވްލާހޮވިޗް އެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ޖެނޯއާގެ ކޯނީ ޑެ ވިންޓާގެ އަތުގައި ބޯޅައިން ޖެހުމުން ލިބުނު ޕެނަލްޓީއެކެވެ.

އޭގެފަހުން، މެޗުގެ 55 ވަނަ މިނެޓުގައި ޔުވެންޓަސްގެ ނެދަލެންޑްސް މިޑްފީލްޑަރު، ޓެއުން ކޫޕްމެއިނާސް ދިން ޕާހަކުން ވްލާހޮވިޗް ވަނީ އެ ޓީމުގެ ދެވަނަ ލަނޑުޖަހައިދީފައެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން، ކޫޕްމެއިނާސް ފޮނުވާލި ބޯޅައެއް ގޯލްގެ ހުރަސްދަނޑިއަށް އަމާޒުވެފައިވެއެވެ.

އަދި އޭގެފަހުން، ވްލާހޮވިޗްގެ ހެޓްރިކް ފުރިހަމަކުރަން ރަނގަޅު ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. ޕެނަލްޓީއޭރިޔާ ތެރެއިން ހުހަށްހުރެ ބޮލުން ފޮނުވާލި މި ބޯޅަ ދިޔައީ ގޯލަށް އަމާޒުނުވެއެވެ.

މެޗު ނިމެން މިނެޓަކަށްވެފައިވަނިކޮށް، ޔުވެންޓަސްގެ ތިންވަނަ ލަނޑުޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ފަހު ހާފުގައި ކުޅެން ނިކުތް ޕޯޗުގީޒް ވިންގް، ފްރާންސިސްކޯ ކޮންސެސާއޯ އެވެ. އޭނާ މި ލަނޑުޖެހީ ހެފްރެއިން ތުރާމް-އުލިއެން ދިން ބޯޅައަކުންނެވެ.

މި މެޗުން ހޯދީ މޮޅާއެކު ޔުވެންޓަސް ވަނީ މިހާތަނަށް ކުޅުނު ހަ މެޗުން 12 ޕޮއިންޓް ހަމަކޮށްފައެވެ. ދެވަނައިގައި އޮތް ޓޮރީނޯ އެއްމެޗު މަދުން ކުޅެން ލިބިފައިވަނީ ފަސް މެޗުން 11 ޕޮއިންޓެވެ. ތިނެއްގައި އޮތް އޭސީ މިލާނާއި، ހަތަރެއްގައި އިންޓަ މިލާނަށް ވެސް މިއަދަދަށް ޕޮއިންޓް ލިބިފައިވާއިރު، ޓޮރީނޯ އަށް ކުރިލިބެނީ ހެޑް-ޓު-ހެޑް ރެކޯޑުންނެވެ.

ޔުވެންޓަސް އަށް ދެން އޮތީ ޔުއެފާ ޗެމްޕިއަންސް ލީގުގައި އަންނަ ބުރާސްފަތި ދުވަހު ރަށުން ބޭރުގައި ޖަރުމަނުގެ އާރްބީ ލީޕްޒިގާ ދެކޮޅަށް ކުޅޭ މެޗެވެ. އެއަށްފަހު، ލީގުގައި އަންނަ އާދީއްތަ ދުވަހު އަމިއްލަ ދަނޑުގައި އެ ޓީމުން ނިކުންނާނީ ކަލިއާރީއާ ދެކޮޅަށެވެ.