ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން އެސްޓީއޯއަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 57 ރުފިޔާ ބަހަން ފާސްކޮށްފިއެވެ. މިގޮތަށް ފާސްކޮށްފައިވަނީ އެކުންފުނީގެ އަހަރީ އާންމުޖަލްސާގައެވެ.
ކުރުނބާ މޯލްޑިވްސްގައި ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާއަކީ ކުންފުނީގެ ތަރީހުގައި ވެސް އެންމެ ގިނަ ހިއްސާދާރުން ބައިވެރިވި ޖަލްސާގައެވެ. މި ޖަލްސާއަށް 392 މެންބަރުން ހާޒިރުވިއެވެ.
މި ޖަލްސާގައި މިދިޔަ އަހަރު އެކުންފުންޏަށް ލިބުނު ފައިދާއިން ހިއްސާދާރުންނަށް ބަހާނެ މިންވަރެއްގެ ގޮތުގައި 57 ރުފިޔާ ބަހަން ކަނޑައެޅީ ވޯޓަށް އެހުމަށްފަހު އާންމު ހިއްސާދާރުންގެ ފުރިހަމަ އަގްލަބިއްޔަތާއެކުގައެވެ. އެސްޓީއޯއަށް މިދިޔަ އަހަރު ލިބުނީ 7.1 ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ. މިއީ 2014 ވަނަ އަހަރު އެސްޓީއޯއަށް ލިބުނު ޖުމްލަ އާމްދަނީއާއި އަޅާބަލާއިރު 1.8 ބިލިއަން ރުފިޔާގެ ދަށް އަދަދެކެވެ.
މިދިޔައަހަރު ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 435 މިލިއަން ރުފިޔާއެވެ. މިއީ 104 ވަނަ އަހަރުގެ ސާފު ފައިދާއާއި އަޅާ ބަލާއިރު 45 މިލިއަން ރުފިޔާގެ ދަށް އަދަދެެކެވެ. 2015 ވަނަ އަހަރު އެސްޓީއޯގެ ހިއްސާއަކަށް ޖެހިފައި ވަނީ 382 ރުފިޔާއެވެ. އެސްޓީއޯ އަށް މިދިޔަ އަހަރު ލިބުނު އާމްދަނީ އާއި ފައިދާ 2014 ވަނަ އަހަރާ އަޅާބަލާއިރު ދަށަށް ދިޔައީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވުމާ ގުޅިގެން ތެޔޮ ވިއްކައިގެން ލިބުނު އާމްދަނީ ދަށްވުމުންކަމަށް އެސްޓީއޯއިން މައުލޫމާތުދެއެވެ.
އެސްޓީއޯގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ޓެކްސްއަށް ކެނޑުމުގެ ކުރިން 520 މިލިއަން ރުފިޔާ އެކުންފުުންޏަށް ފައިދާގެ ގޮތުގައި ލިބިފައިވެއެވެ.
އެސްޓީއޯގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާގެ ޔައުމިއްޔާ އާއި އަހަރީ ހިސާބުތައް ވަނީ ފާސްކޮށްފައެވެ. މީގެ އިތުރުން އާންމު ހިއްސާދާރުންގެ ފަރާތުންގެ ޑިރެކްޓަރުންގެ ބޯޑަށް މުޙައްމަދު ފަރުޞަތުވަނީ އައްޔަނުކޮށްފައެވެ. ފަރުޞަތު ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކޮށްފައިވަނީ ހިއްސާދާރުންގެ މެދުގައި ނެގި ވޯޓަކަށްފަހުގައެވެ. ކުންފުނީގެ އޮޑިޓަރެއްގެ ގޮތުގައި މިއަހަރުވެސް ހަމަޖައްސާފައިވަނީ ތިރީސް ނުވަ ހާސް ޑޮަލަރަށް ކޭޕީއެމްޖީއެވެ.