އިޓާލިއަން ލީގުގައި ރޭ އަމިއްލަ ދަނޑުގައި 3-1 ގެ ނަތީޖާއަކުން ކޯމޯ ބަލިކޮށް، ނާޕޮލީން ތާވަލުގެ ކުރީގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.
ނާޕޮލީ އަށް ހަތް މެޗުން 16 ޕޮއިންޓް ލިބިފައިވާއިރު، އޭގެ ހަތަރު ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ޔުވެންޓަސް އެވެ. ތިންވަނައިގައި އޮތް އޭސީ މިލާނަށް ހަ މެޗުން 11 ޕޮއިންޓް ލިބިފައިވާއިރު، ހަމަ އެ މިއަދަދަށް ޕޮއިންޓް ލިބިގެން ހެޑް-ޓު-ހެޑް ރެކޯޑުން ހަތަރެއްގައި އޮތީ އިންޓަ މިލާނެވެ.
ޑިއޭގޯ އާރްމަންޑޯ މަރަޑޯނާ ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗު ފެށިގެން 25 ވަރަކަށް ސިކުންތުގެ ތެރޭގައި ނާޕޮލީ އިން ލީޑްނެގީ ސްކޮޓް މެކްޓޮމިނޭ ވައްދާލި ލަނޑުންނެވެ. މެކްޓޮމިނޭ މި ލަނޑުޖެހީ އެ ޓީމުގެ ބެލްޖިއަމް ފޯވާޑް، ރޮމެލޫ ލުކާކޫ ދިން ޕާހަކުންނެވެ.
ފުރަތަމަ ހާފު ނިމުމުގެކުރީން، ކޯމޯ އިން އެއްވަރުކުރީ ގެބްރިއެލް ސްޓްރެފެޒާ ކާމިޔާބުކުރި ގޯލުންނެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ މެކްސިމޯ ޕެރޯނޭ އެވެ. އޭގެކުރީން، އެ ޓީމުގެ އާޖެންޓީނާ މިޑްފީލްޑަރު، ނިކޯ ޕާޒް ފޮނުވާލި ބޯޅައެއް ގޯލްގެދަނޑިއަށް އަމާޒުވެފައިވެއެވެ. މި ހާފު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރުވެގެންނެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން 8 ވަނަ މިނެޓުގައި ނާޕޮލީ އަށް އަލުން ލީޑްނަގައިދިނީ ލިބުނު ޕެނަލްޓީއަކުން ލުކާކޫ އެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން އެ ޓީމުގެ މަތިއަސް އޮލިވޭރާ އަށް ކޯމޯގެ ޑިފެންޑަރު، ސާޖީ ރޮބާޓޯ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.
އޭގެފަހުން، މެޗުގެ 86 ވަނަ މިނެޓުގައި ނާޕޮލީގެ ތިންވަނަ ލަނޑުޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ފަހު ހާފުގައި ކުޅެން ނިކުތް ޑޭވިޑް ނެރޭސް އެވެ. އޭނާ މި ލަނޑުޖެހީ ލުކާކޫ ދިން ތްރޫ ޕާހެއްގެ އެހީގައެވެ.
މި މެޗުން ބަލިވި ކޯމޯ އޮތީ ތާވަލްގެ 11 ވަނައިގައެވެ. އެ ޓީމަށް ހަތް މެޗުން ލިބިފައިވަނީ 8 ޕޮއިންޓެވެ.
ލީގުގައި ކޯމޯ ދެން ކުޅޭ މެޗުގައި ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކަށްފަހު މި މަހުގެ 19 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ނިކުންނާނީ ޕާމާއާ ދެކޮޅަށެވެ. ނާޕޮލީ އަށް ދެން އޮތީ މި މަހުގެ 20 ވަނަ ދުވަހު ރަށުން ބޭރުގައި އެމްޕޯލީއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ.