ޚަބަރު

ޤައުމިއްޔަތު ކޮލެޖުގެ މައިގަނޑު މަސައްކަތަކަށްވާނީ ދިވެހި ތާރިޚު ރިކޯޑުކޮށް ބެލެހެއްޓުން: ވަޒީރު އާދަމް ނަޞީރު


  • ޤައުމިއްޔަތުގެ ކޮލެޖުގައި 5 ދާއިރާއަކުން މަސައްކަތްކުރާނެ

  • ކޮންމެ ދާއިރާއަކުން ހޯދައި ކުރިއެރުންތަކުގެ ލިޔުންތައް ކޮލެޖުން ތައްޔާރުކުރާނެ

ޤައުމިއްޔަތު ކޮލެޖު "ދިވެހި ޤައުމިއްޔަތުގެ އިސްވަރު"ގެ މައިގަނޑު މަސައްކަތަކަށްވާނީ ދިވެހި ތާރިޚު ރިކޯޑުކޮށް ބެލެހެއްޓުންކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ދިވެހި ޤައުމިއްޔަތުގެ އިސްވަރު އިފްތިތާޙްކޮށްފައިވަނީ މިދިޔަ މަހުގެ 4 ވަނަ ދުވަހުއެވެ. މިއަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި މި ކޮލެޖު އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވީ، ދިވެހި ޤައުމިއްޔަތުގެ އިސްވަރު ކޮލެޖުން ކުރާނެ މައިގަނޑު މަސައްކަތަކީ ޤައުމިއްޔަތުގެ އެކި ބަހާތަކުން ދިވެހިން ހޯދާ ކުރިއެރުންތައް ރިކޯޑުކޮށް ބެލެހެއްޓުން ކަމަށެވެ. އަދި އެކަންކަމުގެ ލިޔުންތައް ކޮލެޖުން ތައްޔާރުކުރާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ޤައުމިއްޔަތު ކޮލެޖުގައި މައިގަނޑު 5 ބައެއް ހުރެއެވެ. އެއީ ދިވެހި ޤައުމިއްޔަތުބެހޭ 5 ބައެވެ. މިއިން ކޮންމެ ބައެއްގެ ޑީންއެއްގެ ގޮތުގައި އިސްވަރެއް ވަނީ ކަނޑައަޅާފައިވެއެވެ. ވަޒީރު ވިދާޅުވީ އިސްވަރުގެ ދަށުން ކޮންމެ ބައެއްގައިވެސް އެ ފަންނަކަށް ޚާއްސަވާ ދިވެހިން މަސައްކަތްކުރަމުންދާނެ ކަމަށެވެ.

"ކޮލެޖުގެ ކޮންމެ ބައެއްގައި، އެބަހާއަކަށް ޝައުޤުވެރިވާ އެތައް ބަޔަކު މަސައްކަތްކުރާނެ. މުސްތަޤުބަލުގައި ކޮލެޖު ވާނީ މުޅި ރާއްޖެއާ ގުޅިލާމެހިފައިވާ ތަނަކަށް. ގިނަ ބަޔަކު މި ކޮލެޖުގައި މަސައްކަތްކުރާނެ." ވަޒީރު ވިދާޅުވިއެވެ.

ޤައުމިއްޔަތު ކޮލެޖުގެ އިސްވާރުން:

• ދިވެހިބަހުގެ އިސްވާރު - މަރްޔަމް ތައުފީޤާ
• ދިވެހި ތާރީޚުގެ އިސްވާރު - (ކަށިމާ) އަޙްމަދު ޝާކިރު
• ދިވެހި ތަރިކައިގެ އިސްވާރު - ޙަސަން ޒަރީރު
• ދިވެހި ސުމޭކުގެ އިސްވާރު - މުޙައްމަދު ޢަބްދުލްޤާދިރު
• ދިވެހި ފަންނުގެ އިސްވާރު - މަރްޔަމް ޢިޝާ ޢަޒީޒް

ދިވެހި ޤައުމިއްޔަތުގެ ކޮލެޖު ބިނާވެފައިވާ ވަރުތައް ނުވަތަ ބައިތަކަކީ ދިވެހިބަހާއި ދިވެހި ތާރީޚާއި، ދިވެހި ސުމޭކާއި ދިވެހި ތަރިކައާއި ދިވެހި ފަންނެވެ. ދިވެހި ޤައުމިއްޔަތުގެ އިސްވަރު ކޮލެޖަކީ، ސަރުކާރުގެ ޤައުމިއްޔަތު އަލުން އިޢާދަކުރުމުގެ މަޝްރޫޢުގެ މުހިންމު ބައެކެވެ. ވަޒީރު އާދަމް ނަޞީރުވަނީ ދިވެހިންގެ އަސްލުތަކާއި ތާރީޚާ ބެހޭގޮތުން ދިރާސާ މަސައްކަތް ކޮލެޖުގައިކުރާނެކަމަށްވެސް ވިދާޅުވެފައެވެ.