ފައްލޫޖާ މިނިވަން ކުރުމަށް މަސައްކަތްކުރާ އިރާގުގެ ލަޝްކަރުތަކުގެ ކުރިމަތީގައި އައިއެސް ޖަމާއަތް ބަލިކަށިވެ ނިކަމެތި ވަމުންދާއިރު އައިއެސްގެ ހަނގުރާމަވެރިން ގެންދަނީ އިރާގުގެ ލަޝްކަރުތަކާ ކުރިމަތިލުމަށް ފައްލޫޖާގެ އާންމުން ނެރުމަށް ޓަކައި އާންމުންނަށް ބިރުދައްކައި ކާބޯތަކެތި ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަމުންނެވެ. އައިއެސްގެ އަތްދަށުން ސަލާމަތްވެގެން ފައްލޫޖާއިން ނުކުތް އިރާގުގެ އާންމުންގެ ތެރޭގައި ހިމެނޭ ޒުވާން އަންހެނެއްކަމަށްވާ ހަނާ މަހްދީ ފައްޔާޒް ބުނީ ކާބޯތަކެތި ލިބޭނީ ފައްލޫޖާގެ އާންމުންގެ ތެރެއިން އިރާގު ސިފައިންނާ ދެކޮޅަށް ހަނގުރާމައަށް ނުކުންނަ މީހުންނަށް އެކަނިކަމަށާއި އެހެންމީހުން ކާބޯތަކެތިން މަހްރޫމް ކުރާނެކަމަށްބުނެ އައިއެސްގެ ހަނގުރާމަވެރިން ފައްލޫޖާގެ އާންމުންނަށް އިންޒާރު ދީ ބިރުދައްކަމުން ގެންދާކަމަށެވެ.
ފައްލޫޖާއިން ލިބޭ ރިޕޯޓްތައް ބުނާގޮތުން އިރާގު ސިފައިން ފައްލޫޖާގެ އެތެރެއަށް ވަންނަމުންދާއިރު އައިއެސްގެ ހަނގުރާމަވެރިން ގެންދަނީ އެރަށުގެ އާންމުންގެ ގެދޮރަށްވަދެ ހަނގުރާމައިން ސަލާމަތްވުމުގެ އައްޑަނައެއްގެ ގޮތުގައި އާންމުން ބޭނުންކުރަމުންނެވެ. އަދި ފައްލޫޖާގައިވާ ހަކުރާއި ހަނޑުލާ އަދި ފުށްފަދަ ކާބޯތަކެތީގެ ގުދަންތައް އާންމުންނަށް ބަންދުކޮށް އެތަންތަނުން ކާބޯތަކެތި ދޫކުރަނީ އައިއެސްގެ ހަނގުރާމަވެރިންނަށާއި އެމީހުންގެ އާއިލާތަކަށް އެކަނި ކަމަށްވެސް ފައްލޫޖާއިން ނުކުންނަމުންދާ އާންމުން ބުނެއެވެ.
img:http://s4.psmnews.mv/images/660x400/14654594450307.jpg|އައިއެސްއިން ކޮންޓްރޯލްކުރާ ފަލޫޖާ
ފައްލޫޖާގެ އެހެން އަންހެނެއްކަމަށްވާ އަޒްހާރު ހާދީ ބުނީ އައިއެސްއިން ގެންދަނީ ފައްލޫޖާ އާއިލާތައް ވަކިތަންތަނަށް ޖަމާވުމަށް އަންގައި މަޖްބޫރު ކުރަމުން ކަމަށާ މިއީ ހަނގުރާމައިގެ އައްޑަނައަކަށް އާންމުން ހެދުމުގެ ބޭނުމުގައި ހިންގާ ޖަރީމާއެއްކަމަށެވެ. އައިއެސްގެ އަމަލުތައް މިގޮތަށް ހުރިކަމަށްވިޔަސް އިރާގު ސިފައިންގެ ލަޝްކަރުތައް މަޑުމަޑުން ފައްލޫޖާގެ އެތެރެއަށް ވަންނަމުންދާކަމަށް ޚަބަރުތައް ބުނެއެވެ. އިރާގުގެ ބޮޑުވަޒީރު ހައިދަރުލްއަބާދީ ވިދާޅުވީ ފައްލޫޖާގެ އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިރާގު ސިފައިން ނުބަލާނަމަ ސާޅީސް އައްގަޑީއިރު ތެރޭގައި ފައްލޫޖާ މިނިވަންކޮށް އެރަށުން އައިއެސްގެ ހަނގުރާމަވެރިން ފައްސާލެވިދާނެކަމަށެވެ. ނަމަވެސް ފައްލޫޖާގެ އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިރާގު ސިފައިން ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާތީ އިރާގު ސިފައިންގެ އަސްކަރީ އޮޕަރޭޝަން ކުރިޔަށްދަނީ މަޑުދުވެއްޔެއްގައި ކަމަށް އަބާދީ ވިދާޅުވިއެވެ.
ފައްލޫޖާ މިނިވަން ކުރުމުގެ އޮޕަރޭޝަން އިރާގު ސިފައިން ފަށާފައިވަނީ މިދިޔަ މޭ މަހުގެ ތޭވީސްވަނަ ދުވަހުއެވެ. މިއޮޕަރޭޝަންގައި އިރާގު ސިފައިން މިހާރުވަނީ ފައްލޫޖާގެ ވަށައިގެންވާ ސަރަހައްދުތަކާއި އަވަށްތައް އިރާގު ސިފައިންގެ ކޮންޓްރޯލްގެ ދަށަށް ގެނަސްފައި ކަމަށް އިރާގު ސަރުކާރުން ބުނެއެވެ.