ކޮރަޕްޝަނުގެ ކުށް ތަޙުޤީޤުކުރުމާއި ދަޢުވާކުރުމާއި ގުޅޭ ފަންނީ އެހީތެރިކަން ބަދަލުކުރުމާއި ގުޅޭ އެއްބަސްވުމެއްގައި ރާއްޖެއާއި އިންޑިއާއާ ދެމެދު ސޮއިކޮށްފިއެވެ.
މިއެއްބަސްވުމުގެ ދަށުން 9 ދާއިރާއަކުން ދެޤައުމު ގުޅިގެން މަސައްކަތް ކުރުމަށްވަނީ ނިންމާފައެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަނާއި އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެޓިގޭޝަން (ސީ.ބީ.އައި) އާ ދެމެދު ޤާއިމުކޮށްފައިވާ އެއްބަސްވުމުގެ ދަށުން ކޮރަޕްޝަންގެ ޢަމަލުތައް ހިންގުމުގެ ފުރުސަތު ނުދިނުމަށްޓަކައި ނުވަތަ ޕްރިވެންޝަނަށް ބޭނުންވާ މަޢުލޫމާތު ދެ މުއައްސަސާގެ މެދުގައި ބަދަލުކުރުމަށްވަނީ ހަމަޖެހިފައެވެ.
އަދި ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރުމުގައި ބައިނައިލްއަޤުވާމީ "ބެސްޓް ޕްރެކްޓިސް"ތަކުގެ މަޢުލޫމާތު ބަދަލުކޮށް ދެ މުއައްސަސާ ގުޅިގެން ދިރާސާކުރުމާއި، ތަޢުލީމާއި ތަމްރީނު އަދި ދިރާސާ ހިމެނޭގޮތަށް ކޮރަޕްޝަން ހުއްޓުވުމަށް އެކުގައި މަޝްރޫޢުތަކާއި ޙަރަކާތްތައް ކުރިޔަށްގެންދިޔުމަށްވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ކޮރަޕްޝަންގެ ޢަމަލުތައް ހިންގިޔަ ނުދިނުމަށްޓަކައި އެކަމާ ދެކޮޅަށް ހޭލުންތެރިކުރުމުގެ މަސައްކަތް ކުރުމާއި ކޮރަޕްޝަންގެ ކުށް ތަޙުގީގުކުރުމާއި ވިޔަނުދިނުމާއި ދަޢުވާކުރުމާއި ގުޅޭ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި މުވައްޒަފުން ތަމްރީނުކުރުމުގެ މަސައްކަތްވެސް ކުރުމަށްވަނީ ނިންމާފައެވެ.
ހަމައެއާއެކު ދެފަރާތުން ގުޅިގެން ކޮރަޕްޝަނާއި ދެކޮޅަށް ފޯރަމްތަކާއި ސެމިނަރތަކާއި ކޮންފަރެންސްތައް ފަދަ ބައްދަލުވުންތައް ބޭއްވުމާއި ކޮރަޕްޝަންގެ ހިރާސް ކުޑަކުރުމަށް ކުރާ މަސައްކަތްތަކުގައި އެއްބާރުލުން ދިނުމާއި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމަށް އިންޓަރޕޯލް ފަދަ ބައިނަލްއަޤުވާމީ ނެޓްވަރކްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމުގައި އެހީތެރިކަން ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ފަހުމުނާމާ ރަސްމީކޮށް ބަދަލުކޮށްފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރޭގައި ބޭއްވެވި ފަހުނަމާ (އެމް.އޯ.ޔޫ) ބަދަލުކުރުމުގެ ރަސްމިއްޔާތުގައެވެ. ފަހުމުނާމާއަކީ ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ކޮރަޕްޝަން ހުއްޓުވުމަށާއި ވިޔަނުދިނުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، މި ދާއިރާގައި ދެ ޤައުމުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރުކޮށް ވަރުގަދަކުރުމަށް މަގުފަހިކޮށްދޭނެ އިސްތިރާތީޖީ ފިޔަވަޅެއްކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވިދާޅުވެއެވެ.