ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދުގެ ގުޅުން އިތުރަށް ބަދަހިކުރަން ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް ޖަޕާނުގެ އައު ބޮޑުވަޒީރު ޝިގެރު އިޝިބާ ވިދާޅުވެއްޖެއެވެ.
ޖަޕާނުގެ އައު ބޮޑުވަޒީރު މިހެން ވިދާޅުވީ، އެމަނިކުފާނު މަގާމާ ހަވާލުވެވަޑައިގެންނެވުމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެ ކުރެއްވި ޕޯސްޓަށް ޖަވާބުދެއްވައި ކުރެއްވި ޕޯސްޓުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ވިދާޅުވީ، ޝިގެރު އިޝިބާގެ ވެރިކަމުގައި ޖަޕާނަށް އިތުރު ތަރައްގީއާއި ކުރިއެރުން ލިބޭނެކަމަށް ޔަގީންކުރައްވާ ކަމަށެވެ. އަދި ބޮޑުވަޒީރުގެ މަގާމު އަދާކުރެއްވުމުގައި ކާމިޔާބީއަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ ޖަޕާނުގެ އައު ސަރުކާރާ ގުޅިގެން ދެ ޤައުމުގެ ޒަމާންވީ ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.
ޖަޕާނުގެ ބޮޑުވަޒީރުގެ ޕޯސްޓުގައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ޝުކުރުއަދާކުރައްވާފައެވެ. އަދި ކުރިއަށް އޮތްތަނުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި އިންޑޯ ޕެސިފިކް ސަރަޙައްދުގެ ޤައުމުތަކުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.
Thank you President Muizzu @MMuizzu for your kind message regarding my appointment as Prime Minister.
— 石破茂 (@shigeruishiba) October 9, 2024
I look forward to working closely with you to further strengthen the traditional ties of friendship between our two countries, toward the realization of a “Free and
Open… https://t.co/utXlDtUQnY
ޖަޕާނުގެ ބޮޑުވަޒީރު ކަމުގެ މަޤާމު އިޝިބާއަށް ލިބިވަޑައިގެންނެވީ، އެ މަޤާމުން ފުމިޔޯ ކިޝިދާ ހުސްވި އޮގަސްޓު މަހު އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ.
ޖަޕާނުގެ އެލްޑީޕީގެ ވެރިކަމަށް އައު ބޭފުޅަކު ޢައްޔަން ކުރުމަށް އިންތިޚާބެއް ބާއްވާފައި ވަނީ, އެ މަޤާމަށް އިތުރު ދައުރަކަށް ވާދަ ނުކުރައްވަން ކިޝިދާ ނިންމެވުމުންނެވެ. އެލްޑީޕީގެ އައު ވެރިޔާ ކަނޑައެޅުމަށް ބޭއްވި އިންތިޚާބު އިޝިބާ ކާމިޔާބު ކުރެއްވީ ނުވަ ކެނޑިޑޭޓަކާ ވާދަކުރައްވައެވެ.
ރާއްޖެއާއި ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށްފައިވަނީ 14 ނޮވެމްބަރު 1967 ވަނަ އަހަރުއެވެ. މި ގުޅުމަށް މިއަހަރު 57 އަހަރު ފުރޭނެއެވެ.