ޚަބަރު

އަމިއްލަ ތަންތަނުގައި ޑޮކްޓަރުން މަސައްކަތްކުރާނެ އުސޫލެއް ހަދަންޖެހޭ: އޭސީސީ


  • ސިއްޙީ ޚިދުމަތް ދިނުމަށް ބޭނުންވާ ގިނަ ގަވާއިދުތަކެއް އެކުލަވާލާފައެއް ނެތް

  • ގަވާއިދުތައް ނެތުމުގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިވޭ

  • މަސްލަހަތު ފުށުއެރުމާއި ބަލި މީހުންނަށް ދޭންޖެހޭ ސަމާލުކަން ނުދޭ

ސަރުކާރު ހޮސްޕިޓަލުތަކުގައި މަސައްކަތްކުރާ ޑޮކްޓަރުން ޕްރައިވެޓް ހޮސްޕިޓަލްތަކާއި ކްލިނިކްތަކުގައި މަސައްކަތްކުރުމުގައި ޢަމަލުކުރާނެ އެއްވެސް ގަވާއިދެއް ނެތުމުގެ ސަބަބުން ޚިދުމަތް ދިނުމުގައި ގިނަ މައްސަލަތަކެއް ކުރިމަތިވަމުންދާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އޭސީސީން މިހެން ވިދާޅުވީ، ރާއްޖޭގެ ސިއްޙީ ވެލްފެއަރ ނިޒާމުގެ ކޮރަޕްޝަން ރިސްކް އެސެސްމަންޓުގައެވެ.

ރާއްޖޭގެ ސިއްހީ ނިޒާމުގައި ޚިދުމަތްދިނުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އޮތްތޯ ވަޒަންކޮށް އެފަދައިން ހުރި ދޮރުތައް ބަންދުކުރުމަށް ލަފާދީ ކޮރަޕްޝަނުން މުޖުތަމަޢު ސަލާމަތްކުރުމުގެ މަޤްސަދުގައި ރާއްޖޭގެ ސިއްޙީ ވެލްފެއަރގެ ނިޒާމުގެ ކަންކަން ހުރި ނެތްގޮތް ބެލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ އެސެސްމަންޓެއް ހަދާފައެވެ. މިއެސެސްމަންޓުން މިނިޒާމުގައި ހުރި ގިނަ މައްސަލަތަކެއް ވަނީ ފާހަގަކޮށްފައެވެ. އޭސީސީގެ އެސެސްމަންޓު ރިޕޯޓުގައި ވިދާޅުވީ، ރާއްޖޭގައި ވަށާޖެހޭ ނިޒާމެއްގެ ތެރެއިން ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ މުހިއްމު ގިނަ ގަވާއިދުތަކެއް އެކުލަވާލާފައި ނުވާކަމަށެވެ.

އެގޮތުން ބަލި ދެނެގަތުމުގެ ކަންކަމާއި ގުޅޭ ނުވަތަ ޚިދުމަތްދޭ އަމިއްލަ ތަންތަނުގައި އަގު ކަނޑައެޅުމުގެ ކަންކަމާއި ގުޅޭ އުސޫލުތަކާއި ފަރުވާ ދޭނެގޮތާއި ގުޅޭ ޓްރީޓްމަންޓް ޕްލޭނާއި އަދި ފަރުވާއާއި ޕްރެކްޓިސް ގައިޑްލައިންތައް ނެތްކަމަށް އޭސީސީން ވަނީ ވިދާޅުވެފައެވެ. މީގެއިތުރުން ސަރުކާރު ހޮސްޕިޓަލުތަކުގައި ޚިދުމަތްކުރައްވާ ޑޮކްޓަރުން ޕްރައިވެޓް ހޮސްޕިޓަލްތަކާއި ކްލިނިކްތަކުގައި މަސައްކަތްކުރުމާއި ގުޅޭގޮތުން ޢަމަލުކުރާނެ އެއްވެސް ގަވާއިދެއްވެސް އެކުލަވާލާފައިނުވާކަމަށް އޭސީސީން ވަނީ ފާހަގަކޮށްފައެވެ.

މީގެ ސަބަބުން މަސްލަޙަތު ފުށުއެރުމާއި ޑޮކްޓަރުން ބަލި މީހަކާއެކު ހޭދަކުރާ ވަގުތު އަދި ޑޮކްޓަރުންގެ ޚިދުމަތް މޮނީޓަރކޮށް އިވެލުއޭޓްކުރުމުގެ މަސައްކަތް އެންމެ ފުރިހަމަގޮތުގައި ކުރިއަށްނުދާކަން ވަނީ ފާހަގަކޮށްފައެވެ. އަދި އެއާއެކު ނާޖާއިޒު މަންފާ ހޯދާ ލިބިގަތުމުގެ މަގުފަހިވެގެންދާކަން އޭސީސީގެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

މީގެއިތުރުން ބޭހާއި ގުޅޭކަންކަމުގައިވެސް ނަޒާޙާތްތެރިކަން ކަށަވަރުކޮށް ކޮރަޕްޝަން ހުއްޓުވުމަށް އެންމެ އެކަށީގެންވާ ގަވާއިދުތައް އެކުލަވާލާފައިނުވާކަމަށް އޭސީސީން ވިދާޅުވެއެވެ. މިގޮތުން ރާއްޖޭގައި ބޭހުގެ އަގު ކަނޑައެޅުމުގައި ނިޒާމީގޮތެއްގައި ޢަމަލުކުރާނެ އުސޫލެއް ނެތުމާއި ރާއްޖެ އެތެރެކުރާ ބޭހުގެ ސްޓޮކް ސެންޓްރަލީ ބަލަހައްޓާނެ ނިޒާމު މޮނިޓާރކުރާނެގޮތެއް ލިޔުމުން އެކުލަވާލާފައިނުވާކަން ވަނީ އޭސީސީގެ އެސެސްމަންޓުގައި ފާހަގަކޮށްފައެވެ. ހަމައެއާއެކު ބޭހުގެ ބާރު ނުވަތަ ސްޓްރެންތާއި ވޮލިއުމްއަށް ރިޢާޔަތްކޮށް ވިއްކާނެ އަގުތައް ކަނޑައަޅާފައި ނުވާކަންވެސް ވަނީ ހާމަވެފައެވެ. މީގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިވެ އާސަންދައިން ފޯރުކޮށްދޭ ޚިދުމަތްތައް ލަސްވެގެންދާކަން ވަނީ ފާހަގަކޮށްފައެވެ.

ސިއްޙީ ނިޒާމުގައި ކޮރަޕްޝަން ހުއްޓުވާ ރައްޔިތުންގެ ދުޅަހެޔޮކަމާއި، ފުރާނައާއި ގުޅިފައިވާ މިޚިދުމަތް ނަޒާޙަތްތެރިކަމާއެކު ފޯރުކޮށްދިނުމަށް ބޭނުންވާ އުސޫލުތަކާއި ގަވާއިދުތައް އެކުލަވާލުމަށް އޭސީސީގެ އެސެސްމަންޓުގައި ވަނީ ލަފާދެއްވާފައެވެ. އެގޮތުން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހުރި ކަންކަން ޙައްލުކޮށް ހަމަހަމަކަމާއެކު ވެލްފެއަރގެ ނިޒާމު ދެމެހެއްޓުމަށް މިކަރުދާހުގައި ވަނީ ޖުމްލަ 14 ލަފައެއް ހުށަހަޅާފައެވެ. އަދި މުޅި ސިއްހީ ނިޒާމު ހަރުދަނާކުރުމަށް އިތުރު 6 ލަފައެއްވެސް އޭސީސީގެ އެސެސްމަންޓުގައި ވަނީ ދެއްވާފައެވެ.