ޚަބަރު

ވިސްނުމަކީ އިންތިޚާބުތަކާ ބެހޭ ހުރިހާ ޤާނޫނެއް އެއްކޮށްލުން: ފުވާދު


  • އިންތިޚާބުތަކާ ބެހޭ ގިނަ ޤާނޫނުތަކެއް ހުރޭ

އިންތިޚާބުތަކާ ބެހޭ ހުރިހާ ޤާނޫނުތަކެއް އެއްކޮށްލުމުގެ ވިސްނުމެއް ގެންގުޅުއްވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތަޢުފީޤް ވިދާޅުވެއްޖެއެވެ. ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތަޢުފީޤް ވަނީ ޤާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

ރާއްޖޭގައި އިންތިޚާބުތަކާ ބެހޭ ގިނަ ޤާނޫނުތަކެއް އެބަހުއްޓެވެ. އޭގެތެރޭގައި އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނާއި، ރިޔާސީ އިންތިޚާބާ ބެހޭ ޤާނޫނާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ބެހޭ ޤާނޫނުގެ އިތުރުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ބެހޭ ޤާނޫނެއް އެބައޮތެވެ. އަދި މި ޤާނޫނުތައް މިހާރު އޮންނަނީ ވަކި ވަކި ޤާނޫނުތަކެއްގެ ގޮތުގައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތަޢުފީޤް ވިދާޅުވީ އިންތިޚަބުތަކާއި ބެހޭ ހުރިހާ ޤާނޫމެއް މުޠާލިއާ ކުރުމަށްފަހު، އެ ހުރިހާ ޤާނޫނުތަކެއް އެއްކޮށްލުމުގެ ވިސްނުން ގެންގުޅުއްވާކަމަށެވެ. އެގޮތުން އެ ކޮމިޝަންގެ މެންބަރުންނާއި ޤާނޫނީ ޓިމާއެކު އެކަން ކުރުމަށްޓަކައި މަޝްވަރާތައް ކުރަމުން ގެންދަވާކަމަށް ފުވާދު ވިދާޅުވިއެވެ.

ފުވާދު ވިދާޅުވީ ޤާނޫނުތައް ވަކިން ހުރުމުގެ ސަބަބުން ޢާންމު ރައްޔިތުންނަށްވެސް ބައެއްކަންކަން އޮޅުން އަރާކަމަށެވެ. ނަމަވެސް އެއް ޤާނޫނަކުން ހުރިހާކަމެއް ފެންނަން ހުރުމުން އެއްހަމައަކުން ކަންކަން ކުރުމަށް އިލެކްޝަންސް ކޮމިޝަނަށްވެސް ފަސޭހަވާނެކަން ފުވާދު ފާހަގަކުރެއްވިއެވެ.

"5 އަހަރުގެ ތެރެއިން 3 އަހަރަކީ އިންތިޚާބުތައް އޮންނަ އަހަރު. އެ ތިން އަހަރުގައި އިންތިޚާބުތަކުގެ މަސައްކަތްތައް މި ކުރަނީ. ދެން އޮންނަ 2 އަހަރު މި ކުރަން ޖެހެނީ ޤާނޫނުތަކާއި ސްޓާފުން ތަމްރީންކުރުމުގެ މަސައްކަތް" އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުޢާދު ތަޢުފީޤް ވިދާޅުވިއެވެ.

ފުވާދު ވިދާޅުވީ، 2026 ވަނަ އަހަރު ބާއްވަންޖެހޭ އިންތިޚާބުތަކުގެ ކުރިން މިހާރު ހުރި ޤާނޫނުތަކަށް އިސްލާހެއް ގެންނަން ޖެހޭނަމަ އެކަން ކުރުމަށާއި އަލަށް ޤާނޫނެއް ހަދަން ޖެހޭކަމުގައި ވަނީނަމަ އެކަމުގެ މަސައްކަތްތައް ކުރައްވާނެކަމަށެވެ.

ޤާނޫނުތައް އެއްކޮށްލުމުގެ ވިސްނުން ގެންގުޅޭއިރު އިލެކްޝަންސް ކޮމިޝަނުން މިހާރުވެސް އަންނަނީ ބައެއް ޤާނޫނުތައް އިސްލާޙް ކުރުމަށް މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ދިހަހާސް މެންބަރުން ހަމަނުވާ ޕާޓީތަކަށްވެސް ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭނެގޮތަށް ޤާނޫނު އިސްލާހުކުރަން އިލެކްޝަންސް ކޮމިޝަނުން ދާދިފަހުން ވަނީ ހުށައަޅާފައެވެ.