ޚަބަރު

ފުވައްމުލަކު ސިޓީގެ 10 މިސްކިތެއްގައި ސޯލާ ޕެނަލް ހަރުކުރަން ބަޔަކާ ހަވާލުކޮށްފި


  • މިމަސައްކަތް ހަވާލުކޮށްފައިވަނީ 18 ދުވަހުގެ ތެރޭ ނިންމާ ގޮތަށް

  • މިއީ 2.8 މިލިއަން ރުފިޔާގެ މަސައްކަތެއް

ފުވައްމުލަކު ސިޓީގެ 10 މިސްކިތެއްގައި ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފިއެވެ.

މިމަސައްކަތް ހަވާލުކޮށްފައިވަނީ އަވި ޓެކްނޮލޮޖީސް ޕްރައިވެޓް ލިމިޓެޑާއިއެވެ. ފުވައްމުލަކު ސިޓީ ކައުންސިލުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދާ މިމަސައްކަތަށް 2.8 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ފުވައްމުލަކުސިޓީ ކައުންސިލުން ވިދާޅުވިއެވެ. އަދި މިމަސައްކަތް ކުރިއަށް ގެންދާނީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކަމަށް އެ ކައުންސިލުން ވިދާޅުވެއެވެ.

މިމަސައްކަތް ހަވާލުކޮށްފައިވަނީ ހަވާލުކުރެވޭ ތާރީޙުން ފެށިގެން 18 ދުވަހުގެ ތެރޭ ނިންމާ ގޮތަށް ކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން، ފުވައްމުލަކު ސިޓީގެ މޭޔަރ އިސްމާޢިލް ރަފީޤް ވިދާޅުވީ، މިމަސައްކަތުގެ ދަށުން ފުވައްމުލަކު ސިޓީގެ 10 މިސްކިތެއްގައި ސޯލާ ޕެނަލް ހަރުކުރެވޭނެ ކަމަށެވެ. އެއީ މިވަގުތު އެސިޓީގައި ހުރި މިސްކިތްތަކުގެ ތިން ބައިކުޅަ އެއްބައި ކަމަށް މޭޔަރު ވިދާޅުވިއެވެ.

މިމަސައްކަތުގެ ދަށުން އަހަރަކު 1.2 މިލިއަން ސަލާމާތް ކުރެވޭނެ ކަމަށް މިހާތަނަށް އަންދާޒާ ކުރެވިފައިވާ ކަމަށެވެ. އަދި ކައުންސިލުގެ އާމާޒަކީ ކުރިއަށް އޮތް 2 ނުވަތަ 3 އަހަރު ތެރޭގައި ހުރިހާ މިސްކިތެއްގައި ސޯލާ ޕެނަލް ހަރުކުރުން ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

މީގެ އިތުރުން ކުރިއަށް އޮތް ތަނުގައި ކައުންސިލް އިދާރާއާއި ގުޅުން ހުރި އިމާރާތްތައްވެސް ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް މޭޔަރ ވިދާޅުވިއެވެ.

ފުވައްމުލަކުސިޓީ ޒަމާނީ ފަންނިއްޔަތާއި ރަށްޓެހި ސިޓީއަކަށް ބަދަލުކުރުމަށް މަސައްކަތްތަކެއް އެ ސިޓީގެ ކައުންސިލުން ވަނީ ފަށާފައެވެ. މިމަސައްކަތުގެ ތެރެއިން އެ ސިޓީގެ މަގުބައްތި ތަކާއި އާންމު ސަރަހައްދުތަކުގައި ހުރި ބައްތިތައް ސްމާޓް ލައިޓުތަކަށް ބަދަލު ކުރުމުގެ މަސައްކަތް އެސިޓީ ކައުންސިލުން ވަނީ ފަށާފައެވެ.