ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން ހައްޔަރުކުރެއްވުމަށް ސައްހަނޫން ކޯޓް އަމުރެއް ނެރުނު މައްސަލާގައި ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒު މުހުސިން 17 އަހަރަށް ޖަލަށްލުމަށް ކުރިމިނަލްކޯޓުން ހުކުމްކުރައްވައިފިއެވެ.
ދައުލަތުން މުހުތާޒްއާއި ދެކޮޅަށް ހުށައެޅުއްވި މައްސަލަތަކުގެ ތެރެއިން ކޯޓުން މިރޭ ހުކުމްކުރައްވާފައިވަނީ ޓެރަރިޒަމް އަމަލެއް ހިންގަން އުޅުމުގެ ކުށުގެ ދައުވާއާއި ޓެރަރިޒަމް އަމަލެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ. މި މައްސަލާގައި ކުރިމިނަލްކޯޓުން އިއްވެވި ހުކުމުގައި ވަނީ ކޯޓު އަމުރެއްކަން ދައްކުވައިދޭ ލިޔުމެއް ތައްޔާރުކުރުމުގައި މުހުތާޒު މުހުސިން ބައިވެރިވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ގަދަކަމުން ފޮރުވާ ރަހީނުކޮށް ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެއްދުމަށްކަމަށެވެ. އަދި އެކަން ކޮށްފައިވަނީ ދައުލަތަށް ނޭދެވޭ ނުފޫޒު ފޯރުވުމަށްކަމަށްވެސް ހުކުމްގައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ހައްޔަރުކުރުމަށް ޞައްހަ ނޫން ކޯޓް އަމުރެއް ހޯދުމަށް އިތުރު ބަޔަކާއި އެކު މުހުތާޒު މުހުސިން މާމިގިއްޔަށް ދިޔަކަން ސާބިތުވާކަމަށްވެސް ކުރިމިނަލްކޯޓްގެ ހުކުމްގައި ކަނޑައަޅުއްވާފައިވެއެވެ. އަދި ރައީސް ޔާމީން ހައްޔަރުކުރުމަށް ކޯޓް އަމުރެއް ނެރުމަށް މަސައްކަތް ކުރީ ފުލުހުން ބުނެގެންކަމަށް ބުނިނަމަވެސް ފުލުހުންގެ ބަހުން އެކަން އެގެންނެތްކަމަށްވެސް ކުރިމިނަލްކޯޓްގެ ހުކުމްގައިވެއެވެ. ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ މުހުތާޒު މުހުސިންގެ މައްޗަށް ސާބިތުވާކަމަށް ކަނޑައެޅުއްވި ނަމަވެސް ރައީސް ހައްޔަރުކުރުމަށް ތައްޔާރުކުރި ޞައްހަ ނޫންކޯޓް އަމުރު މާލެ ގެނެސް މާލޭގެ މަގެއްގެ މަތީގައި ބަހައްޓާފައި ހުރި ސައިކަލެއްގެ މަޑި މަތީ ބޭއްވީ މުހުތާޒް މުހުސިން ކަން ޝަރީއަތަށް ސާބިތުނުވާކަމަށް ކުރިމިނަލްކޯޓްގެ ހުކުމްގައިވެއެވެ.
ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރެއްވުމަށް ޞައްހަ ނޫން ކޯޓް އަމުރެއް ނެރުނު މައްސަލާގައި ދައުވާ ލިބޭ އދ މާމިގިލީ ކޯޓް އިސް މެޖިސްޓްރޭޓްގެ މައްޗަށް އަހުމަދު ނިހާންގެ މައްޗަށްވެސް މިރޭ ހުކުމްކުރުމަށް ތާވަލުކުރެއްވުމަށްފަހު ވަނީ ކެންސަލްކުރައްވާފައެވެ. އެހެންނަމަވެސް އެ އަޑުއެހުން ކެންސަލްކުރެއްވި ސަބަބެއް ކޯޓުން ހާމައެއް ނުކުރައްވައެވެ.