ދިވެހިރާއްޖޭގައި ޑޮކްޓަރުކަން ކިޔެވި ފުރަތަމަ ބެޗުގެ ދަރިވަރުން، ފުރިހަމަ ނަތީޖާއަކާއެކު ކިޔެވުން ފުރިހަމަކޮށް އެ ދަރިވަރުން މިމަހު ދަސްވެނިވާނެކަމަށް ޤައުމީ ޔުނިވަރސިޓީއިން ވިދާޅުވެއްޖެއެވެ. ދަރިވަރުންނަށް ޑޮކްޓަރުކަމުގެ ސަނަދު ހަވާލުކުރާނީ މިމަހު 31 ގައި ބާއްވާ ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ޙަފްލާގައެވެ.
ރާއްޖޭގައި ތިބެގެން ޑޮކްޓަރުކަމުގެ ސަނަދު ހޯދޭނެ މަގު ފަހިކުރުމަށް ޤައުމީ ޔުނިވަރސިޓީގައި "ސްކޫލް އޮފް މެޑިސިން" ފެށުމަށް ޔުނިވަރސިޓީ ކައުންސިލުން ހުއްދަ ދެއްވީ 2017 ވަނަ އަހަރުއެވެ. ސްކޫލް އޮފް މެޑިސިން ޤާއިމުކޮށް ރާއްޖޭގައި ޑޮކްޓަރުކަން ކިޔެވުމުގެ ފުރަތަމަ ބެޗު ފަށާފައިވަނީ 2019 ވަނަ އަހަރުއެވެ. ރާއްޖޭގައި ކިޔަވައިދެނީ މެލޭޝިއާގެ ޤައުމީ ޔުނިވަރސިޓީކަމަށްވާ ޔުނިވަރސިޓީ ކެބަންގސާން މެލޭޝިއާ (ޔޫކޭއެމް)ގައި މެޑިސިން ކިޔަވައިދޭ ކަރިކިއުލަމްގެ މިންގަނޑަށެވެ.
ސްކޫލް އޮފް މެޑިސިން ހިންގަމުންދަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ ދެ ފަންގިފިލާގައެވެ. ނަމަވެސް ސްކޫލް އޮފް މެޑިސިލްގެ ސެޓަޕް ހެދެންދެން ފުރަތަމަ ބެޗުގެ ދެ މޮޑިއުލް އެ ދަރިވަރުން ކިޔެވީ މެލޭޝިއާގެ ޔުނިވަރސީޓިގައެވެ. ރާއްޖޭގައި ކިޔެވުން ފެށީ 2020ވަނަ އަހަރުއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ސްކޫލް އޮފް މެޑިސިންގެ ޑީން ޑރ. ޝީޒާ އަލީ ވިދާޅުވީ، ފުރަތަމަ ބެޗުގައި ކިޔެވުމަށް ހުޅުވާލުމުން 40 އަށްވުރެ ގިނަ ދަރިވަރުން ހުށައެޅިކަމަށެވެ. އޭގެތެރެއިން ފުރަތަމަ ބެޗުގައި ކިޔަވަން ފެށީ 22 ދަރިވަރުންނެވެ. ޑރ. ޝީޒާ ވިދާޅުވީ ކޯހުން ފުރިހަމައަށް ފާސްވެ 21 ދަރިވަރުން މެޑިސިންގެ ޑިގްރީ ކޯސް ފުރިހަމަކޮށް، މިމަހު ދަސްވެނިވާނެކަމަށެވެ.
"ދަރިވަރުން ފާސްވެފައިވަނީ ވަރަށް ރަނގަޅު ނަތީޖާއާއެކު. ޑޮކްޓަރުންގެ ފަރާތުން ވަރަށް ރަނގަޅު ފީޑްބެކް ލިބިފައިވަނީ." ސްކޫލް އޮފް މެޑިސިންގެ ޑީން ޑރ. ޝީޒާ ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުން އޮންނާނީ މިމަހުގެ 31 ވަނަ ދުވަހުއެވެ. މި ޙަފްލާފައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ތަމްރީންވި ޑޮކްޓަރުން ދަސްވެނިވުމަކީ ރާއްޖޭގެ ސިއްޙީ ނިޒާމަށް ލިބޭ ފުރިހަމަ ކާމިޔާބީއެއްގެ ގޮތުގައި ޤައުމީ ޔުނިވަރސިޓީއިން ފާހަގަކުރައްވައެވެ.
މެޑިސިން ކިޔެވުމުގެ ކޯހަކީ 5 އަހަރު ފުވަހުގެ ކޯހެކެވެ. ކޯހުން ދަސްވެނިވުމަށްފަހު، ޚިދުމަތަށް ނިކުތުމުގެ ކުރިން ދިވެހިރާއްޖޭގެ މެޑިކަލް ކައުންސިލްގައި ޑޮކްޓަރުން ރެޖިސްޓަރވުމަށް، 1 އަހަރު ދުވަހުގެ އިންޓަރންޝިޕް ޕްރޮގްރާމެއް އެ ދަރިވަރުން ފުރިހަމަކުރާނެއެވެ. ފުރަތަމަ ބެޗްގެ ދަރިވަރުން މިހާރުދަނީ އައިޖީއެމްއެޗްގައި އިންޓަރންޝިޕް ފުރިހަމަކުރަމުންނެވެ.
ފުރަތަމަ ބެޗުގެ ދަރިވަރުން ހިމެނޭހެން ސްކޫލް އޮފް މެޑިސިންއިން މިހާތަނަށް ތަމްރީންވާ ދަރިވަރުންގެ އަދަދަކީ 222 އެވެ. މިހާތަނަށް ޑޮކްޓަރުކަން ކިޔެވުމުގެ 7 ބެޗު ރާއްޖޭގައި ވަނީ ފަށާފައެވެ.