ޚަބަރު

ބޭހުގެ އަގާއެކު އައި ހެޔޮ ބަދަލު އަންނަ އަހަރުން ފެށިގެން ފެންނާނެ


  • މިހާރުވަނީ 7 ބާވަތެއްގެ ބޭސް ޕޫލް ޕްރޮކިއުމަންޓްގެ ތެރެއިން ގެންނައުމުގެ މަސައްކަތް ފަށާފައި

  • މިމަސައްކަތް އެއްކޮށް ފުރިހަމަވުމާއެކު ފުރިހަމަ ބަދަލު ފެންނާނީ 2025ވަނަ އަހަރު

ބޭހުގެ އަގު ކޮންޓްރޯލްކޮށް ވަކި އިންތިޒާމެއްގެ ތެރެއިން ރާއްޖެއަށް ބޭސް އެތެރެކުރުމަށް މިހާރު ފަށާފައިވާ މަސައްކަތުގެ ފައިދާ އަންނަ އަހަރުން ފެށިގެން ފެންނާނެކަމަށް މާލީ ވަޒީރުގެ ނައިބު އަޙްމަދު ސާއިދު މުޞްޠަފާ ވިދާޅުވެއްޖެއެވެ.

ސާއިދު ވިދާޅުވީ އާސަންދައިން ހިންގަމުންދިޔަ ބޮޑެތި އިސްރާފުގެ ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުގެ ތެރެއިން ގިނަ މަސައްކަތްތަކެއް މިހާރު ކުރަމުންދާކަމަށެވެ.

ދިވެހި ރައްޔިތުންގެ ޤައުމީ އިންޝުއަރެންސް ނިޒާމަކީ މިހާތަނަށް އޮތްގޮތުން ޚަރަދާއެކު އިސްރާފުވެސް ބޮޑު ނިޒާމެކެވެ. އަހަރުން އަހަރަށް އާސަންދައިގެ ޚަރަދުތައް އިތުރުވަމުންދާއިރު، އާސަންދައިގެ ޚަރަދުގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑުބައި ހޭދަކުރަނީ ބޭސް އެތެރެކުރުމަށްކަމަށް އާސަންދައިން ވިދާޅުވެއެވެ. އެހެންކަމުން ބޭހުގެ ޚަރަދު ކުޑަކުރުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެންގެވިއެވެ. މިއާގުޅިގެން އެމަސައްކަތް ސަރުކާރުގެ އެކި މުވައްސަސާތަކުން މިހާރު ގެންދަވަނީ ކުރައްވަމުންނެވެ. އެފަދަ އެއް މުވައްސަސާއަކީ މާލީ ވުޒާރާއެވެ.

އެވުޒާރާގެ ދަށުން ކަމާ ގުޅުންހުރި އެހެނިހެން އިދާރާތަކާ ގުޅިގެން ބޭހުގެ އަގު ކޮންޓްރޯލްކުރުމަށްވަނީ ފިޔަވަޅުތަކެއް އަޅާފައެވެ. މިގޮތުން ބަލްކު ޕްރޮކިއުމަންޓް އުސޫލުން ޕޫލްކޮށްގެން ބޭސް އެތެރެކުރުމުން ބޭހުގެ ޚަރަދު ބޮޑުތަނުން ކުޑަކުރެވޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މިމަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މާލީ ވަޒީރުގެ ނައިބު އަޙްމަދު ސާއިދު ވިދާޅުވީ، މިހާރު އަޅަމުންދާ ފިޔަވަޅުތަކާއެކު އަންނަ އަހަރު ހެޔޮ ބަދަލެއް ފެންނާނެކަމަށެވެ. މިގޮތުން ބޭހުގެ ކޮލިޓީއާއި ލިބޭ މިންވަރަށް ބަދަލުތަކެއް އައުމަކާ ނުލައި ކަންކަން ރަނގަޅުވަމުންދާނެކަމަށް ޤަބޫލުކުރެވޭކަމަށް ސާއިދު ވިދާޅުވިއެވެ.

"ރައްޔިތުންނަށް ލިބޭ ބޭހުގެ ކޮލިޓީއާއި، ލިބޭ މިންވަރަށް ބަދަލު އައުމާނުލާ ވަރަށް ބޮޑެތި ފައިދާގައި، އެތައް ފަރާތެއް ގަނެ ވިއްކައިގެން ސަރުކާރާ ހަމައަށް ރައްޔިތުންނާ ހަމައަށް، ފޯރުކޮށްދޭން މިއަންނަނީ، އެކަންތަކަށް މިވަނީ އެޓެންޑްވެވިފައި. މިކަންކަން އަދި ޖެހިގެން އަންނަ އަހަރު 2025ވަނަ އަހަރު ފުލި އޮޕަރޭޝަނަލައިޒްވުމާއެކު އާސަންދައަށްކުރާ ހޭދަ، އެގެ ނަތީޖާ ނޭދެވޭ އަސަރުކުރުމާ ނުލާ ކުޑަކުރެވިގެންދާނެ." ސާއިދު ވިދާޅުވިއެވެ.

ބޭހުގެ އަގު ކޮންޓްރޯލްކޮށް ރައްޔިތުންނަށް ރަނގަޅު ފެންވަރުގައި ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން މިހާރު ކުރަމުންދާއިރު ރާއްޖޭގައި ޑޮކްޓަރީ ބޭސް އެތެރެކޮށް ވިއްކާ އަގު ބާޒާރުގައި މިހާތަނަށް ހުރީ 200 އިންސައްތަ ފެށިގެން 2000 އިންސައްތައާ ދެމެދުގެ ފައިދާއެއް ނަގަމުންދާގޮތަށްކަމަށް ސަރުކާރުން ވިދާޅުވެއެވެ.

އެކަން ބަދަލުކުރުމަށް އެޅި ފިޔަވަޅާއެކު ޕޫލްކޮށް ބަލްކް ޕްރޮކިއުމަންޓްގެ ތެރެއިން ބޭސް އެތެރެކުރުމުގެ މަސައްކަތްވަނީ ފަށަފައެވެ. މިގޮތުން އެކި މަރުޙަލާ ތަކަކަށް ބަހާލައިގެން ބޭސްތައް އެތެރެކޮށް ދައުރުކުރުމަށް ހަމަޖެހިފައިވާއިރު މިއަހަރު 7 ބަވަތެއްގެ ބޭސް ދައުރުކުރުމަށް ނިންމާފައިވާކަމަށް ސަރުކާރުން ވިދާޅުވެއެވެ.