ޚަބަރު

ކުރީ ސަރުކާރުން ހިންގާފައިވާ ޤާނޫނާ ޚިލާފު ކަންކަމާމެދު ފުރިހަމައަށް ޖަވާބުދާރީވާންޖެހޭނެ: ނައިބު ރައީސް


  • ކުރީ ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ބޭނުންކުރީ ކަންކަން ސިއްރުކޮށް ފޮރުވުމަށް

  • ޤާނޫނާއި ޚިލާފަށް ކުރި ކަންކަމާމެދު ފިޔަވަޅު އަޅާނެ

ނިމިދިޔަ ސަރުކާރުން ހިންގާފައިވާ ޤާނޫނާއި ޚިލާފު ކަންކަމާމެދު ފުރިހަމައަށް ޖަވާބު ދާރީ ވާންޖެހޭނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް ވިދާޅުވީ، މިއަދު ފެނިގެންދަނީ ނިމިދިޔަ ދައުރުގައި ސަރުކާރަށް ލިބުނު ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ބޭނުންކޮށްގެން ނަހަމަގޮތުގައި ކުރަމުންދިޔަ ޤާނޫނާއި ޚިލާފު ކަންކަން ފަސްއަޅާ ފޮރުވުމުގެ ނަތީޖާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރީ ސަރުކާރުގައި މާލީ ކަންކަން ހިންގާފައިވާގޮތަށް ސަރުކާރުން ވަރަށް ބޮޑަށް ފާޑު ކިޔުމާއި ގުޅިގެން ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރުވަނީ އެކަމަށް ރައްދު ދެއްވާފައެވެ. އަމީރުގެ ވާހަކަތަކާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަތީފް ވިދާޅުވީ، މިއަދު ފެންނަމުން މިދަނީ ކުރީ ސަރުކާރުން ހިންގާފައިވާ އިހުމާލުތަކުގެ ނަތީޖާކަމަށެވެ.

އެގޮތުން ސަރުކާރަށް ލިބުނު ސުޕަރ މެޖޯރިޓީ ބޭނުންކޮށްގެން ކުރީ ސަރުކާރުން ހިންގާފައިވާ ޤާނޫނާއި ޚިލާފުކަންތައްތައް ފޮރުވުމުގެ ނަތީޖާ މިއަދު ފެންނަމުންދާކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. ނައިބު ރައީސް ވިދާޅުވީ ކުރީ ސަރުކާރުގައި ހިންގާފައިވާ ޤާނޫނާ ޚިލާފު ހުރިހާކަމަކަށް ފުރިހަމައަށް ޖަވާބުދާރީ ވާންޖެހޭނެކަމަށެވެ. އަދި ކޯވިޑްގެ ދުވަސްވަރު ރާއްޖެއަށް އެކި ގޮތްގޮތުން ލިބުނު އެހީގެ ތަފްސީލުވެސް ފޮރުވާފައިވާކަމަށް ނައިބު ރައީސްވަނީ ތުހުމަތު ކުރައްވާފައެވެ.

ރާއްޖޭގެ މާލީކަންކަމުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާކަމަށް ސަރުކާރުންވަނީ ވިދާޅުވެފައެވެ. އެގޮތުން ބަޖެޓުގެ ބޭރުން ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަމަށް މާލީ ވަޒީރުވަނީ ވިދާޅުވެފައެވެ. މިގޮތަށް ހުރި މައްސަލަތައް ބަލައި ފިޔަވަޅު އަޅާނެކަމަށް ދައުލަތުގެ ބަންޑާރަ ނައިބު އަޙްމަދު އުޝާމްވެސް ވަނީ ވިދާޅުވެފައެވެ.