އޮޑިޓަރ ޖެނެރަލްގެ އޮފީހަށް އަންނަ އަހަރަށް 114 މިލިޔަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފިއެވެ. އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބަޖެޓް ފާސްކޮށްފައިވަނީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
ޤާނޫނުގައިވާގޮތުން ކުރިއަށް އޮތް އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓު ހުށަހެޅުމުގެ ކުރިން އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބަޖެޓް ފާސްކުރަންޖެހެއެވެ.
އޮޑިޓް އޮފީހުގެ އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ގޮތުގައި އެއޮފީހުން އަންނަ އަހަރަށް ހުށަހެޅީ 99.5 މިލިޔަން ރުފިޔާގެ ބަޖެޓެކެވެ. އެއީ ރިކަރަންޓް އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 80.4 މިލިޔަން ރުފިޔާ އާއި ހުޅުމާލޭގައި ހަދާ އެ އޮފީހުގެ އައު އިމާރާތުގެ މަސައްކަތަށް 19 މިލިޔަން ރުފިޔާއެވެ.
ބަޖެޓް ހެދުމަށް އޮޑިޓް އޮފީހުން މާލީ ވުޒާރާގެ ލަފާ ހޯދާފައިވާއިރު އެ އޮފީހުން ވަނީ މުސާރަ ބޮޑުކުރުމަށް ހިމަނާފައިވާ ބަޖެޓު މަދުކުރުމަށް ލަފާ ދީފައެވެ. ނަމަވެސް މާލިއްޔަތު ކޮމިޓީން ނިންމީ އެ ބަޖެޓު ކުޑަނުކުރުމަށެވެ.
މާލިއްޔަތު ކޮމިޓީން ބަޖެޓް ދިރާސާކުރުމަށް ބޭއްވި ބައްދަލުވުމުގައި މެންބަރުން ފާހަގަކުރެއްވި ގޮތުގައި މުސާރަ ކުޑަވުމުގެ ސަބަބުން ތަޖުރިބާހުރި އޮޑިޓަރުން ލިބުމުގައި ދަތިވާކަމުގެ ޝަކުވާ މީގެ ކުރިން އޮޑިޓް އޮފީހުން ވަނީ މަޖިލީހާ ހިއްސާ ކުރައްވާފައެވެ. އެހެންކަމުން، އެއީ މުސާރަ ބޮޑުކުރުމަކީ މުހިންމު ކަމެއް ކަމަށާއި އެ އޮފީހުގެ މަސައްކަތްތައް ހަރުދަނާކުރުމަށް މާލީގޮތުން ދަތިކަން ނާންނަވަރުގެ ބަޖެޓެއް ފާސްކުރަންޖެހޭ ކަމަށް މެންބަރުން ފާހަގަކުރެއްވިއެވެ.
މާލިއްޔަތު ކޮމިޓީގައި މެންބަރުން ވަނީ އޮޑިޓް އޮފީހުން ހުޅުމާލޭގައި އަޅާ އައު އިމާރާތަށް 19 މިލިޔަން ރުފިޔާގެ ބަޖެޓެއް ހުށަހެޅި ނަމަވެސް މަޖިލީހުން މާލީ ވުޒާރާގެ ލަފަޔަށް ހުށަހެޅުމުން އެ އަދަދު 34 މިލިޔަން ރުފިޔާއަށް ހެދުމަށް ލަފާ ދެއްވާފައިވާކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން، އެ އަދަދު ހިމަނައިގެން 114 މިލިޔަން ރުފިޔާގެ ބަޖެޓެއް ފާސްކުރުމަށް ކޮމިޓީން ނިންމެވިއެވެ.