ޚަބަރު

ޓެކްސް ނުދައްކާ ފަރާތްތަކާމެދު އަމަލުކުރާ އުސޫލު ހަރުކަށިކޮށްފި


  • ޓެކްސް ނުދައްކާ ފަރާތްތަކަށް ދޭ ނޯޓިސް މުއްދަތު ވަނީ ކުރުކޮށްފައި

ޓެކްސް ނުދައްކާ ފަރާތްތަކުގެ ބޭންކު އެކައުންޓު ހުރި ފައިސާ ހިފެހެއްޓުމަށް އޮންނަ އުސޫލަށް ބަދަލުގެ ގެނެސް މީރާއަށް އަވަހަށް ފިޔަވަޅު އެޅޭ ގޮތަށް އުސޫލު އިސްލާހުކޮށްފިއެވެ.

ބޭންކު އެކައުންޓުގައި ހުރި ފައިސާ ހިފެހެއްޓުމާއި ބޭންކު އެކައުންޓު ބެލުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގެ ދަށުން ޓެކްސް ނުދައްކާ ފަރާތެއްގެ އެކައުންޓުގައި ހުރި ފައިސާ ވަކި ޝަރުތުތަކާއެކު ހިފެހެއްޓުމުގެ ބާރު މީރާއަށް ލިބެއެވެ. އެގޮތުން މީގެ ކުރިން ފިޔަވަޅު އެޅޭނީ ޓެކްސްފައިސާ ދައްކަން ޖެހޭ މުއްދަތު ހަމަވެ 60 ދުވަސް ފާއިތުވުމަށްފަހުއެވެ. ނަމަވެސް އެ އުސޫލަށް މިހާރު އަލަށް ގެނައި އިސްލާހުގައި އެ ފަރާތްތަކަށް ދޭން ޖެހޭ ނޯޓިސްތައް ދިނުމަށް ފަހު ވަގުތުން މީރާއަށް ފިޔަވަޅު އެޅޭނެއެވެ.

މީގެއިތުރުުން ޓެކްސް ބަޔާން ހުށަނޅާ ފަރާތްތަކާމެދު ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެގޮތުގެ ޢާންމު އުސޫލުގައި ބަޔާންކޮށްފައިވަނީ ޓެކްސް ނުދައްކާ ފަރާތްތަކަށް 30 ދުވަހުގެ ދެ ނޯޓިސް ދޭންޖެހޭނެކަމަށެވެ. ނަމަވެސް އެ އުސޫލަށް މިހާރު ގެނެސްފައިވާ އިޞްލާހުގައިވަނީ ނޯޓިސް މުއްދަތު 15 ދުވަހަށް ކުޑަކޮށްފައެވެ. އަދި ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމަށްފަހު އެއް މަރުހަލާއިން އަނެއް މަރުހަލާއަށް ދިއުމަށް އޮންނަ މުއްދަތުވެސް ވަނީ 5 ދުވަހަށް ކުޑަކޮށްފައެވެ. މީގެ ކުރިން އޮންނަނީ 15 ދުވަހުގެ މުއްދަތެކެވެ.

މި އިސްލާހާއި ގުޅިގެން ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މީރާގެ އެސިސްޓެންޓް ކޮމިޝަނަރ ޖެނެރަލް އެންފޯސްމެންޓް ފާތިމަތު އަމީޒާ ވިދާޅުވީ، މިއީ މީރާއިން މީގެކުރިންވެސް އަމަލުކުރަމުން އައި ގޮތްކަމަށެވެ.

"މި އިސްލާހާއި ގުޅިގެން ކޮންމެހެނަކުން އަޅުގަނޑުމެން އެކައުންޓުތައް ފްރީޒް ކުރަން ކޮންމެހެން ކުއްލިގޮތަކަށް ކުރަން ހަމަޖެހިފައި އޮތީކީ ނޫން. އެކަމަކުވެސް ޤާނޫނުގެ ތެރޭގައި ކުރަންހުރި ކަމެއްވީމަ އަޅުގަނޑުމެން އެކަން ފާހަގަކޮށްލަނީ. އޭގެ ކުރިންވެސް އަޅުގަނޑުމެން ޓެކްސް ދައްކާ ފަރާތްތަކަށް ގުޅާ ދިމާވެފައިވާ މައްސަލަތައް ހައްލުކުރެވޭތޯ އަޅުގަނޑުމެން ބަލާނީ " އަމީޒާ ވިދާޅުވިއެވެ.

މީރާއިން ވިދާޅުވި ގޮތުގައި މީރާގެ ފިޔަވަޅުތައް ތަންފީޒުކުރާއިރުވެސް، ޓެކްސް ދައްކާ ފަރާތްތަކަށް ބޮޑެތި ލުއިތަކެއް އުސޫލުގެ ތެރޭގައި ހިމެނިފައިވާނެ ކަމަށެވެ. އެގޮތުން ދައުލަތުން ދައްކަންޖެހޭ ފައިސާއެއް ނުލިބިގެން ޓެކްސް ނުދެއްކިވާ ފަރާތްތަކަށް، ދައުލަތުން ދައްކަން ޖެހޭ ފައިސާ ޓެކްސްއިން އުނިކުރެވޭނެ ނިޒާމެއް މިހާރު ޤާއިމްކޮށްފައިވާކަމަށް މީރާއިން ވިދާޅުވެއެވެ. އަދި އެފަދަ ފަރާތްތަކާއި މެދު ފިޔަވަޅެއް ނާޅާނެކަމުގެ ޔަޤީންކަން މީރާއިން ވަނީ ދީފައެވެ.

ނަމަވެސް ދައުލަތުން ދައްކަންޖެހޭ ފައިސާއިން ޓެކުހަށް ކެނޑުމަށް ފަހުވެސް، ބޮޑު އަދަދެއް ޓެކްސް ގޮތުގައި ދައްކަން އޮތްނަމަ އެ ފައިސާ ހޯދުމުގެ މަސައްކަތް މީރާއިން ކުރާނެކަން އެއިދާރާއިން ވިދާޅުވެއެވެ.