ދެހާސް އެއްވަނަ އަހަރުގެ ސެޕްޓެމްބަރުމަހު އެމެރިކާއަށް ދިން ޓެރަރިސްޓް ޙަމަލާތަކުގެ ޒިންމާ ސަޢޫދީ ސަރުކާރުން އުފުލަން ނުޖެހޭކަމަށް ކޮންގްރެސްއިން ނިންމި ނިންމުގެ ރިޕޯޓްގެ ބައެއް، ވަރަށް އަވަހަށް ޝާއިޢުކުރާނެ ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާގެ ވެރިޔާ ޖޯން ބްރެނަން ވިދާޅުވެއްޖެއެވެ.
އަލްޢަރަބިއްޔާ ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ބްރެނަން ވިދާޅުވީ ސެޕްޓެމްބަރު އެގާރައިގެ ޙަމަލާތައް ތަޙްޤީޤްކުރުމަށްފަހު ކޮންގްރެސްއިން އެކުލަވާލާފައިވާ ސިއްރު ރިޕޯޓްގެ ޞަފްޙާތަކުގެ ތެރެއިން 28 ޞަފްޙާ ވަރަށް އަވަހަށް ޝާއިޢުކުރާނެކަމަށް ބެލެވޭކަމަށާއި އެއިން އެ ޙަމަލާތަކާ ސަޢޫދީ ސަރުކާރާ ގުޅުމެއް ނުވާކަން ހާމަވެގެންދާނެ ކަމަށެވެ. ސެޕްޓެމްބަރު 11 ގައި ޙަމަލާތައް ދިނީ އަލްޤައިދާ ޖަމާއަތުން ކަމަށް އެމެރިކާ ބުނާއިރު އެޖަމާއަތުންވެސް ވަނީ އެޙަމަލާތަކުގެ ޒިންމާ އުފުލާފައެވެ.
މިދިޔަ މޭމަހު އެމެރިކާގެ ކޮންގްރެސްއިން ވަނީ ސެޕްޓެމްބަރު 11 ގެ ޙަމަލާތަކުގައި ސަޢޫދީ ބައެއް ރައްޔިތުން ބައިވެރިވެފައިވާކަމަށް ބުނެ އެޙަމަލާތަކުގެ ގެއްލުން ލިބުނު އެމެރިކާގެ ޢާއިލާތަކުން ބަދަލު ހޯދުމަށް ސަޢޫދީ ސަރުކާރާ ދެކޮޅަށް ދަޢުވާކުރުމުގެ ފުރުޞަތު ލިބިދޭ ގާނޫނެއް ފާސްކޮށްފައެވެ.
އެމެރިކާގެ ސަރުކާރުން ވަނީ މިޤާނޫނާ ދެކޮޅަށް ވީޓޯ ކުރާނެކަމުގެ އިންޒާރު ދީފައެވެ.