ޔޫއޭއީގެ އެއަރ އަރަބިއާގެ ޝެޑިއުލް ދަތުރުތަށް ރާއްޖެއަށް ފަށައިފިއެވެ. އެއަރ އަރަބިއާގެ ދަތުރުތައް ރާއްޖެއަށް ކުރާނީ ޝާރްޖާ އިންޓަރނޭޝަނަލް އެއަރޕޯޓާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ދެމެދުއެވެ.
އެއަރ އަރަބިއާގެ ޝެޑިއުލް ދަތުރުތައް ފެށުމަށް ވޭލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި، އެއަރ އަރަބިއާގެ ފުރަތަމަ ފްލައިޓަށް މަރުޙަބާ ކިއުމުގެ ގޮތުން ވަނީ ވޯޓާ ސެލިއުޓެއް އަރުވާފައެވެ. އައި އެ ފްލައިޓުން ރާއްޖެއައި ފަރާތްތަކަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން މަރުހަބާ ކިޔާފައިވަނީ އެމްއޭސީއެލް އާއި އެމްއެމްޕީއާރްސީގެ އިސްވެރިންނެވެ.
މިދަތުރުތައް ފެށުމާއި ގުޅޭގޮތުން އެމްއޭސީއެލުން ވިދާޅުވީ އަލަށް އިތުރުވި ރޫޓާއެކު މެދުއިރުމަތީގެ މާކެޓު އިތުރަށް ފުޅާވެ ވެލާނާ އެއާޕޯޓަށް ލިބޭ ކަނެކްޓިވިޓީ އިތުރުވެގެންދާނެ ކަމަށެވެ.
މި ރަސްމިއްޔާތަށް ފަހު ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވިދާޅުވީ، މި ދަތުރުތަކުގެ ސަބަބުން ރާއްޖެއަށް ދަތުރުކުރާ މެދު އިރުމަތީގެ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެއަރ އަރަބިއާ އާއި ގުޅިގެން މާކެޓިންގ ހަރަކާތްތައް ހިންގުމަށް މަގުފަހިވެގެންދާނެ ކަމަށް ޝިއުރީ ވިދާޅުވިއެވެ.
"ކަނެކްޓިވިޓީ އަކީ އެންމެ މުހިންމު އެއް ތަނބު. އެއަރ އަރަބިއާގެ ދަތުރުތަކާއި އެކު މެދުއިރުމަތީގެ މާކެޓަށް ކުރިއެރުން ލިބޭނެ. އަޅުގަނޑުމެން އިތުރު ރޯޑްޝޯވ ތަކާއި ޕްރޮމޯޝަނަލް އިތުރު ހަރަކާތްތައް އެއަރ އަރަބިއާ ގުޅިގެން ބާއްވާނަން" ޝިއުރީ ވިދާޅުވިއެވެ.
އެއަރ އަރަބިއާގެ ދަތުރުތައް ރާއްޖެއަށް ފެށުމާއެކު، ދުވާލަކު އެއް ދަތުރު ޔޫއޭއީއާއި މާލެއާއި ދެމެދު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުތައް ކުރާނީ އެއަރބަސް އޭ-320 މަރުކާގެ ބޯޓުތަކުގައި ކަމަށް އެއަރ އަރަބިއާއިން ބުނެއެވެ.
ރާއްޖެއަށް ދަތުރުކުރާ ޝެޑިއުލް އެއާލައިންތަކުގެ އަދަދު 40އަށް ވުރެ މައްޗަށް އަރާފައިވާއިރު، ސަރުކާރުގެ އަމާޒަކީ މިއަހަރު 2 މިލިއަން ފަތުރުވެރިން ގެނައުމެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން ޒިޔާރާތްކޮށްފައިވާއިރު، ސަރުކާރުން އަންދާޒާ ކުރަނީ 2 މިލިއަން ފަތުރުވެރިން ޑިސެމްބަރު މަހުގެ މެދެއްހާ ތަނަށް ހަމަވާނެ ކަމަށެވެ.