ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ސަރުކާރުން ބޭހުގެ އަގު ކޮންޓްރޯލްކުރުމަށް ނިންމަވައި، އެކަންކުރުމަށް ފުރަތަމަ ފިޔަވަހީގަައި އަޅުއވާނެ ފިޔަވަޅުތައް އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި އެޅުއްވުމަށް ނިންމަވައިފިއެވެ.
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ، އެންސްޕާއިން ވިދާޅުވީ ފުރަތަމަ މަރުޙަލާގެ ދަށުން 250 ބޭހެއްގެ އަގު ކޮންޓްރޯލްކުރުމަށްވަނީ ނިންމާފައެވެ.
ސަރުކާރުގެ ބޭސްފަރުވާގެ ނިޒާމުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް އަދި އިސްރާފެއްވެސް ކުރެވޭ އެއްދާއިރާއަކީ ބޭސްގަތުމަށް ކުރެވޭ ހޭދަކަން ސަރުކާރުން ފާހަގަކުރައްވައެވެ. މިގޮތުން ސަރުކާރުގެ ހެލްތު އިންޝުއަރެންސްކަމަށްވާ އާސަންދައިގެ ދަށުން ބޭހަށް ކުރެވޭ ހޭދަ އަހަރުން އަހަރަށް ދަނީ އިތުރުވަމުންނެވެ. މިމައްސަލައަށް ޙައްލެއް ގެނެސް ކޮލިޓީ ބޭސް ރައްޔިތުންނަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. މިގޮތުން ބޭހުގެ އަގު އަތްނުފޯރާ ފަށުގައި ފައިދާ ލައިގެން ވިއްކަމުންދާ ދިޔުން ހުއްޓުވުމަށް އެޅެންހުރި ފިޔަވަޅުތައް ވީއެންމެ އަވަހަށް އެޅުއްވުމަށް ކަމާ ގުޅުންހުރި ހުރިހާ އިދާރާއަކަށް ރައީސުލްޖުމްހޫރިއްޔާ އެންގެވީ މިދިޔަ މަހުގައެވެ.
އެންސްޕާއިން ނެރުއްވި އިޢުލާނެއްގައި ވިދާޅުވީ އެކި މަރުޙަލާތަކަށް ބަހާލައިގެން ފެއްޓެވި މިމަސައްކަތުގެ ދަށުން 250 ބޭހެއްގެ އަގު ކޮންޓްރޯލްކުރުމަށް ސަރުކާރުން ނިންމަވާފައިވާކަމަށެވެ. އެގޮތުން އަންނަ ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 87 ބެހެއްގެ އަގަށް ބަދަލު ގެނައުމަށް އަދި 126 ބޭހެއްގެ އަގަށް ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުން ފެށިގެން ބަދަލު ގެނައުމަށް ވަނީ ނިންމަވާފައެވެ.
އެންސްޕާއިން ވިދާޅުވީ މީގެ ސަބަބުން ބޭހަށް ދައުލަތުން ކުރާ ޚަރަދުން އަހަރަކު 220 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެކަމަށެވެ. އަދި އާސަންދައިގެ ދަށުން ހިލޭ ރައްޔިތުންނަށް ބޭސް ފޯރުކޮށް ދިނުމުގެ ނިޒާމަށް މީގެ ސަބަބުން އެއްވެސް ބަދަލެއް ނާންނާނެކަމަށްވެސް އެސްޕާއިން ފާހަގަކުރައްވައެވެ.
އެ އޭޖެންސީން ވިދާޅުވީ، މިފިޔަވަޅާއެކު ކުރިން އަގު ބޮޑުކޮށް ވިއްކަމުންދިޔަ ބޭހުގެ އަގު ހެޔޮވެގެންދާނެކަމަށެވެ. އެގޮތުން ބޭސް ލިސްޓުގައި ހިމެނޭ ބޭސްތަކުން ކޮންމެވެސް އެއް ބްރޭންޑެއް އެސްޓީއޯގެ ފާމަސީތައް މެދުވެރިކޮށް އިތުރު އަގަކާނުލާ ބޭސް ލިބެން ހުންނާނެކަމަށް އެންސްޕާއިން ވިދާޅުވެއެވެ. އަދި އާސަންދަ ސްކީމްގައި ރަޖިސްޓަރކޮށްފައިވާ އަމިއްލަ ފާމަސީތަކުގެ ތެރެއިން މިބޭސް ވިއްކުމަށް ރަޖިސްޓަރކޮށްފައިވާ ފާމަސީތައް މެދުވެރިކޮށްވެސް އިތުރު އަގަކާއި ނުލާ ބޭސް ލިބޭނެ އިންތިޒާމު ހަމަޖެހިފައި ހުންނާނެކަމަށް އެންސްޕާއިން ފާހަގަކުރައްވައެވެ.
އެންސްޕާއިން ވިދާޅުވީ ބޭހުގެ އަގަށް ބަދަލު ގެނައުމަށް ހަމަޖެހިފައިވާ ތާރީޚުތަކުން ފެށިގެން ބޭސް ލިސްޓު އާސަންދައިގެ ވެބްސައިޓުން ފެންނަން ހުންނާނެކަމަށެވެ. އަދި އާސަންދަ ސްކީމްގެ ދަށުން ޚިދުމަތް ހޯދުމަށްފަހު ފައިސާގެ ރަސީދު ހޯދުމަށް އާއްމުންގެ ކިބައިންވަނީ އެދިފައެވެ. އަދި ގަވާއިދާ ޚިލާފަށް ލިސްޓުގައި ހިމެނޭ ބޭހެއް ދޫކުރާނަމަ އެކަން "ޝިކާވަތި" މެދުވެރިކޮށް ޝަކުވާ ހުށައެޅުމަށް އެންސްޕާއިންވަނީ އިލްތިމާޒްކުރައްވާފައެވެ.