ދައުލަތުގެ ޚަރަދުތައް ކުޑަކުރެއްވުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް މަރުކަޒީ ބޭންކް، އެމްއެމްއޭއިން މަރުޙަބާ ވިދާޅުވެއްޖެއެވެ.
އެމްއެމްއޭއިން އެކަމަށް މަރުހަބާ ވިދާޅުވީ، ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓާ ގުޅޭގޮތުން އެމްއެމްއޭއިން ދެއްވި ފަންނީ ލަފާގައެވެ.
ސަޕްލިމެންޓްރީ ބަޖެޓާއި ގުޅޭގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދެއްވި ފަންނީ ލަފާގައި ވިދާޅުވީ، ސަރުކާރުގެ ޚަރަދުތައް ހަމަޖެއްސެވުމަށް މާލީ އެހީ ހަމަޖެއްސުމަށް ހުރި ދަތިތައް އިތުރުވެފައިވާކަމަށެވެ. އަދި މާލީ އެހީ ނުލިބިއްޖެ ޙާލަތެއްގައި ދައުލަތުގެ ކޭޝްފްލޯ ހަމަޖެއްސެވުމަށް ދަތިވެގެންދާނެތީ އަހަރުގެ ކުރިޔަށް އޮތް މުއްދަތުގައި ދައުލަތުގެ ޚަރަދުތައް ސްޓްރީމްލައިންކޮށް، ޚަރަދުތައް ކުޑަކުރެވޭނެ ގޮތަކަށް ކުރިޔަށް ގެންދެވުމަށް އެމްއެމްއޭއިން ލަފާ ދެއްވާފައިވެއެވެ.
އެމްއެމްއޭގެ ފަންނީ ލަފާގައި ވަނީ ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި އެމްއެމްއޭއިން ފައިސާ ޗާޕުނުކޮށް ސަރުކާރުގެ ކޭޝްފްލޯ ހަމަޖައްސަވާފައިވާކަންވެސް ފާހަގަކުރައްވާފައެވެ. އަދި އެކަން ދެމެހެއްޓުމަކީ އިޤްތިސާދީ ހަމަޖެހުމާއި، ދިވެހި ފައިސާގެ އަގު ހިފެހެއްޓުމަށް ވަރަށް މުހިއްމުކަމެއްކަން އެމްއެމްއޭއިން ފާހަގަކުރައްވައެވެ.
2024 ވަނަ އަހަރުގެ ދައުލަތުގެ ދަރަނި ކުޑަކުރުމަށްޓަކައި ރިކަރަންޓް ޚަރަދުތައް ދަށްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަވަސްކުރުމަށް އެމްއެމްއޭއިން ވަނީ ލަފާދެއްވާފައެވެ. އަދި ކެޕިޓަލް ޚަރަދު ކުރުމުގައި ކޮންމެހެން ކުރިއަށްގެންދަންޖެހޭ ޕްރޮޖެކްޓްތަކަށް އިސްކަންދިނުމަށްވެސް އެމްއެމްއޭއިން ލަފާދެއްވާފައެވެ.
އެމްއެމްއޭގެ ފަންނީ ލަފާގައި ވަނީ ސަރުކާރުން ޚަރަދު ކުޑަކޮށް އަދި ޢާމްދަނީ އިތުރުކުރުމަށް އަޅުއްވަމުންގެންދަވާ ފިޔަވަޅުތައް ފާހަގަކުރައްވާ އެކަމަށް މަރުޙަބާ ވިދާޅުވެފައެވެ. އެގޮތުން ސަރުކާރުން އިއުލާނުކޮށް، ތަންފީޒުކުރަމުންގެންދަވާ ފިސްކަލް ރިފޯމްގެ މަސައްކަތްތައްކަތާއި، ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އެމްއެމްއޭއިން ފާހަގަކުރައްވައެވެ.
އެމްއެމްއޭއިން ވިދާޅުވީ، ބޭރުގެ ފަރާތްތަކުން މިއަހަރު ހޯދުމަށް ލަފާކުރި މާލީ އެހީ ހޯދުމަށް ސަރުކާރަށް ދަތިތަކާއި ކުރިމަތިލާންޖެހުމުގެ ސަބަބުން ރާއްޖޭގެ ރަސްމީ ރިޒާވް 2023 ވަނަ އަހަރާއި އަޅާ ބަލާއިރު މިއަހަރު ހީނަރުވެފައިވާކަމަށެވެ. އެހެންކަމުން ރަސްމީ ރިޒާވް އެކަށީގެންވާ މިންވަރެއްގައި ބެހެއްޓުމަށްޓަކައި އަދި ސަރުކާރުގެ ޚަރަދުތައް ހަމަޖެއްސުމަށް ބޭރުގެ އެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާ ކުރެވޭ މިންވަރު އަހަރުގެ ބާކީ އޮތް މުއްދަތުގެ ތެރޭގައި ހޯދުމަށް ރޭވުންތެރިކަމާއެކު މަސައްކަތް ކުރުމަށްވަނީ އިރުޝާދު ދެއްވާފައެވެ. މީގެއިތުރުން ރިޒާވް ބޭންކް އޮފް އިންޑިއާއާއެކު ކަރަންސީ ސްވޮޕް ފެސިލިޓީ އަލުން ގާއިމްކުރެވި، ކުރު މުއްދަތުގައި މި ފެސިލިޓީ ބޭނުންކުރުމުގެ ފުރުސަތު ލިބިފައިވާތީ ޖުމްލަ ރިޒާވް ހިފެހެއްޓުމަށް ފަހިވެފައިވާކަންވެސް އެމްއެމްއޭއިން ފާހަގަކުރައްވައެވެ.