ޚަބަރު

5.1 ބިލިޔަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓު ފާސްކޮށްފި، ޖުމްލަ ބަޖެޓު 55 ބިލިޔަނަށް


  • ސަޕްލިމަންޓްރީ ބަޖެޓު ފާސްކުރީ އުނިއިތުރެއް ނުގެނެސް ހުށައެޅިގޮތަށް

ދައުލަތުގެ ޚަރަދުތައް ފޫބެއްދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅި 5.1 ބިލިޔަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓު ރައްޔިތުންގެ މަޖިލީހުންފާސްކޮށްފިއެވެ. ސަޕްލިމަންޓްރީ ބަޖެޓު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 75 މެންބަރުންގެ ވޯޓުންނެވެ. ދެކޮޅަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅީ މި އަހަރަށް ލަފާކޮށް ނިމިދިޔަ ރައްޔިތުންގެ މަޖިލީހުން ފާސްކުރި 49.8 ބިލިއަން ރުފިޔާގެ ބަޖެޓުން ދައުލަތުގެ ޚަރަދުތައް ހަމަޖައްސަން ދަތިވުމުންކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ސަޕްލިމެންޓަރީ ބަޖެޓުގެ ޖުމްލަ ޢަދަދަކީ 5،119،508،129(ފަސް ބިލިޔަން އެއް ސަތޭކަ ނަވާރަ މިލިޔަން ފަސްލައްކަ އަށްހާސް އެއް ސަތޭކަ ނަވާވީސް) ރުފިޔާއެވެ. މި ބަޖެޓުގެތެރޭގައި ހިމެނެނީ ރިކަރަންޓް ޚަރަދުގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 3.5 ބިލިޔަން ރުފިޔާއެވެ.

ސަޕްލިމެންޓްރީ ބަޖެޓު ދިރާސާކުރީ މާލިއްޔަތު ކޮމިޓީއާއި އިޤްތިޞާދީ ކޮމިޓީގެ މެމްބަރުންގެ މައްޗަށް އެކުލެވޭ ބަޖެޓް ދިރާސާކުރާ ކޮމިޓީންނެވެ. އަދި ކޮމިޓީންވެސް އެ ބަޖެޓު ފާސްކޮށްފައިވަނީ ސަރުކާރުން ހުށައެޅިގޮތަށް އެއްވެސް އުނިއިތުރެއް ނުގެނަހެވެ.

ސަޕްލިމެންޓްރީ ބަޖެޓުގައި ޕީއެސްއައިޕީއަށް ދެ ބިލިއަން ރުފިޔާ، ސަބްސިޑީއަށް (ތެޔޮ، ކާޑު، ކަރަންޓާއި ނަރުދަމާ އާއި ފެނުގެ ހިދުމަތް) އެއް ބިލިއަން ރުފިޔާ، ކޮންޓިންޖެންސީ ބަޖެޓަށް 650 މިލިއަން ރުފިޔާ، ސްޓޫޑެންޑް ލޯނަށް 458 މިލިއަން ރުފިޔާ އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް 441 މިލިއަން ރުފިޔާ، އެންސްޕާއަށް 263 މިލިއަން ރުފިޔާގެ އިތުރުން މެޑިކަލް ކޮންޒިއުމަބަލްސަށް 200 މިލިއަން ރުފިޔާ އަދި މުސާރައަށް 24 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.

މި ސަޕްލިމެންޓަރީ ބަޖެޓުގައި ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 640 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައެވެ. އެއީ، ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީން އިތުރު 61 މިލިއަން އަދި އެހެނިހެން އާމްދަނީގެ ގޮތުގައި 379 މިލިއަނާއި ހިލޭ އެހީގެ ގޮތުގައި 199 މިލިއަން ރުފިޔާއެވެ.

5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓާއެކު މިއަހަރުގެ ދައުލަތުގެ ބަޖެޓް 55 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.