ޚަބަރު

ދަރުމަވަންތަ ހޮސްޕިޓަލުގައި މިއަހަރު އައިވީއެފް ހަދަން ތައްޔާރުވެއްޖެ


  • އައިވީއެފްއާއި އައިޔޫއެފް ހެދޭނެ ފުރިހަމަ އިންތިޒާމްތަކެއް ހަމަޖެހޭނެ

  • ޚިދުމަތް ފެށުމަށް ބާރު ސްޕީޑްގައި މަސައްކަތް ކުރަމުންދާކަމަށް ސީއީއޯ ވިދާޅުވި

ދަރުމަވަންތަ ހޮސްޕިޓަލްގައި ފާޓިލިޓީ ސެންޓަރެއް ޤާއިމްކޮށް މިއަހަރުގެ ތެރޭ އައިވީއެފް ހަދަން ފެށުމަށް ނިންމައިފިއެވެ. ގުދުރަތީ ގޮތުން ދަރިން ނުލިބޭނަމަ އެކަމަށް އޮތް ފަރުވާއަކީ އައިޔޫއައި އަދި އައިވީއެފް މެދުވެރިކޮށް ދަރިން ހޯދުމެވެ.

ދަރިމައިވުމުގެ މައްސަލަތައް ރާއްޖޭގައި ގިނައިރު، އެ ފަރުވާއަށް ބޮޑު ހޭދައެއްކޮށް ރާއްޖޭން ބޭރުން ޚިދުމަތް ހޯދަން ޖެހުމަކީ ގިނަ ބައެއްގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ދަރުމަވަންތަ ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ޙަލީމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް ފާޓިލިޓި ސެންޓަރު ތަރައްގީކޮށް، ކުރިއަށް އޮތް މަދު ދުވަސްތަކެއްގެ ތެރޭގައި ޚިދުމަތް ދޭން ފަށާނެ ކަމަށެވެ. ދަރުމަވަންތަ ހޮސްޕިޓަލުގައި ފާޓިލިޓީ ސެންޓަރެއް ތަރައްޤީކުރުމާއެކު އެތަނުން އައިވީއެފްއާއި އައިޔޫއެފް ހެދޭނެ ފުރިހަމަ އިންތިޒާމްތަކެއް ހަމަޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހާރުވެސް އެ ޚިދުމަތް ފެށުމަށްޓަކައި އަންހެނުންގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރުންގެ ޓީމެއް ތަމްރީން ހަދާފައިވާކަމަށާއި އެޚިދުމަތް ފެށުމަށް ވަރަށް ބާރު ސްޕީޑްގައި މަސައްކަތް ކުރަމުންދާކަމަށެވެ.

" ފާޓިލިޓީ ސެންޓަރޭ މި ބުނީ އޭގެ ފުރިހަމަ މާނައިގައި. އައިވީއެފްއާއި އައިޔޫއައި ހެދޭނެ ފެންވަރަށް ހުރިހާ އިކުއިޕްމަންޓްތަކާއި އެކަމަށް ބޭނުންވާ އެކްސްޕާޓުންގެ އެހީއާއެކު." ދަރުމަވަންތަ ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ޙަލީމް ވިދާޅުވިއެވެ.

އައިވީއެފް ހެދުމަށް އެހީދޭނެ ގޮތް ކަނޑައެޅުމަށް އެންސްޕާއިން ހަދާފައިވާ ގައިޑްލައިނަށް ފެތޭ މީހުންނަށް އެއެހީގެ ދަށުން ފަރުވާ ކުރިއަށް ގެންދެވޭނެެވެ.

ރާއްޖޭގައި މިވަގުތު އައިވީއެފް ހަދައިދެނީ ޓްރީޓޮޕް ހޮސްޕިޓަލުގައި އެކަންޏެވެ. ދަރިމައިވުމަށް ބޭނުންވާ އައިވީއެފް ފަރުވާ އާސަންދައިން ހަމަޖައްސަވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ. މިވަޢުދުގެ ދަށުން މިފަރުވާ ބޭނުންވާ 100 ދެމަފިރިއަކަށް މިއަހަރު އާސަންދަ މެދުވެރިކޮށް ފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށްވަނީ ނިންމަވާފައެވެ. އަދި އެކަމަށް 30 މިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖައްސާފައިވެއެވެ.

އައިވީއެފް ފަރުވާ ރާއްޖެއާއި ރާއްޖޭން ބޭރުންވެސް ލިބޭނެ އިންތިޒާމުވަނީ ހަމަޖައްސާފައެވެ. އެގޮތުން ރާއްޖޭގެ ރަށަކުން މާލެ އަންނަ ފަރާތެއްނަމަވެސް އަދި ރާއްޖެއިން ބޭރުން ފަރުވާ ހޯދާނަމަވެސް ތިބުމުގެ ޚަރަދާއި ކެއިން ބުއިމުގެ ޚަރަދު މިފަރުވާގެ ތެރެއިން ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް އެންސްޕާއިންވަނީ ވިދާޅުވެފައެވެ.

އައިވީއެފް ފަރުވާއަށް އެދި ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ފުރަތަމަ ބުރު 153 މީހަކުވަނީ ފޯމު ހުށައަޅާފައެވެ. މީގެތެރެއިން ޝަރުތު ހަމަވާ 37 މީހެއްގެ ލިސްޓު މިހާރުވަނީ އާއްމުކޮށްފައެވެ.