ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުމާއެކު ދިވެހި ސަރުކާރުގެ ސްޓްރެޓީޖީއަށް ބަދަލު ގެންނަން ޖެހިފައިވާކަމަށް ބަންޑާރަނައިބު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ބަންޑާރަނައިބު މިހެން ވިދާޅުވީ، އެ އޮފީހުން ކުރަމުންދާ މަސައްކަތާއި ގުޅޭ މައުލޫމާތު ހާމަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ދިވެހިރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދު ދެކުނުން ފުށުއަރާކަމަށް ބުނެ އިންޓަރނޭޝަނަލް ޓްރައިބިއުނަލް އޮން ލޯ އޮފް ދަ ސީގައި މޮރިޝަސްގެ ފަރާތުން ހުށަހެޅި މައްސަލައިގެ ނިންމުން ރިވިއުކުރުމަށް ހުށަހެޅުމަށް ދިވެހި ސަރުކާރުން ވަނީ ނިންމާފައެވެ. އަދި މިކަމާއި ގުޅޭ ތަޖުރިބާކާރުން ނަގައި އެމަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. އެގޮތުން އަދި މިމަސައްކަތަށް ޚާއްސަ ސަމާލުކަމެއް ދީގެން އަވަހަށް ކުރިއަށް ގެންދިއުމަށްޓަކައި ކޮމިޓީއެއްވެސް އެކުލަވާލާފައިވެއެވެ.
ބައިނަލްއަޤްވާމީ ޤާނޫނުތައް ބުނާގޮތުން ކޮންމެ ޤައުމަކަށް ވެސް އެ ޤައުމެއްގެ ވަށައިގެންވާ ކަނޑުގެ ސަރަޙައްދުން 200 މޭލު އީއީޒެޑްގެ ގޮތުގައި ބަލާއިރު، މޮރިޝަސްއިން އެ ދަނީ ރާއްޖޭގެ ދެކުނުން އޮތް ޗާގޯސް ރަށްތަކަކީ އެ ޤައުމުގެ ބެއެއް ކަމަށް ދައްުވާ ކުރަމުންނެވެ. މިމައްސަލާގައި އިޓްލޮސްގައި ނިމިދިޔަ ސަރުކާރުން ވަކާލާތު ކުރި ގޮތުގެ ސަބަބުން ދިވެހި ރާއްޖޭގެ ދެކުނުގެ އިޤްތިޞާދީ ސަރަހައްދުން ބޮޑުބައެއް ގެއްލިފައިވާކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.
ދިވެހި ސަރުކާރުން މިމައްސަލަ ރިވިއުކުރުމަށް އިޓްލޮސް އަށް ހުށަހެޅުމަށް މަސައްކަތް ކުރަމުންދަނިކޮށް ދާއި ފަހުން އިނގިރޭސިވިލާތުން ވަނީ ޗާގޯސް ރަށްތަކުގެ ސިޔާދަތީބާރު މޮރިޝަސްއަށް ދިނުމަށް ނިންމާފައެވެ.
ބަންޑާރަނައިބު އަހުމަދު އުޝާމް ވަނީ އިންގިރޭސިވިލާތުގެ މި ނިންމުމުގެ ސަބަބުން ދިވެހި ރާއްޖެއިން މިމައްސަލާގައި ގެންގުޅޭ ސްޓެރެޓެޖީ ބަދަލުކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި މިހާރު އެކަމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިކަމަށް ނަގާފައި ތިބި އިންޓަނޭޝަނަލް އެކްސްޕާޓުންގެ އެހީތެރިކަމާއެކީގައި، ރިޕޯޓެއް އެކުލަވާލާ ހުށަހެޅުމުގެ މަރުހަލާގައި ވަނިކޮށް އިނގިރޭސި ސަރުކާރުން ޗާގޯސް ރަށްތަކުގެ ސިޔާދަތީ ބާރު މޮރިޝަސް އަށް ދިނުމަށް ނިންމި ނިންމުމާއި ގުޅިގެން ގޮންޖެހުންތަކެއް އެބަހުރި. އަޅުގަނޑުމެންގެ ސްޓްރެޓެޖީ ބަދަލުކުރަން ޖެހޭ ފަދަ ނިންމުމެއް އެއީ" ބަންޑާރަ ނައިބު ވިދާޅުވިއެވެ.
ބަންޑާރަނައިބު ވިދާޅުވީ، މިމަސައްކަތުގައި ބައިނަލްއަޤްވާމީ ވަކީލުންގެ ޓީމުގެ ލަފާ ހޯދަމުންދާކަމަށެވެ. ނަމަވެސް މިކަމުގެ ރިޕޯޓު އަލުން އެކުލަވާލައި، މައްސަލަ ކުރިއަށް ގެންދެވޭނެ ދުވަހެއް އަދި ދަންނަވަން ދަތިކަމަށެވެ. މީގެ ސަބަބެއް ކަމަށް ބަންޑާރަނައިބު ވިދާޅުވެފައިވަނީ އެހެން ބަޔަކު ތައްޔާރުކޮށްފައިވާ ރިޕޯޓަކަށް ބިނާކޮށް މިމަސައްކަތް ކުރަން ޖެހުމެވެ.
އިޓްލޮސް އިން ނިންމާފައިވާ ނިންމުން ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބަންޑާރަ ނައިބުގެ އޮފީހާ ހަވާލުކުރެއްވީ މިމައްސަލައާ ގުޅޭގޮތުން ނިމިދިޔަ ސަރުކާރުން ގެންގުޅުއްވާފައިވާ ސިޔާސަތަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި، ޤާނޫނުތަކާއި ފުށުއަރާގޮތަށް އަދި ދިވެހިރާއްޖޭގެ އެންމެމަތީ މަސްލަހަތު ގެއްލޭގޮތަށް ނިންމަވާފައިވާ ނިންމުމެއްކަމަށް ފެންނާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންވަނީ ވިދާޅުވެފައެވެ.