ޚަބަރު

ސިފައިން އެއްޖަމާޢަތެއްގައި ކުރި ފަތިސް ނަމާދާއެކު ނަޞްރުގެ ދުވަހުގެ ހަރަކާތްތައް ފަށައިފި


  • ނަޞްރުގެ ދުވަހުގެ ހަރަކާތްތައް ފެށީ ސިފައިން ޖަމާޢަތުގައިކުރި ފަތިސް ނަމާދުން

ނަޞްރުގެ ދުވަހުގެ ރަސްމީ ހަރަކާތްތައް ސިފައިން އެއް ޖަމާޢަތެއްގައި ކުރި ފަތިސްނަމާދުން ފަށައިފިއެވެ.

އިސްލާމީ މަރުކަޒުގައި ކުރި މިފަތިސް ނަމާދުގައި ސިފައިންގެ އެންމެ މަތީ ވެރިޔާ އަދި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ.

އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފާއި ދައުލަތުގެ ވަޒީރުންނާއި އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ގިނަ އަދަދެއްގެ ދިވެހި ސިފައިންނާއި އާންމުންވެސް މިފަތިސް ނަމާދުގައި ބައިވެރިވެފައިވެއެވެ.

ނަޞްރުގެ ދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން 3 ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި، ގާޑް މައުންޓް ކުރުމަށްވެސްވަނީ ހަމަޖެހިފައެވެ. މި ރަސްމިއްޔާތަށްފަހު "ނަޞްރު ދުވަހުގެ ސިފައިންގެ މައުރަޒު" ހުޅުވުންވެސް އޮންނާނެއެވެ. މިއަހަރުގެ "ސިފައިންގެ މައުރަޒު" ބޭއްވުމަށް ހަމަޖެހިފައިވަނީ ނޭޝަނަލް އާޓް ގެލަރީގައެވެ.

ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހަވީރު އެމްއެންޑީއެފުން ޖުމްހޫރީ މައިދާނުގައި ޚާއްޞަ މިލިޓަރީ ޑިސްޕްލޭއެއް އާއްމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށްވެސްވަނީ ހަމަޖެހިފައިވެއެވެ.

މިދުވަސް ފާހަގަކުރުމުގެ ރަސްމީ ހަރަކާތްތައް ނިންމާލުމަށް ހަމަޖެހިފައިވަނީ މިރޭ ބާއްވާ ނަޞްރުގެ ދުވަހުގެ ޚާއްޞަ ޖަލްސާއިންނެވެ. މި ޖަލްސާ އޮންނާނީ ދަރުބާރުގޭގައެވެ.

މިއަހަރުގެ ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި އެމްއެންޑީއެފް އޭރިއާ ކޮމާންޑްތަކުގައި ވެސް ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

ނަޞްރުގެ ދުވަހަކީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަަނަ ދުވަހު ރާއްޖޭގެ މައްޗަށް އަތްގަދަކުރުމަށް ދިވެހި 6 ޚާއިންނުންނާއި ބޭރުގެ ނިރުބަވެރި ޖަމާޢަތަކާ ގުޅިގެން ދިން ކުއްލި ޢުދުވާނީ ޙަމަލާއިން ދިވެހި ސިފައިންނަށް ނަޞްރު ލިބުނު ދުވަހެވެ. ދިވެހި ސިފައިންނާއި ދުޝްމަނުންގެ މެދުގައި ކުރެވުނު ހަނގުރާމާގައި 19 ދިވެހިން ޝަހީދުވިއެވެ.