ސައުދި އަރަބިއްޔާގެ ޕްރޯ ލީގުގައި އަލް އިއްތިފާގު އާއި ދެކޮޅަށް އަލް ހިލާލް ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ތާވަލުގެ އެއްވަނަ މަގާމް ހޯދައިފި އެވެ.
ރިޔާދުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގެ ކުޅުން ނިމެން ކައިރިވެފައިވަނިކޮށް އަލް ހިލާލް ގެ މިޓްރޮވިޗް ވަނީ ލަނޑެއް ކާމިޔާބުކޮށް އެ ޓީމަށް ލީޑު ނަގައިދީފަ އެވެ.
އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ނުވަ މިނިޓަށް ވެފައިވަނިކޮށް މެލްކޮމް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ. ނަމަވެސް ގިނައިރުތަކެއް ނުވަނީސް އިއްތިފާގަށް ލިބުނު ޕެނަލްޓީއަކުން ވިޓީނިއޯ ވަނީ ލަނޑެއް ކާމިޔާބުކޮށް އެ ޓީމަށް އުންމީދު އައުކޮށްދީފަ އެވެ.
މި މެޗުގައި އަލް ހިލާލް އިން ޖެހި ތިންވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ކުޅުމުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ މުހައްމަދު އަލް ގަހުތާނީ އެވެ.
ސައުދީ ލީގުގައި އަލް ހިލާލް އަދި މި ސީޒަނުގައި މެޗަކުން ބަލިވެފައެއް ނުވެއެވެ.
މި ނަތީޖާއާއިއެކު އަލް ހިލާލް އިންވަނީ ލީގުގައި މިހާތަނަށް ކުޅުނު 10 މެޗުން 28 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ މަގާމް ހޯދާފަ އެވެ. ދެވަނައިގައި އޮތް އަލް އިއްތިހާދަށް ދިހަ މެޗުން ލިބިފައިވަނީ 27 ޕޮއިންޓެވެ.
މި މުބާރާތުގައި އިއްޔެ ރިޔާދު ސްޕޯޓްސް ކްލަބާއި ދެކޮޅަށް ކްރިސްޓިއާނޯ ރޮނާލްޑޯ ގެ އަލް ނަސްރު ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވަނީ އަލް ނަސްރު އެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އަލް ނަސްރަށް ކާމިޔާބު ކޮށްދީފައިވަނީ ސަޑިއޯ މާނޭ އެވެ.