ރައްޔިތުން މަޖިލީހަށް ހުށައަޅުއްވާފައި އޮތް އަބުރު ރައްކާތެރިކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބިލް އަނބުރާ ގެންދަވައިފިއެވެ.
އަބުރު ރައްކާތެރިކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލް މަޖިލީހަށް ހުށައެޅުއްވީ، ރައްޔިތުން މަޖްލީހުގެ މެޖޯރިޓީ ލީޑަރ ވިލިމާލެ ދާއިރާގެ މެމްބަރުން އަހުމަދު ނިހާން ހުސެއިން މަނިކެވެ. އެނާ މި ބިލް އަނބުރާ ގެންދަވާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
މި އަހަރުގެ މާރޗްމަހުގެ ތެރޭގައި ނިހާން ހުށައެޅުއްވި މި ބިލް އަނބުރާ ނަންގަވާފައިމިވަނީ އަބުރުގެ ބަދަލު ނަގައިދިނުމާއި ގުޅޭ މުޅިން އާ ބިލެއް ސަރުކާރުން މަޖްލީހަށް ހުށައެޅުއްވުމާއި ގުޅިގެންނެވެ. އަޙުމަދު ނިހާން މަޖްލީހަށް ހުށައެޅުއްވި އަބުރާއި ގުޅޭ ބިލުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރުމުން ބައެއް ނޫސްވެރިންނާއި، މޯލްޑިވިސް މީޑިއާ ކައުންސިލާއި ބައެއް ސިޔާސީ ޕާޓީތަކުން ކަންބޮޑުވުންފާޅުކޮށްފައިވެއެވެ. އަދި ބައެއް ނޫސްވެރިން އެ ބިލާއި ގުޅިގެން މުޒާހަރާވެސް ކޮށްފައިވެއެވެ.
އަނބުރާ ގެންދިޔަ ބިލްގައިވާ ގޮތުން އިސްލާމް ދީނާއި ޚިލާފަށް ޚިޔާލްފާޅުކުރުމާއި މީހެއްގެ ހައްގަކަށް ނޫނީ ނަމަށް އުނިކަން އަންނަގޮތަށް ސާބިތުނުހިފޭ ވާހަކައެއް ދައްކައިފިނަމަ އެކަމެއްގެ އަދަބެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އެއްލައްކަ ރުފިޔާއާއި ފަސްމިލިޔަން ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.