ބޮޑެތި ކުށްތަކުގެ އަދަބު ތަންފީޒުކުރަމުންދާ މީހުންގެ އަދަބު ރައީސުލްޖުމްހޫރިއްޔާއަށް ލުއިކޮށްދެއްވޭނީ އެމީހެއްގެ މައްޗަށް ކޮށްފައިވާ ހުކުމްގެ ދެބައި ކުޅަ އެއްބައި ފުރިހަމަކޮށް ނިމުމުންކަމަށް ކަނޑައަޅުއްވައިފިއެވެ.
މި ގޮތަށް ކަނޑައަޅުއްވާފައިވަނީ މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން އަދަބު ލުއިކޮށްދިނުމުގައި އަމަލުކުރާނެ ގޮތް ބަޔާންކޮށް އެކުލަވާލި ޤަވާއިދުގައެވެ.
މިއަދު އާއްމުކުރި މި ޤަވާއިދުގައި ބޮޑެތި ކުށްތަކުގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ މީހުން މެރުމުގެ ކުށާއި އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައަޅާފައިވާ ކުށްތަކާއި ޓެރަރިޒަމްގެ ކުށާއި، ސާދަ ގްރާމަށްވުރެ ގިނަ މަސްތުވާތަކެތީގެ މައްސަލާގައި އުމުރަށް ޖަލަށްލާފައިވާ ކުށްތަކާއި މަނީ ލޯންޑްރީގެ ކުށާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށެވެ. މީގެއިތުރުން އެކި މައްސަލަތަކުގައި ދިހަ އަހަރަށްވުރެ ގިނަ ދުވަހުގެ ޖަލު ހުކުމެއް އައިސްފައިވާ ކުށްތައްވެސް ހިމެނެއެވެ.
އަލަށް އަމަލުކުރަން ފެށި ގަވައިދުގައިވާ ގޮތުން ބޮޑެތި ކުށްތަކުގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ކުށްތައް ފިޔަވައި އެހެން ކުށްތަކުގައި ހުކުމް ތަންފީޒުކުރަމުންދާ މީހުންގެ އަދަބު އެމީހެއްގެ މައްޗަށްކޮށްފައިވާ ހުކުމުގެ ހަތަރުބައި ކުޅަ އެއްބައި ތަންފީޒުކޮށް ނިމުމުން ރައީސުލްޖުމްހޫރިއްޔާއަށް ލުއިކޮށްދެއްވިދާނެއެވެ.
މި ޤަވާއިދުގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާއަށް 3 ގޮތަކަށް އަދަބު ލުއިކޮށްދެއްވިދާނެއެވެ. މިގޮތުން އަދަބު ތަންފީޒުކުރުން ވަކި މުއްދަތަކަށް ފަސްކޮށްދިނުމާއި، އަދަބުގެ މުއްދަތު ކުރުކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުން މީހަކު ކުރި ކުށަކާ ގުޅިގެން އޭނާގެ މައްޗަށް ކަނޑައަޅާފައިވާ އަދަބަކީ އެ ކުށާ ގުޅިގެން އެއަށްވުރެ ލުއި އަދަބުތަކެއް ކަނޑައެޅުމަށް ގާނޫނުގައި ފުރުސަތު ލިބިގެންވާ ކުށެއްކަމުގައިވާނަމަ އޭގެ ތެރެއިން ލުއި ބާވަތެއްގެ އަދަބަކަށް ބަދަލުކޮށްދިނުމުގެ ބާރުވެސް އަލަށް އެކުލަވާލެއްވި ޤަވާއިދުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވައެވެ.
އެއްވެސް ގޮތަކުން އަދަބު ލުއިކޮށްދެވޭ މީހާ އަކީ ޝަރުއީ ކޯޓެއްގައި ޖިނާއީ ކުށެއްގެ ދައުވާއެއް އުފުލިފައިވާ މީހަކަށް ވެގެންނުވާއިރު އެމީހަކީ ޤައުމީ ސަލާމަތަށް އަދި މުޖްތަމައަށް ނުރައްކާތެރި މީހެއް ކަމަށް ފުލުހުން ކަނޑައަޅާފައިވާ މީހަކަށް ވެގެން ނުވާނޭކަމަށްވެސް މި ޤަވާއިދުގައިވެއެވެ.