އެމެރިކާގެ ކެލިފޯނިއާ ސްޓޭޓުގެ ސެން ފްރެންސިސްކޯ ބޭ އޭރިއާގައި ކުރިއަށްދިޔަ ހަވަނަ ކެރަމް ވޯލްޑް ކަޕުގެ ޓީމު އިވެންޓުން ލޯ މެޑެލް ހޯދި ރާއްޖޭގެ ގައުމީ ފިރިހެން އަދި އަންހެން ޓީމު އެނބުރި މާލެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
މިއަދު ހަވީރު ގައުމީ ޓީމު މާލެ އައުމުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ރައީސް މުޙައްމަދު އަބްދުލް ސައްތާރު (ޗަމްޕީ) އެވެ.
އެމެރިކާގެ ކެރަމް އެސޯސިއޭޝަން (ޔޫއެސްސީއޭ) ގެ އިސްނެގުމުގެ މަތިން، އިންޓަނޭޝަނަލް ކެރަމް ފެޑެރޭޝަން (އައިސީއެފް) އާ ގުޅިގެން ބޭއްވި ކެރަމް ވޯލްޑް ކަޕުން ރާއްޖޭގެ ފިރިހެން ޓީމު ލޯ މެޑެލް ހޯދީ ސިންގަޕޫރު ބަލިކުރުމަށްފަހުއެވެ. މި ފަހަރުގެ ކެރަމް ވޯލްޑް ކަޕުގައި ވާދަކުރާ ގައުމީ ފިރިހެން ޓީމުގައި ހިމެނޭ އެތުލީޓުންނަކީ އިސްމާޢީލް އަޒްމީނާއި، އިބްރާހީމް ހުޖާން އަލީ އާއި، ހަސަން ނާޒިމާއި، މުޙައްމަދު މުންތަސިރު އަދި ޚާތިމް ޚަލީލެވެ.
ލޯ މެޑެލް މެޗުގެ ފުރަތަމަ ގޭމުގައި ރާއްޖޭގެ އިސްމާޢީލް އަޒުމީން ވަނީ ސީދާ ދެ ގޭމުން ސިންގަޕޫރުގެ ވިޖޭ ބަލިކޮށްފައެވެ. އަދި ސިންގަލްސް ދެވަނަ މެޗުގައި ރާއްޖޭގެ މުންތަސިރު ވަނީ ސީދާ ދެ ގޭމުން ސިންގަޕޫރުގެ ލެނަސް އަތުން މޮޅުވެފައެވެ. އަދި ޑަބަލްސް މެޗުން ރާއްޖޭގެ ނާޒިމާއި ހުޖާންގެ ޕެއާ މޮޅުވީ ސީދާ ދެ ގޭމުންނެވެ. މި މޮޅާއެކު ރާއްޖެއިން ލޯ މެޑެލް ހޯދިއިރު، މިއީ ކެރަމް ވޯލްޑް ކަޕުގެ ތާރީޚުގައި ރާއްޖޭގެ ފިރިހެން ޓީމަށް ލިބުނު ފުރަތަމަ މެޑެއްޔެވެ.
މީގެ އިތުރުން މި މުބާރާތުން އަންހެން ޓީމު ލޯ މެޑެލް ހޯދީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ އެމެރިކާ ބަލިކުރުމަށްފަހުއެވެ. މުބާރާތުގައި ވާދަކުރާ ރާއްޖޭގެ އަންހެން ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ އައިމިނަތު ވިދާދާއި، އައިޝަތު ނަހުފާ އާއި، އައިޝަތު ފައިނާޒް އާއި، ފާތިމަތު ރަޔާނާ އަދި އައިމިނަތު ޝުބާ އާދަމެވެ.
ލޯ މެޑެލް މެޗުގެ ސިންގަލްސް ފުރަތަމަ ގޭމުގައި ރާއްޖޭގެ ވިދާދު ވަނީ އެމެރިކާގެ ސްވަޕޫރާ ކަޓްކަމް އަތުން ސީދާ ދެ ގޭމުން މޮޅުވެފައެވެ. އެކަމަކު ދެވަނަ މެޗުގައި ރާއްޖޭގެ ރަޔާނާ ވަނީ އެމެރިކާގެ ޕްރީތީ ޖަކޯޓީ އަތުންސީދާ ދެ ގޭމުން ބަލިވެފައެވެ. ނަމަވެސް ޑަބަލްސް މެޗުގައި ރާއްޖޭގެ ނަހުފާ އާއި ފައިނާޒްގެ ޕެއާ ވަނީ ސީދާ ދެ ގޭމުން މޮޅުވެ، ލޯ މެޑެލް ކަށަވަރުކޮށްފައެވެ.
ކެރަމް ވޯލްޑް ކަޕުގައި ވާދަކޮށް ރާއްޖޭގެ ފިރިހެން އަދި އަންހެން ޓީމަށް ލޯ މެޑެލް ހޯދިއިރު، މިދިޔަ އޭޕްރީލް މަހު މާލޭގައި ބޭއްވި ހަވަނަ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕުންވެސް އަންހެން ޓީމު ވަނީ ލޯ މެޑެލް ހޯދާފައެވެ. އަދި އެ މުބާރާތުގައި ރާއްޖޭގެ ފިރިހެން ޓީމު ވަނީ ރިހި މެޑެލް ހޯދާފައެވެ.