ރިޔާސީ ލޯންޗްކޮޅު ފިނިފެންމާގައި އެއްޗެއް ގޮއްވާލި ޙާދިސާއާއި ގުޅިގެން ދައުލަތުން ދައުވާ އުފުއްލަވާފައިވާ ސިފައިންގެ އިންޓެލިޖެންސް ވެރިޔާ ކެޕްޓަން އަހުމަދު ފަޔާޒާއި ސިފައިންގެ ދެ މީހުންގެ މައްސަލަ ނިންމާ މާދަމާ ހުކުމްކުރެއްވުމަށް ތާވަލްކުރައްވައިފިއެވެ.
މި މައްސަލާގައި އަހުމަދު ފަޔާޒުގެ އިތުރުން ދައުވާ އުފުއްލަވާފައި ވަނީ ސިފައިންގެ ދެ މީހުންކަމަށްވާ މޫސާ ޒަމީރާއި އަހުމަދު ތިހާމްއަށެވެ. މި ތިން މީހުންގެ މައްޗަށް ދައުވާ ކުރައްވަނީ ފިނިފެންމާ ލޯންޗްކޮޅުގައި އެއްޗެއް ގޮވި ހާދިސާއަށްފަހު އެ ލޯންޗަށް ފުލުހުން އެރުން މަނާކޮށް ހެކި ނައްތާލަން މަސައްކަތްކުރި ކަމަށް ބުނެއެވެ. މި ތިން މީހުންގެ މައްޗަށްވެސް ދައުލަތުން ކުރައްވަނީ އަދުލު އިންސާފު ޤާއިމުކުރުމަށް ހުރަސްއެޅިކަމުގެ ކުށުގެ ދައުވާއެވެ. މި ދައުވާގެ އިތުރުން ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅިކަމުގެ ކުށުގެ ދައުވާވެސް އަހުމަދު ފަޔާޒުގެ މައްޗަށް ދައުލަތުން އުފުއްލަވާފައިވެއެވެ.
މި މައްސަލައިގެ ހުކުމް އިއްވުން ތާވަލްކުރައްވާފައިވަނީ މަދާމާ އެގާރަ ޖަހާއިރަށެވެ.
ރިޔާސީ ލޯންޗްކޮޅުގައި ގޮއްވާލި އައިއީޑީ ތައްޔާރުކުރުމާއި ގޮއްވާލުމުގެ އަޑީގައި އެންމެ އިސްކޮށް ހުރިކަން ސާބިތުވެ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ފަނަރަ އަހަރަށް ޖަލަށްލުމަށް ކުރިމިނަލްކޯޓުން ވަނީ ހުކުމްކުރައްވާފައެވެ. އަދި އެކަމުގައި ބައިވެރިވިކަމުގެ ކުށް ސާބިތުވެ އަހުމަދު އަދީބުގެ ދެ ބޮޑީ ގާރޑުންކަމަށްވާ ހަސަން ރިކާޒާއި އަހުމަދު އާމިރު ދިހަ އަހަރަށް ޖަލަށްލުމަށްވެސް ކްރިމިނަލްކޯޓުން ހުކުމްކުރައްވާފައިވެއެވެ.