ޚަބަރު

އެޑިޔުކޭޝަން ސެންޓަރ ފޯ އެކްސެލެންސްގެ ނަމުގައި ސެންޓަރުތަކެއް ތަރައްޤީކުރަނީ


  • މުދައްރިސުންގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރައްވާނެކަމަށް ވިދާޅުވި

އަންނަ އަހަރު ތަޢުލީމީ ދާއިރާއިން އެންމެ ބޮޑު އިސްކަމެއް ދޭނީ މުދައްރިސުންގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށްކަމަށް ތަޢުލީމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީއު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރު 56.6 ބިލިޔަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާއިރު ތަޢުލީމީ ދާއިރާއަށް 6.1 ބިލިޔަން ރުފިޔާގެ ބަޖެޓެއް ވަނީ ކަނޑައަޅާފައެވެ.

ޕީއެސްއެމް ނިއުސްއިން ގެނެސްދިން "ހަފްތާ 52" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ތަޢުލީމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވަނީ އަންނަ އަހަރު އެ ވުޒާރާއިން އިސްކަންދީގެ ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ބައެއް މަޝްރޫޢުތައް ހިއްސާކުރައްވާފައެވެ.

އެގޮތުން ވަޒީރު ވިދާޅުވީ، އަންނަ އަހަރު އެންމެ ބޮޑު އިސްކަމެއްދެއްވާނީ މުދައްރިސުންގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށްކަމަށެވެ. މިކަން ކުރުމަށްޓަކައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި "އެޑިޔުކޭޝަން ސެންޓަރ ފޯ އެކްސެލެންސް" ގެ ނަމުގައި ސެންޓަރުތައް ޤާއިމްކުރުމަށް ނިންމާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"މިތަނުން މުދައްރިސުންނަށް ބޭނުންވާ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓާއި ޕްރިންސިޕަލުންނަށް ބޭނުންވާ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ފޯރުކޮށްދޭނެ. އަދި ސްކޫލް އިވެލުއޭޝަންގެ މަސައްކަތްތައް މިއަށްވުރެ ހަރުދަނާވެގެންދާނެ." ތަޢުލީމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ދިވެހި މުދައްރިސުން އިތުރުކުރުމަށްޓަކައި ގައުމީ ޕްރޮގްރާމއެއް މިދިޔަ މަހު ވަނީ ފަށާފައެވެ. މި ޕްރޮގްރާމްގެ ދަށުން އަހަރަކު 150 މުދައްރިސުން ތަމްރީންކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

ތަޢުލީމީ ވުޒާރާއިން ހާމަކުރައްވާފައިވާ ގޮތުގައި 2000 އަށްވުރެ ގިނަ މުދައްރިސުން އަދިވެސް ބޭނުންވެއެވެ. އަދި ޕްރައިމަރީ ގްރޭޑްތަކަށް ކިޔަވައިދޭ މުދައްރިސުން މަދުކަން ފާހަގަ ކުރައްވާ ވަޒީރު ވިދާޅުވެފައިވަނީ 250 ޕްރައިމަރީ މުދައްރިސުން ބޭނުންވާކަމަށެވެ.

މުދައްރިސުންގެ ފަންނީ ޤާބިލްކަން އިތުރުކުރުމަށް މަސައްކަތް ކުރުމުގެ އިތުރަށް މިހާރު ބޭނުންކުރަމުންދާ "މީމިސް" ގެ ބަދަލުގައި އައު އެޑިއުކޭޝަން މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމްއެއް އަންނަ އަހަރު ޤާއިމްކުރާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި ސިސްޓަމް މެދުވެރިކޮށް އެ ވުޒާރާއަށް ބޭނުންވާ މަޢުލޫމާތުތައް ފުރިހަމައަށް ލިބޭނެކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، ދަރިވަރުންގެ ރިކޯޑްސްތަކާއި ކަންކަން ނިމުމުގައި ބޭނުންވާ މަޢުލޫމާތުތައް ފަސޭހައިން މި ސިސްޓަމްގެ ތެރެއިން ލިބޭނެކަމަށެވެ.

މީގެ އިތުރުން ވަޒީރު ވަނީ ސްކޫލްތައް އޭސީ ކުރުމަށް މިހާރު ފަށާފައިވާ މަޝްރޫޢުވެސް ބަޖެޓްގެ ތެރެއިން އަންނަ އަހަރު ގިނަ ސްކޫލްތަކެއްގައި ކުރިއަށްދާނެކަން ފާހަގަކުރައްވާފައެވެ. އަދި ދަރިވަރުން ކިޔެވުމަށް ބޭނުންކުރާ ޓެކްސްޓް ފޮތްތައްވެސް އަންނަ އަހަރު ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތްތަކާއި މި ދާއިރާގެ ހިންގުން ހަރުދަނާ ކުރުމަށް ކުރަންޖެހޭ މަސައްކަތައްވެސް ޚާއްސަ އިސްކަމެއް ދީގެން ކުރައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.