ޚަބަރު

ފުރަތަމަ އަމާޒަކީ ނިއު ރޭޑިއަންޓް ދަރަނިން ސަލާމަތްކުރުން: މުބީން


ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ޗެއާމަންގެ މަގާމަށް ކުރިމަތިލެއްވީ އެ ކުލަބު އޮތީ ދަރަނީގައިކަން އެނގިތިބެގެން ކަމަށާއި، އެންމެ ފުރަތަމަ އަމާޒަކަށްވާނީ ކުލަބު ދަރަނިން ސަލާމަތްކުރުން ކަމަށް އައު ޗެއާމަން އަޙްމަދު މުބީން ވިދާޅުއްޖެއެވެ.

ނިއު ރޭޑިންޓުގެ އައު ބޯޑު އެކުލަވާލުމަށް ބޭއްވި ކޮންގްރެސްގައި އެ ޓީމާ އަލަށް ހަވާލުވި ޗެއާމަން މުބީން ވިދާޅުވީ އަލަށް އެކުލަވާލި ޓީމާއެކު ފުރަތަމަ ޑިވިޝަނުގައި ވާދަކޮށް، ސަޕޯޓަރުންނަށް އަލުން ހިނިތުންވުން ގެނެސްދެއްވާނެ ކަމަށެވެ. އަދި އަގުބޮޑުކޮށް ކުޅުންތެރިން ހޯދުމުގެ މަސައްކަތް މި ވަގުތު ނުކުރައްވާނެ ކަމަށާއި، ދަރަނިން ކުލަބު ސަލާމަތްކޮށްދޭނެ ކަމުގެ ޔަގީންކަން ސަޕޯޓަރުންނަށް އަރުވާ ކަމަށްވެސް ވިދާޅުވިއެވެ. މުބީން ވިދާޅުވީ ނިއު ރޭޑިއަންޓް ކުރިއަށްދާނީ ކުލަބު މިއަދު އޮތް ހިސާބަށް ގެނެސްދެއްވި ޚިދުމަތްތެރިންގެ ހިޔާލާއި މަޝްވަރާ ހޯއްދަވައިގެން ކަމަށެވެ.

މުބީން ވިދާޅުވީ ހަމައެކަނި ދިވެހި ފުޓްބޯޅަ މިހާރު ވެއްޓިފައި އޮތް ހިސާބުން ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތުގެ އެންމެ މުހިންމު ހިސާބުގައި ހުއްޓޭނީ ދިވެހި ފުޓްބޯޅައިގެ އެންމެ ސަޕޯޓަރުން ގިނަ ކުލަބު ކަމަށްވާ ނިއު ރޭޑިއަންޓް ކަމަށެވެ. އަދި ދިވެހި ފުޓްބޯޅަ ކުރިއެރުވުމަށްޓަކައި ނިއު ރޭޑިއަންޓާއި، ވިކްޓަރީ ސްޕޯޓްސް ކުލަބު އަދި ކުލަބު ވެލެންސިއާ، ގަލޮޅު ދަނޑުން ނުވަތަ އެހެން ދަނޑުތަކުންވެސް ފެންނަށް ޖެހޭ ކަމަށާއި، ދިވެހި ސަޕޯޓަރުންނަށް އުއްމީދެއް ގެނެސްދެވެން އޮތީ މި ހުރިހާ ކުލަބުތަކެއް ނުކުމެ، ވާދަވެރި މެޗުތަކެއް ކުޅެގެން ކަމަށެވެ. އެކަން ކުރެވޭނީ މިއަދު ނިއު ރޭޑިއަންޓުވެސް ފުރަތަމަ ޑިވިޝަނަށް އައިސް، އެ މަސައްކަތް ފަށައިގެން ކަމަށް މުބީން ވިދާޅުވިއެވެ.

މީގެ އިތުރުން މުބީން ވަނީ ނިއު ރޭޑިއަންޓް މިއަދު އޮތް ހިސާބަށް ގެނެސްދިނުމުގައި ކުރީގެ މެނޭޖުމަންޓްތަކުން ކުރެއްވި މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ.

"ނިއު ރޭޑިއަންޓުގެ ކާމިޔާބީގައި ވަރަށް ގިނަ ބައެއްގެ ހިއްސާ އެބައޮތް. ނިއު ރޭޑިއަންޓް ދެވަނަ ޑިވިޝަނަށް ނުހައްގުން ފޮނުވާލާފައިވަނިކޮށް ނިކުމެ އެ އަނދަވަޅުން ސަލާމަތްކޮށްދިނުމަށް ނިއު ރޭޑިއަންޓަށް މަސައްކަތްކޮށްދެވި ފަހުގެ މެނޭޖުމަންޓުތަކުގެ ބޭފުޅުންވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވިކަން އަޅުގަނޑުމެން ހޯދި ހޯދުންތަކުން ފެންނަށް އެބައޮތް." މުބީން ވިދާޅުވިއެވެ.

ނިއު ރޭޑިއަންޓުން މިދިޔަ ސީޒަނުގެ ދެވަނަ ޑިވިޝަނުގައި ވާދަކުރިއިރު، އެ ޓީމު ބަލިވީ ސެމީ ފައިނަލުގައި ވާދަވެރި ވިކްޓަރީ ސްޕޯޓްސް ކުލަބު އަތުންނެވެ.