ޚަބަރު

ގައުމީ ހޭންޑްބޯޅަ މުބާރާތް: އެއްވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ޖީބީ އާއި ރެޑްހޯކްސްއަށް


ގައުމީ ހޭންޑްބޯޅަ މުބާރާތުގެ އެއްވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ޖީބީ ސްޕޯޓްސް ކުލަބާއި ރެޑްހޯކްސްއިން ހޯދައިފިއެވެ.

ރޭ ކުޅުނު އަންހެން ފުރަތަމަ ޑިވިޝަންގެ ފައިނަލްގައި އޮރިކްސް އާއި ރެޑްހޯކްސް ވާދަކުރި މެޗު 29-24 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ރެޑްހޯކްސް އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރެޑްހޯކްސްގެ ފާތިމަތު ޖުނާ އެވެ. އެނާ ވަނީ މިމެޗުގައި އެ ޓީމަށް 13 ލަނޑު ކާމިޔާބުކޮށްދީފައެވެ.

ރެޑްހޯކްސް ފައިނަލުން ޖާގަހޯދީ ލީގު ބުރުގައި ކުޅުނު ހަތަރު މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު، ލަނޑުގެ ތަފާތުން ލީގު ބުރުގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އަދި އޮރިކްސް ފައިނަލުގެ ޖާގައެއް ހޯދީ ލީގު ބުރުގައި ކުޅުނު ހަތަރު މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ލީގު ބުރުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.

މީގެ އިތުރުން ފިރިހެން ފުރަތަމަ ޑިވިޝަންގެ ފައިނަލްގައި ޖީބީ ސްޕޯޓްސް ކުލަބާއި ފިއުޗާ ސްޕޯޓްސް ކުލަބު ވާދަކުރި މެޗު ފޯރިގަދަ ކުޅުމަކަށްފަހު 34-35 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޖީބީ އިންނެވެ.

ޖީބީ މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ލީގު ބުރުގައި ކުޅުނު ހަތަރު މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ލީގު ބުރުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ފިއުޗާ ފައިނަލުން ޖާގަހޯދީ ލީގުބުރުގައި ކުޅުނު ހަތަރު މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ލީގުބުރުގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

މިއަހަރުގެ ފުރަތަމަ ޑިވިޝަންގެ ފިރިހެން އަދި އަންހެން ބައިގައި ބައިވެރިވެފައިވަނީ ތިން ޓީމެވެ. އެގޮތުން މި ޑިވިޝަންގެ މެޗުތައް ގެންގޮސްފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއެކު ދެ މެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެ ޓީމު ފައިނަލަށް ހޮވޭ ގޮތަށެވެ. ދެވަނަ ޑިވިޝަންގެ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ މާލެ ހޭންޑްބޯޅަ ސްޓޭޑިއަމްގައެވެ.