ޚަބަރު

އަންހެން ވިޔަފާރިވެރިން ކުރިއެރުވުމަށް ތަޢާރަފްކުރި "ފަށާ މަދަދު" ލޯނު 60 މީހަކަށް ދޫކޮށްފި


  • މިއީ ހަފްތާ14 ގެ ވައުދެއް

  • ޚާއްސަ އެހީއަށް ބޭނުންވާ 4 ފަރާތަކަށްވެސް ލޯނު ދޫކުރި

އަންހެނުން ހިންގާ ވިޔަފާރިތައް އިތުރަށް ކުރިއެރުވުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި މި ސަރުކާރުން ފެށި "ފަށާ މަދަދު" ލޯނު ސްކީމްގެ ދަށުން 60 ފަރާތަކަށް ލޯނު ދޫކޮށްފައިވާކަމަށް އެސްއެމްއީ ޑެވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ވިދާޅުވެއްޖެއެވެ.

މިއީ ސަރުކާރުގެ ހަފްތާ14 ގެ ވައުދުތަކުގެ ތެރޭގައި ހިމަނާފައިވާ ވައުދެކެވެ.

"ފަށާ މަދަދު" ލޯނު ސްކީމަކީ މި ސަރުކާރުން އަންހެން ވިޔަފާރިވެރިން ކުރިއެރުވުމަށްޓަކައި އިފްތިތާހުކޮށްފައިވާ 100 މިލިއަން ރުފިޔާގެ ލޯނު ސްކީމެކެވެ. މި ލޯނު ސްކީމް އިފްތިތާހުކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

އެސްޑީއެފްސީން ވިދާޅުވީ، 18 ނޮވެމްބަރ އާއި ހަމައަށް "ފަށާ މަދަދު" ލޯނު 60 މީހަކަށް ދޫކޮށްފައިވާކަމަށެވެ. މީގެތެރޭގައި ޚާއްސަ އެހީއަށް ބޭނުންވާ 4 މީހަކުވެސް ހިމެނެއެވެ. މި ލޯން ސްކީމުގެ %25 ޚާއްޞަ ކުރެވިފައި ވަނީ ޚާއްޞަ އެހީއަށް ބޭނުންވާ އަންހެން ބޭފުޅުންނަށެވެ.

ފަށާ މަދަދު ލޯނު ސްކީމްގެ ދަށުން މުޅިއެކު 100 މިލިއަން ރުފިޔާ ދޫކުރަން ނިންމާފައިވާއިރު މިހާތަނަށް އޭގެތެރެއިން %45 ދޫކޮށްފައިވާކަމަށް އެސްޑީއެފްސީން ވަނީ ބުނެފައެވެ.

މި ލޯނު ސްކީމް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވީ، މިފަދަ ސްކީމްތަކާއެކު އަންހެނުންނަށް ވިޔަފާރީގެ ފުރުޞަތުތައް ފަހިވެގެންދާނެ ކަމަށެވެ. އަދި އެ ފުރުޞަތުގެ ބޭނުން ހިފުމަށް ވަޒީރު ވަނީ އެދިވަޑައިގަންނަވާފައެވެ.

މި ލޯނު ސްކީމްގެ ދަށުން އަހަރަކު 6 އިންސައްތައިގެ އިންޓްރެސްޓާއެކު އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް 100،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ ޢަދަދަކަށް ލޯނު ނެގޭނެއެވެ.

އެސްޑީއެފްސީން ވިދާޅުވީ ލޯނަށް ގިނަވެގެން 12 މަސްދުވަހުގެ ގްރޭސް މުއްދަތެއް ލިބޭނެ ކަމަށެވެ. އަދި ލޯނު އަނބުރާ ދެއްކުމަށްޓަކައި 7 އަހަރު ދުވަހަށް ބަހާލެވޭނެއެވެ.