ކްރިކެޓް ބޯޑު އޮފް މޯލްޑިވްސް (ސީބީއެމް) ގެ ހިންގާ ގަވާއިދު އިސްލާހުކުރުމަށްފަހު، ކޮމިޝަނަރ އޮފް ސްޕޯޓްސްގެ އޮފީހުގައި ރަޖިސްޓަރީކޮށްފިއެވެ. ސީބީއެމްގެ ހިންގާ ގަވާއިދު އިސްލާހުކޮށްފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު ބޭއްވި އެ ބޯޑުގެ ޚާއްސަ އާންމު ޖަލްސާއެއްގައެވެ.
2008 ވަނަ އަހަރު އެކުލަވާލެވުނު ސީބީއެމްގެ ހިންގާ ގަވާއިދަށް އިސްލާހުތަކެއް ގެނެވުނީ، އޭގެ ފަހުން ފާސްކުރެވުނު ކުޅިވަރު ޖަމުއިއްޔާތައް ރަޖިސްޓަރީކޮށް ހިންގުމާބެހޭ ގަވާއިދުގައިވާ އިޖުރާތްތައް ފުރިހަމަ ކުރުމަށާއި، ބޯޑުގެ މެންބަރުން ހުށަހާޅާފައިވާ އިސްލާހުތަކެއް ހުރުމާއި، ސީބީއެމްގެ ހިންގުމަށް އައިސްފައިވާ ބަދަލުތަކާއި އަދި މެންބަރުންގެ އަދަދު އިތުރުވުމާއި ގުޅިގެން ގެންނަންޖެހޭ ބައެއް ބަދަލުތައް ގެންނަން ޖެހިފައިވާތީއެވެ.
މި ގޮތުން ގެނެވިފައިވާ ބަދަލުތަކުގެ ތެރޭގައި، ހިންގާ ކޮމިޓީގެ ކޮމްޕޮޒިޝަން ބަދަލުކުރުމާއި، ފުރިހަމަ މެންބަރުންނާއި އެސޯސިއޭޓް މެންބަރުން ކަނޑައަޅާގޮތް އިތުރަށް ތަފްސީލުކުރުމާއި، ރައީސް އާއި ނާއިބު ރައީސްގެ ދައުރުގެ މުއްދަތު ކަނޑައެޅުމުގެ އިތުރުން، ކޮމިޓީތަކުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުން ހިމެނެއެވެ. ކްރިކެޓް ބޯޑުގެ އައު ހިންގާ ގަވާއިދަށް އަމަލު ކުރަން ފަށާނީ އަންނަ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެންނެވެ.
ސީބީއެމްގެ ހިންގާ ގަވާއިދަށް ގެނެވުނު ބަދަލުތަކުގެ ސަބަބުން ބޯޑުގެ މެންބަރުންގެ ދައުރު ފުޅާވެގެންދާނެއެވެ. މިހާރު ގެނެވުނު ބަދަލުގެ ސަބަބުން ފުރިހަމަ މެންބަރުންނަށް ސީބީއެމްގެ ހިންގާ ކޮމިޓީން އިތުރު ޖާގަ ލިބޭއިރު، ކްލަބްތައް ބާރުވެރިކުރުމަށްޓަކައި އަހަރު ތެރޭ ކޮންމެ މެންބަރަކުވެސް ވަކި ވަރަކަށް މުބާރާތްތަކުގައި ބައިވެރިވުން ލާޒިމް ކުރެވިފައިވާނެ ކަމަށް ސީބީއެމް އިން ބުނެއެވެ. އަދި މެންބަރުންގެ ވޯޓިންގ ރައިޓްސް ދެމެހެއްޓުމަށްޓަކައި ވަކި ކަންކަން ފުރިހަމަ ކުރަންޖެހޭ ގޮތަށް ފާސް ކޮށްފައިވާކަމަށް ސީބީއެމްގެ ރައީސް މުޙައްމަދު ފައިޞަލް ވިދާޅުވިއެވެ.
މީގެ އިތުރުން ދެން އެންމެ ބޮޑު ބަދަލެއްގެ ގޮތުގައި ފާހަގަކުރެވެނީ ބޯޑުގެ ރައީސް އާއި ނާއިބު ރައީސްގެ ދައުރުގެ މުއްދަތު ކަނޑައެޅުމަށް ގެނެސްފައިވާ ބަދަލެވެ. އިސްލާހުކުރެވުނު ހިންގާ ގަވާއިދުގައިވާ ގޮތުން ރައީސް އާއި ނާއިބު ރައީސް އަށް ވިދިވިދިގެން ފުރިހަމަ ކުރެވޭނީ ހަތަރު އަހަރުގެ ދެ ދައުރެވެ. އެއަށްފަހު ދެން އެ މަގާމަށް އާދެވޭނީ ހިންގާ ކޮމިޓީގެ ހަތަރު އަހަރުގެ އެއް ދައުރު ހަމަވުމުންނެވެ.
މި ބަދަލާއެކު ގިނަ ފަރާތްތަކަށް ބޯޑު ހިންގުމުގެ އެންމެ މަތީ މަގާމުތަކަށް އައުމުގެ ފުރުސަތު ހުޅުވިގެން ދާނެކަމަށްވެސް ފައިޞަލް ވިދާޅުވިއެވެ.