ޚަބަރު

އަންނައަހަރު އެންމެ އިސްކަމެއްދޭނީ ނަމާދަށް އަހުުލުވެރި މުޖްތަމަޢެއް ބިނާކުރަން: ވަޒީރު ޑރ.ޝަހީމް


  • ރާއްޖޭގެ ހުރިހާ ރަށެއްގެ ހުރިހާ އުމުރުފުރާއެއްގެ މެދުގައި އަހުލުވެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގަވާނެ

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ދީނީ ހޭލުންތެރިކުރުމުގެ ޕްލޭންގެ ދަށުން އަންނަ އަހަރު އެންމެ ބޮޑު އިސްކަމެއްދޭނީ ނަމާދުކުރަން އަހުލުވެރިކުރުވުމަށް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ. ވަޒީރު ޝަހީމް މިހެން ވިދާޅުވީ މީޑިއާތަކާ ހިއްސާކުރެއްވި މެސެޖެއްގައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު މީޑިއާތަކާ ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްލޭންގައި އަންނަ 2025 ވަނަ އަހަރު އެންމެ ބޮޑު އިސްކަމެއްދޭނީ ހުރިހާ ސަރަހައްދެއްގައިވެސް ހުރިހާ އުމުރުފުރައަށް އަމާޒުކޮށް ނަމާދުކުރަން އަހުލުވެރިކުރުވުމަށާއި، ނަމާދަށް ލޯބިޖެއްސުމަށްކަމަށެވެ.

ކުޑަކުދިންނާއި ޒުވާނުންގެ ހިތުގައި އިސްލާމް ދީނަށް ލޯބި ޖައްސާ، ދީނުގެ ގިއުގަނޑުގެ ތެރެއަށް ފެތޭ މުޖުތަމަޢެއް ބިނާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެވެސް އެންމެ މުހިންމު އެއް ސިޔާސަތެވެ. އެގޮތުން ފަތިސް ނަމާދަށް ހޭލާ ރާއްޖެއެއް ދެކެވަޑައިގަންނަވަން ބޭނުންފުޅުވާކަމަށާއި، ނަމާދުގެ ޖަމާޢަތްތައް ބައިބޯވުމަށް އެދިވަޑައިގަންނަވާކަން އެކި މުނާސަބާތުތަކުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔަވަނީ ވިދާޅުވެފައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިދާއިރާއިން އެންމެ ފުރަތަމަ ކުރެއްވި އެއް މަސައްކަތަކީ، ދީނުގެ ކަންކަން އޮޅުންފިލާފައިވާ އަދި ޒަމާނަށް އަންނަމުންދާ ބަދަލުތަކުގެތެރޭގައިވެސް އިސްލާމްދީނުގެ މުހިންމު އަސާސްތަކުގެ މަތީގައި ދެމިތިބުމަށްޓަކައި ބޭނުންވާ ޢިލްމާއި ތަމްރީނު، ރަށްރަށުގެ މިސްކިތްތަކުގެ އިމާމުންނަށާއި ދީނީ ޢިލްމުވެރިންނަށް ފޯރުކޮށްދެއްވުމުގެ މަސައްކަތެވެ. އެގޮތުން ޢިލްމުވެރިންނާއި އިމާމުންނަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ޚާއްސަ ތަމްރީންތައްވަނީ ދީފައެވެ.

ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރެއިން ސްކޫލް ކުދިންނާއި ބެލެނިވެރިންގެ މެދުގައި އެންމެ މަޤުބޫލު އެއް ޕްރޮގްރާމަކީ، ގުރޭޑު 10 އަދި 12 ނިންމާ ދަރިވަރުންގެ ތެރެއިން ޚަޠީބުންނަށްވާން އެދޭ ކުދިންނަށް އެފުރުސަތު ފަހިކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ޕްރޮގްރާމެވެ. މިފަދަ ހުރިހާ ޕްރޮގްރާމްތަކެއްގެ މައިގަނޑު މަޤްސަދަކީ ދިވެހީންގެ މެދުގައި ކީރިތި ޤުރުއާނަށާއި ދީނުގެ އެހެން ރުކުންތަކަށް އޮންނަ ލޯބި އިތުރުކޮށް އަހުލުވެރިކުރުވުން ކަމަށް ސަރުކާރުން ވިދާޅުވެއެވެ.