މިހާރު ކުރިއަށްދާ އެންބީއޭ ކަޕްގެ ގްރޫޕް ސްޓޭޖުގައި މިއަދު ކުޅުނު މެޗުގައި އެންޑްރޫ ވިގިންސް ދެއްކި މޮޅުކުޅުމާއެކު ގޯލްޑެން ސްޓޭޓް ވޯރިއާސް އިން ނިއު އޯލިއާންސް ޕެލިކަންސް ބަލިކޮށް، ނޮކްއައުޓް ބުރުން ޖާގަ ހޯދައިފިއެވެ.
މި މެޗުން ވޯރިއާސް މޮޅުވީ 112-108 އިންނެވެ.
މިއީ ވެސްޓްގެ ގްރޫޕް ސީގައި ހިމެނޭ ވޯރިއާސް ކުޅުނު ތިން މެޗުގެ ތެރެއިން މޮޅުވި ތިންވަނަ ފަހަރެވެ.
ނިއު އޯލިއާންސްގެ ސްމޫތީ ކިންގ ސެންޓަރުގައި ކުޅުނު މި މެޗުގެ ފުރަތަމަ ކުއާޓާ ނިންމާލިއިރު ވޯރިއާސް އިން ލީޑްކުރަމުންދިޔައީ 34-30 އިންނެވެ. އެކަމަކު، ދެން ކުޅެވުނު ދެވަނަ ކުއާޓާގައި ހޯދި 33 ޕޮއިންޓާއެކު، ޕެލިކަންސް އިން ފުރަތަމަ ހާފު ނިންމާލީ 63-62 އިން ކުރީގަ އޮވެގެންނެވެ.
ނަމަވެސް، ދެންޖެހިގެންއައި ތިންވަނަ ކުއާޓާގައި ހަތަރު ޕޮއިންޓްގެ ލީޑަކާއެކު ވޯރިއާސް ވަނީ 25-21 އިން ކުރިހޯދާފައެވެ. އަދި، ދެން ކުޅެވުނު ހަތަރުވަނަ ކުއާޓާގައި 25-24 އިން ކުރިހޯދައި، މެޗު ކާމިޔާބުކުރީ ހަތަރު ޕޮއިންޓްގެ ލީޑަކާއެކު އެވެ.
މި މެޗުގައި ވޯރިއާސް އިން އެންމެ މޮޅު ކުޅުމެއްދެއްކި ވިގިންސް ވަނީ 30 ޕޮއިންޓް އެއްކޮށްފައެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު ސްޓެފަން ކަރީ 19 ޕޮއިންޓް އެއްކުރިއިރު، ބެންޗުން އަރައި ބަޑީ ހީލްޑް 12 ޕޮއިންޓާއެކު ހަ ރީބައުންޑް ނެގިއެވެ. މީގެއިތުރުން، އެ ޓީމުގެ ޑްރޭމަން ގްރީން ވެސް 11 ޕޮއިންޓާއެކު އަށް ރީބައުންޑް ނަގައި، ފަސް އެސިސްޓް ހެދިއެވެ.
ޕެލިކަންސް އަށް އެންމެ ގިނަ ޕޮއިންޓް އެއްކޮށްދިނީ ޓްރޭ މާރފީ އެވެ. އޭނާ 24 ޕޮއިންޓާއެކު ހަތަރު ރީބައުންޑާއި، ހަތަރު އެސިސްޓް ހެދިއެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު ޖެރެމިއާ ރޮބިންސަން-އާލް ވަނީ 19 ޕޮއިންޓާއެކު 12 ރީބައުންޑް ނަގައިފައެވެ. ބްރެންޑަން އިންގްރަމް 18 ޕޮއިންޓް އެއްކުރިއިރު، ބްރެންޑަން ބޮސްޓަން ޖޫނިއަރ 16 ޕޮއިންޓްއެއްކުރިއެވެ.
ވޯރިއާސް އަށް ދެން އޮތީ ރަށުން ބޭރުގައި ސަން އެންޓޯނިއޯ ސްޕާސްއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ. ޕެލިކަންސް ދެން ކުޅޭ މެޗުގައި ނިކުންނާނީ އިންޑިއާނާ ޕޭސާސްއާ ދެކޮޅަށެވެ.