ޚަބަރު

އެސްއޯއީތަކުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންނުކުރެވޭ ގޮތަށް ޤާނޫނެއް


  • އައު ޤާނޫނާއެކު ޕީސީބީގެ ޤާނޫނު އުވާލެވޭނެ

  • މި ޤާނޫނުގެ ތެރެއިން ކުންފުނިތައް ހިންގުން ހަރުދަނާ ކުރުމަށް އިޖުރާޢަތްތައް ކަނޑައެޅޭނެ

  • އަދި ކުންފުނިތަކުގެ ބޯޑުތަކުގެ މަސައްކަތް ވަޒަން ކުރެވޭނެ ނިޒާމެއް އެކުލަވާނެ

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ނުކުރެވޭ ގޮތް ހެދުމަށް ކުންފުނިތައް ހިންގުމަށް ޚާއްސަ ބިލެއް އަންނަ އަހަރުގެ ފުރަތަމަ ދައުރުގެ ތެރޭގައި މަޖިލީހަށް ހުށަހަޅާނެ ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ. ސަރުކާރުން މިކަން ހާމަކޮށްފައިވަނީ އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގެ ބަޖެޓް ޕޮޒިޝަން ރިޕޯޓުގައެވެ. ސަރުކާރުން ވިދާޅުވީ މިމަސައްކަތަކީ ބައިނަލްއަޤްވާމީ މާލީ އިދާރާތަކުގެ ލަފައަށް އިޖާބަ ދިނުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ.

ބަޖެޓް ޕޮޒިޝަން ރިޕޯޓުގައި ސަރުކާރު ހިއްސާވާ ކުންފުނިތައް އިސްލާހުކުރުމަށް ކުރަން ނިންމާފައިވާ ކަންކަން ވަނީ ތަފްސީލްކޮށްދެއްވާފައެވެ. އޭގެ ތެރޭގައި ކުންފުނިތައް އެއްކޮށްލުމާއި، ބައެއް ކުންފުނިތައް އުވާލުން ހިމެނެއެވެ. މިއާއެކު ދައުލަތުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ކުރާ ޚަރަދު މެދުރާސްތާގައި ކުޑަކުރެވޭނެ ކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ.

ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށް، އައު ޤާނޫނެއް އެކުލަވާލުމަށްޓަކައި މިބިލް އަންނަ އަހަރުގެ ފުރަތަމަ ދައުރުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މިބިލުގައި ކުންފުނިތަކުގެ ހިންގުން ހަރުދާނާ ކުރުމަށް އުސޫލުތައް ކަނޑައެޅި، ކުންފުނިތަކުގެ މިލްކުވެރިކަމުގެ ސިޔާސަތުތައް ކަނޑައެޅޭނެއެވެ.

މިޤާނޫނާއެކު، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ޤާނޫނު އުވާލާނެއެވެ. އަދި މިއާއެކު ކުންފުނިތަކުގެ މައި ހިއްސާދާރުގެ ހައިސިއްޔަތުން މާލީ ވުޒާރާއިން ކުންފުނިތައް ބެލެހެއްޓުމުގެ މަސައްކަތާއި ހަވާލުވާނެއެވެ. އަދި އެ ޤާނޫނުގެ ދަށުން ކަނޑައަޅާފައިވާ މުހިންމު އިޖުރާޢަތްތައް އައު ޤާނޫނުގައި ހިމެނޭނެއެވެ.

އަލަށް ތަޢާރަފްކުރާ ޤާނޫނުގެ ތެރެއިން ކުންފުނިތަކުގެ މާލީ ހިރާސްތައް ކުޑަކުރުމަށް، ގަވަރނަންސް އޮނިގަނޑެއް ޤާއިމްކޮށް، މާލީ ކަންކަން ބެލެހެއްޓުމާއި މުވައްޒަފުން ބޭނުންވާވަރަށްވުރެ އިތުރަށް ނެގުން ހުއްޓުވުމާއި، ޤާބިލްކަމަށް ބަލައިގެން މުވައްޒަފުން ނެގުމުގެ އުސޫލްތައް ކަނޑައަޅާނެއެވެ. މީގެ އިތުރުން ކުންފުނިތަކުގެ ވަސީލަތްތައް ނަހަމަ ގޮތެއްގައި ބޭނުންކުރުން ހުއްޓުވުމާއި ކޮރަޕްޝަނުގެ ނުރައްކާ ކުޑަކުރުމަށް ހާމަކަން ބޮޑު ގޮތެއްގައި ޕްރޮކިއުމެންޓްގެ ކަންކަން ހިންގާނެ އިޖުރާޢަތްތައް ކަނޑައަޅާނެއެވެ.

މިއާއެކު ކުންފުނީގެ ބޯޑުގެ މަސައްކަތް ވަޒަން ކުރާނެ އުސޫލެއް ކަނޑައެޅޭނެއެވެ. މިކަންކަމުގެ ތެރެއިން ކުންފުނިތަކުގެ ބޯޑުތަކަށް މެންބަރުން އައްޔަން ކުރުމުގެ އިޖުރާޢަތްތަކާއި، މާލީ ކަންކަން ބެލެހެއްޓުމުގެ ނިޒާމުތައް ހަރުދަނާ ކުރުމަށް މަގުފަހިވާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ދައުލަތުގެ ޚަރަދުތައް ކުޑަކޮށް ކުންފުނިތަކަށް ކުރެވޭ ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މިއަންނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓުގެ 10.2 އިންސަތައަކީ އެސްއޯއީތަކަށް ދޫކުރާ ކެޕިޓަލް އަދި ލޯނު ޚަރަދު ކަމަށް ސަރުކާރުން ވިދާޅުވެއެވެ.