އިސްރާޢީލުގެ ހުރިހާ ޕާސްޕޯޓެއް މަނާކުރުމުގެ ބަދަލުގައި ޔަހޫދީ އިސްރާޢީލުގެ އިސްވެރިންގެ ޕާސްޕޯޓް އެކަނި މަނާކުރުމަށް ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަނުން ލަފާދީފިއެވެ.
ޔަހޫދީ ޒަޔަނިސްޓު އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެނުވެވޭ ގޮތް ހެދުމަށް އިމިގްރޭޝަން ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހާ ގުޅިގެން ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ދަނީ ކަމާގުޅުންހުރި އެކި އިދާރާތަކާ ބައްދަލުކުރަމުންނެވެ. މީގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގައި ހިމެނޭ އެކި ޖަމުޢިއްޔާތައްވެސް ހިމެނެއެވެ.
ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައިސް އެސޯސިއޭޝަން ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީއަށް ހާޒިރުކުރުމުން އެ އެސޯސިއޭޝަންގެ މެންބަރުން ވިދާޅުވީ ޔަހޫދީ ދައުލަތުގެ ވެރިންނަށް ރާއްޖެއަށް ނުވަދެވޭގޮތް ހެދުމަށް ތާއީދު ކުރައްވާ ކަމަށެވެ. ނަމަވެސް އެ އިސްރާޢީލު ޕާސްޕޯޓް ގެންގުޅޭ އެންމެނަށް ރާއްޖެއަށް ނާދެވޭ ގޮތް ހެދުމަކީ އިގްތިޞާދަށް އޭގެ ސަބަބުން ގެއްލުންވާނެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
ގެސްޓްހައުސް އެސޯސިއޭޝަންގެ މެންބަރުން ވިދާޅުވީ ދުނިޔޭގެ އެކި ޤައުމުތަކުގައި ދިރިއުޅޭ ޔަހޫދީންނަށް އިސްރާއީލުގެ ޕާސްޕޯޓް ގެންގުޅުން ނުވަތަ ޑުއަލް ސިޓިޒަންޝިޕް ނެގޭއިރު އެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެނުވެވޭގޮތް ހެދުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވާނެ ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގެ ގިނަ އޮންލައިން ޕްލެޓްފޯމުތަކުގެ ބޮޑު ހިއްސާއެއް އޮންނަނީ ޔަހޫދީ ދައުލަތަށް ނިސްބަތްވާ ބައެއްގެ އަތުގައި ކަމަށްވާއިރު އެހާ ބޮޑު ނިންމުމެއް ރާއްޖެފަދަ ކުޑަ ޤައުމަކުން ނިންމުމުން އޭގެ އަސަރު އިގްތިޞާދަށް ކުރާނެ ކަމަށްވެސް އެ އެސޯސިއޭޝަނުގެ މެންބަރުން ވިދާޅުވިއެވެ.
"އަޅުގަނޑުމެން ހާސްވާ ބައިވަރު ކަންކަން އެބަހުރި ޖުމްލަކޮށް އިސްރާއީލު ޕާސްޕޯޓް ގެންގުޅޭ އެންމެނަށް ބޭންކުރެވޭ ކަމަށްވަންޏާ މީގަ ނުރަނގަޅު އަސަރުތަކެއް ކުރާނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން، އަޅުގަނޑުމެންގެ މި އިންޑަސްޓްރީއަށް. ޚާއްޞަކޮށް އޮންލައިން ޕްލެޓްފޯމްތަކުގެ މޭޖަރ ޝެއާ މިއޮންނަނީ ޔަހޫދީ ދައުލަަތށް ނިސްބަތްވާ މީހުންގެ އަތުގައި،" ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަންގެ މެންބަރުން ފާހަގަކުރެއްވިއެވެ.
ރާއްޖޭން ވަރުގަދަ ފިޔަވަޅުތަކެއް ނޭޅިނަމަވެސް ފަތުރުވެރިންގެ ތަފާސްހިސާބުތަކުން އިސްރާއީލުގެ ފަތުރުވެރިންގެ އަދަދު ދަށްވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ގެސްޓްހައުސް އެސޯސިއޭޝަންގެ މެންބަރުން ފާހަގަކުރެއްވިއެވެ. އެގޮތުން މިދިޔައަހަރު ޔަހޫދީ ދައުލަތުން 10،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިއިރު މިއަހަރު އެ އަދަދު ހުރީ 1200ގައި ކަމަށް މެންބަރުން ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ދިރާސާކުރަމުންދާއިރު އެ ބިލާމެދު ގޮތެއް ނިންމާނީ އެކި އިދާރާތަކުން ހުށަހަޅާ މައުލޫމާތުތަކަށް ރިއާޔަތްކުރުމަށްފަހުކަމަށް އެ ކޮމިޓީގެ މުގައްރިރު އަދި އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ވިދާޅުވިއެވެ.